"ރޫހު ވަނީ ތިނަދޫގައޭ، މި ރޫހު ނެތް ނަމަ އެމީހަކީ ޣައްދާރެއް."
ތިނަދޫގެ ސިޓީގެ ދަރަޖަ ބާތިލުކުރަން ވާގިވެރިވާ ތިނަދޫގެ ލޭ ހިނގާ މީހުން ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ސިފަކުރެއްވީ ޣައްދާރުންގެ ގޮތުގައެވެ. ރަށުވަންތަ ލޯތްބާއި ރަށުވަންތަ ރޫހު ނެތް ބަޔަކީ ސައުދުގެ ނަޒަރުގައި ހަމަ ޣައްދާރުންނެވެ.
ސިޓީއެއްގެ ދަރަޖަ ލިބުމަކީ ތަރައްޤީއާއި ތަމަައްދުންގެ އައު ދޮރުތައް ހުޅުވުމަށް ލިބޭ ބާރެކެވެ. ރަށެއް ކުރި އަރައި ދިއުމަށް ކޮށާލެވޭ ސާފު މަގެކެވެ. ރަށު ރައްޔިތުން މީހާގެ ހުވަފެންތައް ސީދާވެ، ހަގީގަތަށްވުމަށް މެދުވެރިވާނެ ކަމެއްވެސް މެއެވެ. ރަށާއި އަތޮޅަށްވެސް އޮތީ މޮޅެވެ.
ނަމަވެސް، ތިނަދޫ ސިޓީއަށް ލިބުނު ސިޓީގެ ދަރަޖައިގެ މައްސަލާގައި ކޯޓަށް ވަދެވަޑައިގަތީ ތިނަދޫގައި އެއްބަނޑުއެއްބަފާ ފަދަ މިތުރުން އެބަތިބި" ކަމަށް ބުނާ ހުވަދު އަތޮޅު ދެކުނުބުރީގެ ރައްޔިތެކެވެ. ތިނަދޫގެ ސިޓީގެ ދަރަޖަ ބާތިލުކުރަން ހައިކޯޓަށް މައްސަލަ ހުށަހެޅުއްވީ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާޣިބު އަޙުމަދެވެ.
ތިނަދޫ ރައްޔިތުން ސިފަކުރަނީ މިއީ ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރާއި ރައްޔިތުންނާ ދެކޮޅަށް ހުށަހެޅި މައްސަލައެއްގެ ގޮތުގައެވެ. ރައީސުލްޖުމްހޫރިއްޔާއަށް ކުރި ބޭއިޚްތިރާމެއްގެ ގޮތުގައެވެ.
ދަޢުލަތާ ދެކޮޅަށް ކޯޓަށް މިމައްސަލަ ހުށަހެޅުއްވުމުން ރާޣިބް ވަނީ މަގާމުން ވަކިކުރައްވާފައެވެ. ދުސްތޫރީ މައްސަލަ ހުށަހެޅުއްވި ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މަޤާމުން ވަކިކުރެއްވިކަން އިޢުލާންކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލްއުސްތާޛު މުހައްމަދު ރާޤިބު މަޤާމުން ވަކިކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުން އުވާލުމަށް ދައުލަތާ ދެކޮޅަށް ކޯޓަށް ވަޑައިގަތުމާ ގުޅިގެން ކަމަށެވެ. ތިނަދޫއަށް ދީފައިވާ ސިޓީގެ ދަރަޖަ ބާތިލުކުރުމުގެ މައްސަލައަކީ ދައުލަތާ ދެކޮޅަށް ކުރާ ދައުވާއެއްކަމަށްވުމުން، ރާޤިބުއަށް މައްސަލަ ހުށަހެޅުއްވުމުން ނަސޭހަތްތެރިވެސް ވިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުން މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ތާއީދު ހޯދުމަށް ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނީ ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުކޮށް ކަމަށް މިސަރުކާރުން ބުނެއެވެ. އެހެންވެ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ޤާނޫނަށް އިޞްލާހު ގެނެސް ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ އަލުން ދެއްވާފައެވެ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިޞްލާހު ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރެއްވީ މިއަހަރުގެ މާޗް މަހުގައެވެ. ޤާނޫނީ އިމުގެ ތެރެއިން ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވަޢުދެއްވެސް މެއެވެ.
ތިނަދޫގެ މޭޔަރާއި ރައްޔިތުން ސިފަކުރަނީ ރާއްޖޭގައި އެންމެ ފަހުން ސިޓީގެ ދަރަޖަ ދިން އެ ސިޓީގެ އެދަރަޖަ ބާތިލުކުރަން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ރައީސް ޑރ. މުއިއްޒުއާ ދެކޮޅަށް އެމަނިކުފާނު ދެއްވި ސިޔާސީ މަގާމެއްގައި ހުންނެވި ބޭފުޅަކުކުރައްވާ ބަޣާވާތެއްގެ ގޮތުގައެވެ. ސައުދު ވިދާޅުވެފައިވަނީ ކައުންސިލުން އާބާދީގެ މައުލޫމާތު އޮޅުވާލާފައިވާ ކަމަށް ރާޣިބް ހުށަޙެޅުއްވި މައްސަލާގައި ފާހަގަކުރެއްވި ނަމަވެސް އެލިސްޓު މުރާޖާކޮށް ތިނަދޫއަކީ ސިޓީގެ ދަރަޖަ ދެވޭ ވަރުގެ ރަށެއްކަން ކަނޑައަޅާފައިވަނީ ރައީސް އޮފީހާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހުގައި ކަމަށް ކައުންސިލުން ގަބޫލުކުރާ ކަމަށެވެ. އަދި މިއީ އާބާދީގައި މައްސަލައެއް އޮވެގެން ހުށަހެޅުއްވި މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި ސިޓީގެ ދަރަޖަ ލިބުނުތާ އެއްއަހަރު ދުވަހަށް ފަހު މިފަދަ މައްސަލައެއް ހުށަހަޅާފައިމިވަނީ ތިނަދޫގެ ރައްޔިތުންނަށް ލިބިގެންދާ މަންފާތަކާއި ތިނަދޫގެ ކުރިއެރުމަށް ބަޔަކު ގެންގުޅޭ ޒަމާންވީ ޒާތީ ހަސަދަވެރިކަމެއްގެ ސަބަބުން ތިނަދޫއަށް ދެރަގޮތް އެދޭތީ ކަމަށެވެ.
އަދި އެފަރާތްތަކަށް މިފަދަ ނާތަހުޒީބު ކަންކަމުން ދުރުވުމަށް އިލްތިމާސްކުރާކަމަށްވެސް ސައުދު ފާހަގަކުރެއްވި އެވެ. އަދި މިއީ ރާއްޖޭގެ ރައީސުލުޖްމްހުރިއްޔާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައެއް ކަމުން ރައީސް އާއި ތިނަދޫގެ ދިފާއުގައި ތިނަދޫގެ ދެ ދާއިރާގެ މެމްބަރުންނާއި ރައްޔިތުން ނުކުމެ އަޑުއުފުލުމަށް ސައުދު ވަނީ ގޮވާލައްވާފައިއެވެ.
ނަމަވެސް، ފާހަގަކޮށްލަންޖެހޭ ގޮތުގައި، ލިސްޓުގެ ސައްހަ ކަމާމެދު ސޯޝަލްމީޑިއާގައި ސުވާލު އުފެއްދި މީހުންގެ ތެރޭގައި، ތިނަދޫގެ ރައްޔިތުން އިންތިޚާބުކޮށްފައިވާ ޢިއްޒަތްތެރި މެމްބަރަކުވެސް ހިމެނިވަޑައިގަންނަވައެވެ. އެ މެމްބަރަކީ ރާއްޖޭގެ ނޫސްވެރިންނާއި މީޑިއާތައް ގޮވައިގެން މޯލްޑިވްސް މީޑިއާ ކައުންސިލަށް މާވަރަކަށް ވަޑައިގަންނަވާތީ، އާންމުންގެ މެދުގައި އެގޮތަށް މަގުބޫލުވެފައިވާ މެމްބަރެކެވެ.
އެ މެމްބަރާ ޚިލާފަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަލްސަން އަހުމަދު ހުންނެވީ ރައްޔިތުންގެ ފަޅީގައެވެ. ވިދާޅުވީ ކީކޭތޯއެވެ؟ މެމްބަރު އަލްސަން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 51ވަނަ މާއްދާގެ (ރ)ގެ ދަށުން ތިނަދޫ ސިޓީ ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވަނިކޮށް، ސިޓީ ދަރަޖައާމެދު ސުވާލު އުފައްދައި، ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތު ތަންފީޒުކުރެއްވުމަށް ހުރަސްއަޅައި، ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށާއި ރައީސުލްޖުމްހޫރިއްޔާއަށް ކުޑައިމީސްކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނީގޮތުން ލިބިދޭ ޤާނޫނީ ބާރު ކެނޑޭގޮތަށް، ރައީސުލްޖުމްހޫރިއްޔާގެ ރުހުމާއެކު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާރޖީ އަށް އައްޔަންކޮށްފައިވާ ޑެޕިއުޓީ މިނިސްޓަރުގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް ސަރުކާރުގެތެރެއިން ހިންގާ ޢަމަލެއްކަމަށެވެ. އަދި އެއީ ތިނަދޫ ރައްޔިތުންގެ މަސްލަޙަތާއި ހަމަޖެހުން ނަގާލުމަށް ހިންގާ ޢަމަލެއްކަމުގައި ދެކޭތީ، ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރެއްވުމަށް ހުރަސްއަޅާ އެފަދަ ފަރާތްތަކާމެދު އަވަސް ފިޔަވަޅު އަޅުއްވައި ދެއްވުމަށް ތިނަދޫ ދެކުނު ދާއިރާގެ ރައްޔިތުން ހިމެނޭހެން މުޅި ތިނަދޫ ރައްޔިތުންގެ ފަރާތުން އަދުގެ ރައީސުލްޖުމްހޫރިއްޔާ އަށް ގޮވާލާ ކަމަށްވެސް އަލްސަން ވިދާޅުވިއެވެ.
ތިނަދޫއަށް ސިޓީގެ ދަރަޖަ ދެއްވުމަށް ފަހު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެފައިވަނީ ލާމަރުކަޒީ ގާނޫނުގައިވާ ބުނާ ހުރިހާ ޝަރުތުތަކެއް ފުރިހަމަ ވާތީ ތިނަދޫ ސިޓީއަކަށް ހަދަން ނިންމައި، ގަރާރުގައި ސޮއިކުރެއްވީ ކަމަށެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުން ސިޓީއެއްގެ ދަރަޖަ ދިނުމުގައި ބަލާ މިންގަނޑުގެ ތެރޭގައި އާބާދީ 10،000 އަށް ވުރެ ދަށްނުވުން ހިމެނެއެވެ.
"ރޫހު ވަނީ ތިނަދޫގައޭ، މި ރޫހު ނެތް ނަމަ އެމީހަކީ ޢައްދާރެކޭ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ