ވަޓްސްއެޕުން ކުޑަކުދިންނަށް ޚާއްސަ އެކައުންޓްތަކެއް ތައާރަފުކުރަނީ

ވަޓްސްއެޕް ބޭނުންކުރުމަށް ކަނޑައަޅާފައިވާ އެންމެ ދަށް އުމުރު ހަމަނުވާ ކުދިންނަށް، ބެލެނިވެރިންގެ ބެލުމުގެ ދަށުން ބޭނުންކުރެވޭނެ ޚާއްސަ "ސެކަންޑަރީ އެކައުންޓް" ތަކެއް ތައާރަފުކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ. ވަޓްސްއެޕްގެ ފީޗާތައް ދިރާސާކުރާ ޑަބްލިއުއޭބީޓާ އިންފޯއިން ހާމަކޮށްފައިވާ ގޮތުގައި، މި އާ ފީޗާގެ މައިގަނޑު ބޭނުމަކީ ކުޑަކުދިންނަށް ރައްކާތެރިކަމާއެކު މި ޕްލެޓްފޯމް ބޭނުންކުރެވޭނެ މަގު ފަހިކޮށްދިނުމެވެ. މި ސިސްޓަމްގެ ދަށުން ބެލެނިވެރިންނަށް އެމީހުންގެ އެކައުންޓާ ކުއްޖާގެ އެކައުންޓް ގުޅާލެވޭނީ ކިއުއާރު ކޯޑެއް ސްކޭން ކޮށްގެންނެވެ. އަދި އެކައުންޓަށް މުހިންމު ބަދަލެއް ގެނައުމަށް ނުވަތަ ހުއްދަ ދިނުމަށް 6 ނަންބަރުގެ ޚާއްސަ ޕިން ކޯޑެއް ބެލެނިވެރިން ސެޓްކުރަން ޖެހޭނެއެވެ. ކުޑަކުދިންގެ އެކައުންޓްތަކުގައި ބައެއް ފީޗާތައް ނުހުންނާނެ --- ކުޑަކުދިން ބޭނުންކުރާ މި އެކައުންޓްތަކުގައި ބައެއް އާންމު ފީޗާތައް ބޭނުންނުކުރެވޭ ގޮތަށް ވަނީ ހިފަހައްޓާފައެވެ. އެގޮތުން، ވަޓްސްއެޕްގެ "އަޕްޑޭޓްސް" ޓެބްގައި ހިމެނޭ ޗެނަލްތަކާއި ބްރޯޑްކާސްޓް ކޮންޓެންޓްތައް މިފަދަ އެކައުންޓްތަކަކަށް ނުފެންނާނެއެވެ. މީގެ އިތުރުން، ޗެޓްތައް ފޮރުވުމަށް ބޭނުންކުރާ "ޗެޓް ލޮކް" ފީޗާވެސް މި އެކައުންޓްތަކުގައި ބޭނުން ނުކުރެވޭނެއެވެ. މިއީ ބެލެނިވެރިންނަށް ކުއްޖާގެ ފޯނުން ޗެޓްތައް ބަލަން ބޭނުންވެއްޖެ ހާލަތެއްގައި އެ ފުރުސަތު ދިނުމަށާއި، ކުއްޖާގެ ހަރަކާތްތައް ސިއްރުވިޔަ ނުދިނުމަށް ނިންމާފައިވާ ނިންމުމެކެވެ. ކުޑަކުދިންގެ އެކައުންޓުން މެސެޖު ކުރެވޭނީ ހަމައެކަނި ފޯނުގައި ސޭވްކޮށްފައިވާ ނަންބަރުތަކަށް އެކަންޏެވެ. މި އެކައުންޓްތަކުގައިވެސް އެންޑް-ޓު-އެންޑް އެންކްރިޕްޝަން ހިމެނޭތީ، ބެލެނިވެރިންނަކަށް ކުދިން ކުރާ މެސެޖުތަކާއި ކޯލްތަކުގެ ތަފްސީލެއް ނުފެންނާނެއެވެ. ނަމަވެސް އާ ކޮންޓެކްޓެއް އިތުރުކުރުން ފަދަ ކަންކަން ބެލެނިވެރިންނަށް މޮނިޓާ ކުރެވޭނެއެވެ. ކުއްޖާގެ އުމުރުން ވަޓްސްއެޕް ބޭނުންކުރުމަށް ހުއްދަދޭ އުމުރު ހަމަވަންދެން މި އެކައުންޓް ބެލެނިވެރިޔާގެ އެކައުންޓާ ގުޅިފައި ހުންނާނެއެވެ. އަދި އުމުރު ހަމަވުމުން، ވަޓްސްއެޕްގެ އާންމު އުސޫލުތަކަށް އެއްބަސްވެ، އެކައުންޓް އާދައިގެ އެކައުންޓަކަށް ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ފީޗާއަކީ މިހާރު ތަރައްގީކުރުމުގެ މަރުހަލާގައިވާ ކަމަކަށްވާތީ، މިއީ އަދި ބީޓާ ޓެސްޓަރުންނަށްވެސް އާންމުކޮށްފައިވާ ފީޗާއެއް ނޫނެވެ. ވަޓްސްއެޕުން މިހާރު މަސައްކަތް ކުރަމުންދަނީ ކުރިއަށް އޮތް އަޕްޑޭޓެއްގައި މި ޚިދުމަތް ރަސްމީކޮށް ތައާރަފުކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ