ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްގެ ބަންދު މުއްދަތު އިތުރުކުރި ރަނގަޅަށް ނޫން ކަމަށް ބުނެ އޭނާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް މިއަދު އިއްވަން ތާވަލްކޮށްފި އެވެ.
ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ މަހްލޫފް ހައްޔަރުކޮށް، އޭނާގެ ބަންދުގެ މުއްދަތު ތިން ފަހަރެއްގެ މަތިން އިތުރުކޮށްފައިވާއިރު އޭނާގެ ފަރާތުން އިސްތިއުނާފްކޮށްފައިވަނީ އޭނާ 15 ދުވަހަށް ފުލުހުންގެ ބަންދުގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރެވެ. އެގޮތަށް ކޯޓުން އަމުރު ކުރީ މުޒާހަރާތަކަށް ނުދާން ކޯޓުން ކުރި ޝަރުތު އޭނާ ގަބޫލު ނުކުރެއްވުމުންނެވެ.
އެ މައްސަލަ މަހްލޫފްގެ ފަރާތުން އިސްތިއުނާފް ކުރުމުން މިދިޔަ ބުރާސްފަތި ދުވަހު ފެށި ހައި ކޯޓުގައި ފެށި އެ ޝަރީއަތުގައި އެދުވަހު ވަނީ އެ މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް ނިންމާލައިފަ އެވެ. އެހެންވެ އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް ކުރުމެވެ.
މިއަދު އެ މައްސަލަ ތާވަލްކޮށްފައިވަނީ މެންދުރު 2:30 އަށެވެ.
މަހްލޫފްގެ ދިފާއުގައި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަކާލާތު ކުރައްވާ އެ މައްސަލައިގައި ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވެސް ވަނީ އަސާސީ ހައްގު ގެއްލޭ ގޮތަށް ޝަރުތު ނުކުރެވޭނެ ކަމަށް ބުނެފަ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވެސް ވިދާޅުވެފައިވަނީ އެގޮތަށް ޝަރުތު ކުރުމަކީ ގާނޫނު އަސާސީއާ ޚިލާފް ކަމެއް ކަމަށް ވެދާނެ ކަމަށް ވިދާޅުވެފަ އެވެ.
މަހްލޫފްގެ ބަންދު މުއްދަތު އިތުރުކުރި މައްސަލައިގެ ހުކުމް ހައި ކޯޓުން މިއަދު އިއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ