ޑީއާރުޕީގެ ދަރަންޏަށް މައުމޫން ޒިންމާކުރުވާތީ ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުގައި ފަށަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެންމެ ފުރަތަމަ އުފެއްދެވި ސިޔާސީ ޕާޓީ، ޑީއާރުޕީގެ ދަރަންޏަށް އެ މަނިކުފާނު ޒިންމާ ކުރުވާތީ ސުޕްރީމް ކޯޓަށް އެ މަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލަ އެ ކޯޓުގައި މި ހަފުތާއަށް ތާވަލުކޮށްފިއެވެ. އެމްޓީސީސީން ހޯދާފައި އޮތް ޚިދުމަތްތަކަށް 1.1 މިލިއަން ރުފިޔާ ނުދައްކައި އޮއްވައި އިލެކްޝަންސް ކޮމިޝަން (އީސީ)ން ޑީއާރުޕީ އުވައިލުމުން އެމްޓީސީސީން ވަނީ އެ ފައިސާ ޑީއާރުޕީގެ ފުރަތަމަ ޒައީމު، މައުމޫންގެ އަތްޕުޅުން ހޯދަން އެދި ދައުވާކޮށްފައެވެ. އެކަމަކު، ސިވިލް ކޯޓުން ވަނީ އެ މައްސަލައިގައި މައުމޫން ޒިންމާނުކުރުވޭނެ ކަމަށް ހުކުމްކޮށްފައެވެ. އެ މައްސަލަ އެމްޓީސީސީން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. މައުމޫންގެ ފަރާތްޕުޅުން އެ މައްސަލަ އެގޮތަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދޭން އެދުނު ނަމަވެސް ހައިކޯޓުން ވަނީ މައްސަލަ ކުރިއަށް ގެންދަން ނިންމައިފައެވެ. އެހެންވެ، ހައިކޯޓުގެ އެ ނިންމުން އިސްތިއުނާފުކުރަން މައުމޫންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ އޭޕްރީލް މަހެވެ. ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ މި ހަފުތާގެ ބުދަ ދުވަހުގެ ހެނދުނު 9:00 އަށް ތާވަލުކޮށްފައެވެ. އެ ކޯޓުގައި މައްސަލަ ބައްލަވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ. މައުމޫންގެ ފަރާތްޕުޅުން އަންނަނީ ޑީއާރުޕީގެ ދަރަންޏަށް ޒިންމާވާން ނުޖެހޭނެ ކަމަށް ވިދާޅުވަމުންނެވެ. މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ޑީއާރުޕީގެ ދަރަންޏަށް ތިންވަނަ ފަރާތެއް ޒިންމާކުރެވޭނީ އެ ފަރާތެއް އެ ގޮތަށް ރުހޭ ނަމަ ކަމަށެވެ. އެކަމަކު، މައުމޫންގެ ފަރާތްޕުޅުން އެ ކަމަށް އިންކާރުކުރާތީ، އެ ދަރަންޏަށް އެ މަނިކުފާނު ޒިންމާނުކުރެވޭނެ ކަމަށް ހުކުމުގައި ބުނެފައިވެއެވެ. ޑީއާރުޕީ އުފެއްދެވީއިރު ޒައީމްގެ ގޮތުގައި އެ ޕާޓީގައި އިސްކޮށް ހުންނެވީ އޭރު ރައީސުލްޖުމްހޫރިއްޔާކަމުގައި ހުންނެވި މައުމޫނެވެ. އެކަމަކު، ޕާޓީ ތެރޭގައި ހިޔާލު ތަފާތުވުން ބޮޑުވެ، މައުމޫން ވަނީ ޑީއާރުޕީ ދޫކުރައްވައި އަމިއްލަފުޅަށް ވަޑައިގެންފައެވެ. އޭގެ ފަހުން ޕީޕީއެމް ފުރަތަމަ އުފެއްދީ އެ މަނިކުފާނު އިސްވެ ހުންނަވައެވެ. އެކަމަކު، އެއްބަފައި ކޮއްކޯފުޅު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެމެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު، 2016 ވަނަ އަހަރު މައުމޫން ޕީޕީއެމުން ވަކިކުރިއެވެ. އޭގެ ފަހުން، މައުމޫން ވަނީ އެމްއާރުއެމްގެ ނަމުގައި އަމިއްލަފުޅު ޕާޓީއެއް އުފައްދަވައިފައެވެ. އީސީން ޑީއާރުޕީ އުވައިލީ ގާނޫނުން ލާޒިމުކުރާ 3،000 މެންބަރުން ހަމަނުވެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ