ގަލްފުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް

އީރާނުން އުރުދުނާއި ކުވަޔިތުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ޑްރޯން ޙަމަލާތަކެއް ދީފިއެވެ. މި ޙަމަލާތަކުގެ ސަބަބުން ކުވަޔިތުގެ ހަތަރު ސިފައިން ޒަޚަމުވެފައިވާ ކަމުގައި އެ ޤައުމުގެ އަސްކަރިއްޔާއިން ކަށަވަރުކޮށްދިނެވެ. މި ހާދިސާތަކާއެކު އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ އަސްކަރީ ނުތަނަވަސްކަން މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އީރާނުގެ ތަސްނީމް ނޫސް އޭޖެންސީން ބުނީ، މި ޙަމަލާތައް އަމާޒުކޮށްފައިވަނީ އުރުދުންގެ އަޒްރަޤް އަސްކަރީ ވައިގެ ބަނދަރުގައި ހުންނަ އެމެރިކާގެ މުހިންމު ވަސީލަތްތަކަށް ކަމުގައެވެ. މީގެ ތެރޭގައި އެފް-18 މަރުކާގެ އަސްކަރީ މަތިންދާބޯޓުތަކާއި، ސިފައިން ދިރިއުޅޭ އިމާރާތްތަކާއި، އަދި ބޮޑެތި އާލާތްތައް ރައްކާކުރާ ގުދަންތައް ހިމެނެއެވެ. ތެހްރާނުން ބުނީ، މިއީ ސުލްޙައިގެ އިބުތިދާއީ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވެ، އީރާނުގެ ބިމަށް ޙަމަލާދިނުމުން ދެމުންދާ ރައްދު ޙަމަލާތަކެއް ކަމުގައެވެ.
ކުވަޔިތުގެ ދިފާޢީ ވުޒާރާގެ ތަރުޖަމާނު ސުޢޫދު ޢަބްދުލްޢަޒީޒު އަލް-ޢަޠުވާނީ ވިދާޅުވީ، އީރާނުުގެ ޙަމަލާތަކުގައި 33 ޑްރޯނާއި، ބެލިސްޓިކް މިސައިލަކާއި، ފަސް ކްރޫޒް މިސައިލް ބޭނުންކޮށްފައިވާ ކަމުގައެވެ. ޙަމަލާތަކާ ގުޅިގެން ވެއްޓޭ ބައިތަކުގައި އަތްނުލުމަށާއި، ފޮޓޯ ނުނެގުމަށް އޭނާ ވަނީ ޢާންމު ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. އަދި، ޙަމަލާތަކުގެ ފޮޓޯ ނުވަތަ ވީޑިއޯ މީސްމީޑިއާގައި ޢާންމު ނުކުރުމަށް ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ރައްޔިތުންނަށް އިރުޝާދުދީފައެވެ.
ދެ ޤައުމުގެ ދެމެދުގައި ޙަމަލާ ބަދަލުކުރުން އިތުރުވެ، ނުތަނަވަސްކަން ބޮޑުވުމާއެކު، ޖުލައި 14 ވަނަ ދުވަހު އެމެރިކާއިން ވަނީ އަނެއްކާ ވެސް އީރާންގެ ބަނދަރުތައް ޙިޞާރުކޮށްފައެވެ. އަދި، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުފަހަރަށް ޙަމަލާދިނުމުގެ ޤާބިލުކަން ނައްތައިލުމުގެ ނަމުގައި އީރާނަށް ދެމުންދާ ޢުދުވާނީ ޙަމަލާތައް ފުޅާކޮށްފައެވެ. ޕާކިސްތާނުން މެދުވެރިވެގެން ވެވުނު ޞުލްޙައިގެ އެއްބަސްވުމަކާ އެކުވެސް، ދެ ޤައުމުގެ ދެމެދުގައި ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތައް މިހާރު ވަނީ އިންތިހާއަށް ގޯސްވެ، ނުރައްކާތެރި ޙާލަތަކަށް ގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ