ފިރިހެނުން އަޅާ ކަހަލަ ޓައީ އަންހެން ކުދިން އެޅުވުމަކީ ފާސިދު ކަމެއް: ހަސަން ހަމީދު ފިރިހެނުން އަޅާ ކަހަލަ ޓައީ އަންހެން ކުދިން އެޅުވުމަކީ ފާސިދު ކަމެއް: ހަސަން ހަމީދު

ފިރިހެނުން އަޅާ ކަހަލަ ޓައީ އަންހެން ކުދީން އެޅުވުމަކީ ފާސިދު ކަމެއްކަމަށް ގަބޫލުކުރެވޭ ކަމަށް ހަސަން ހަމީދު ވިދާޅުވެއްޖެ އެވެ.
އިލްމީ ގިނަ ލިޔުންތަކެއް ޝާއިއުކޮށްފައިވާ ހަސަންގެ ބްލޮގްގައި ވިދާޅުވީ އިސްލާމީ ނަޒަރުން ފިރިހެނުންގެ ހެދުމާއި އަންހެނުންގެ ހެދުން ތަފާތުވާން ޖެހޭއިރު، ގާތްގަނޑަކަށް މައްޗާއި ތިރި އެއްގޮތަކަށް ހުންނަ، އަދި ފިރިހެނުން އަޅާ ކަހަލަ ޓައި އަންހެން ކުދިން އެޅުވުމަކީ ފާސިދު ކަމެއްކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
"ފިރިހެނުން އަޅާ ކަހަލަ ޓައީ އަޅައިގެން އަންހެނުން އުޅޭ ތަނެއް، ރާއްޖޭގެ އެއްވެސް ކާރުހާނާއަކުން، އޮފީހަކުން، ހޮސްޕިޓަލަކުން ނުވަތަ އެހެންވެސް ވަޒީފާ އަދާކުރާތަނަކުން އަޅުގަނޑަށް ފެނިފައެއް ނުވޭ. އަޅުގަނޑަށް މިއުޅެވެނީ ދިވެހީންގެ ރާއްޖެއަކު ނޫންބާ،" ހަސަން ލިޔުއްވާފައިވެ އެވެ.
ހަސަން ވިދާޅުވީ އަންހެން ދަރިވަރުން ޓައި އަޅުވާނަމަ ފެންނަނީ އެހެން ބާވަތެއްގެ ޓައިއެއް އެޅުމަށް ކަމަށާއި އެއީ ޖަޕާނުގައި އެކަން ކުރާ ގޮތް ކަމަށެވެ. އެއާއެކު އެފަދަ ޓައިގައި އަންހެންވަންތަ ސިފަޖަހާފައި، ރީތިވެފައި ދާހިއްލުން ވެސް ކުޑަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓައި އެޅުމާމެދު ހަސަން އިންކާރުކުރައްވާ މައިގަނޑު އެއް ސަބަބަކީ ރާއްޖޭގެ ސްކޫލްތަކުގެ ކުދިންގެ ތެރެއިން ވަރަށް މަދު ބަޔަކަށް ނޫނީ ޓައި އަޅައިގެން ވަޒީފާ އަދާކުރާނޭ ފުރުސަތެއް ނުލިބޭއިރު، ޓައި އެޅުމުގެ ސަބަބުން ބޮޑަށް ދާހިއްލައި، ކިޔެވުމަށް ދޭ ސަމާލުކަން ކުޑަވެ، އޭސީ ކުރުމަށްދާ ހަރަދު ވެސް ބޮޑުވުމުން ޔުނިފޯމަށް ގެނައި ބަދަލަކީ ފަސޭހަކުރުން ކަމުގައިވާނަމަ މަގްސަދު ހާސިލުނުވާތީ އެވެ.
"ކަރުގައި މާނިޔަ މަހެއް އައްސައިގެން މަދަރުސާގައި އުޅޭއިރު، މި މަގްސަދު ހާސިލުވާނެކަމަކަށް އަޅުގަނޑަކަށް ނުފެނޭ،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އިސްލާމީ ނަޒަރަކުން ބަލާއިރު އަންހެނުންނާއި ފިރިހެނުންގެ ހެދުން ތަފާތު ކުރުމަކީ ކުރަން ޖެހޭ ކަމަކަށް ވިޔަސް، އައު ގަވާއިދުގެ ދަށުން ދެ ޖިންސުގެ ހެދުމުގެ މަތީކޮޅު އެއްގޮތް ވާނެކަން ޑރ. ހަސަން ހަމީދު ފާހަގަކުރެއްވި އެވެ.
އަންނަ އަހަރުން ފެށިގެން އަމަލުކުރަން ޖެހޭ ގޮތަށް އެކުލަވާލާފައިވާ ސްކޫލް ކުދިންގެ ޔުނިފޯމް އެޅުމުގެ ގަވާއިދުގައި އޮތް ގޮތުން މަތީ ސާނަވީގެ ހުރިހާ ކުދިން ކަރުގައި ދިގު ޓައީއެއް އަޅަން ޖެހޭއިރު، ދަށު ސާނަވީ ދަރިވަރުން ޓައީ އެޅުން ވަނީ ސްކޫލްތަކުން ބޭނުން ގޮތަކަށް ނިންމަން ދޫކޮށްލާފަ އެވެ.
ސަރުކާރު ސްކޫލްތަކުގެ ޔުނިފޯމުތައް އެއްގޮތްކުރަން އައު އުސޫލުގެ ދަށުން ބޭނުންކުރެވޭނީ ހަމައެކަނި ގައުމީ ދިދައިގެ ކުލަތަކުގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ކުލަ އެވެ.
އުސޫލުގެ ދަށުން ސްކޫލްތަކުގެ ޔުނިފޯމު ބަދަލު ކުރުމުގެ ކުރިން، އެ ސްކޫލަކުން އިހުތިޔާރުކުރާ ޔުނިފޯމުގެ ކުލަތަކުގެ ތަފްސީލް މިނިސްޓްރީއަށް ހުށަހަޅައި ފާސްކުރަން ޖެހޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ