ދުނިޔޭގެ އެހެން ގައުމުތަކުގައި ސްޕޯޓްސް ކޯޕަރޭޝަންތައް ވިޔަފާރި މޮޑެލް އަށް ހިންގައި ކުޅިވަރު ތަރައްގީކުރެވޭނެ ގޮތްތައް ހަދާފައި އެބަހުރި ކަމަށާއި، އެހެންނަމަވެސް ރާއްޖޭގެ ސްޕޯޓްސް ކޯޕަރޭޝަން ފެންނަނީ ފެރަލައިޒް ވެފައި އޮތް ތަނެއްގެ ގޮތުގައި ކަމަށް މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ޠާރިޤު ވިދާޅުވެއްޖެއެވެ.
ޠާރިޤު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ކުޅިވަރު ގާނޫނަށް އިސްލާހުގެނައުމުގެ ބިލަށް އިއްޔެ އޮތް މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރައްވަމުން، އެ ބިލުގައި ހިމަނާފައިވާ ސްޕޯޓްސް ކޯޕަރޭޝަން އުވާލުމުގެ ބާބަށް ތާއީދުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ކުޅިވަރު ގާނޫނުގެ ދަށުން އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަނަށް އެއްވެސް މަސައްކަތެއް ނުކުރެވޭތީ، އެ ކޯޕަރޭޝަން އުވާލަން ފެންނަ ކަމަށް ވިދާޅުވެ ޠާރިޤު ވިދާޅުވީ އެކަން ރާއްޖެއަށް "އެޕްލިކަބަލް" ނުވާ ކަމަށާއި، ކުޅިވަރާ ބެހޭ ވުޒާރާ އާއި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ސްޕޯޓްސް ކޯޕަރޭޝަން ބާރުވެރިވާ ތަނެއް ނުފެންނަ ކަމަށެވެ. އަދި އެ ކޯޕަރޭޝަނަށް އައްޔަންކުރާ ބޭފުޅުންނަށް އެކަން ނުކުރެވޭ ކަމަށާއި، އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ރާއްޖޭގައި އެކަން ކުރެވޭނެ ގޮތަކަށް ތަރުތީބުކުރުން ކަމަށްވެސް ވިދާޅުވއެވެ. އެގޮތުން ސްޕޯޓްސް ކޯޕަރޭޝަން މިހާރު އުވާލަން ވެއްޖެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ޠާރިޤު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލަށް ފުޅާދާއިރާއެއްގައި ވާހަކަފުޅު ދައްކަވަމުން ޠާރިޤު ވިދާޅުވީ، ދިވެހިރާއްޖޭގެ ކުޅިވަރުގެ ގާނޫނު ވުޖޫދުވެގެން އައިއިރު، އެ ގާނޫނު ފަރުމާ ކޮށްފައި އޮތީ ސްޕޯޓްސް ކޯޕަރޭޝަނެއް އުފައްދައި، އެ ކޯޕަރޭޝަނަކީ އަމިއްލައަށް ފައިސާ ހޯދައިގެން ފަންޑުކޮށްގެން ހިންގޭ ތަނެއްގެ ގޮތުގައި ކަމަށެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް އައިރުވެސް އެކަން އެގޮތަށް ނުދާކަން ފާހަގަކުރައްވައި ޠާރިޤު ވިދާޅުވި އެކަން "އިމްޕްލިމެންޓް" ކުރެވޭތޯ ފާއިތުވި އަހަރުތަކުގައި މަސައްކަތް ކުރި ނަމަވެސް، ނަތީޖާއެއް ނެރެވިފައިނުވާ ކަމަށެވެ.
ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ޖެހޭ ކަމަށް ޠާރިޤު ވިދާޅުވިއިރު، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައިވެސް ވަނީ ސްޕޯޓްސް ކޯޕަރޭޝަން އުވާލުން ހިމެނޭ ގޮތަށް ކުޅިވަރާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅާފައެވެ. އެކަމަކު އެ ފަހަރު މަޖިލީހުގައި ސްޕޯޓްސް ކޯޕަރޭޝަން އުވާލުމުގެ ކަންކަން ކުރިއަށް ގޮސްފައެއް ނުވެއެވެ.
ސްޕޯޓްސް ކޯޕަރޭޝަން އޮތީ ޕެރަލައިޒް ވެފައި، އެތަން އުވާލަންޖެހޭ: މެންބަރު ޠާރިޤު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ