ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު ގައުމު ދޫކޮށް ދާން ޖެހުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްްޖެއެވެ.
“ރަޙްމަތްތެރި ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު ޤައުމު ދޫކުރައްވައި ވަޑައިގަތުމަށް ޖެހިވަޑައިގަތް ކަމަށްޓަކައި ހިތާމަކުރަން. އަޅުގަނޑު އެދެނީ އެކުވެރި ސީރިޔާގެ އުޚުއްވަތްތެރި ރައްޔިތުންނަށް ސުލްޙަމަސަލަސްކަމާއި އުފާފާގަތިކަން." މައުމޫން ވިދާޅުވިއެވެ.
މައުމޫންގެ ޓްވީޓްގައި ބައްޝާރުއަކީ "އެކުވެރިއެއް" ކަމަށް ވިދާޅުވިއިރު މައުމޫންގެ ވެރިކަމުގައި އަރަބި ގިނަ ލީޑަރުންނާއިއެކު ގާތް ގުޅުމެއް ބޭއްވެވިއެވެ. ނަމަވެސް އަރަބި ގައުމުތަކުގެ ވެރިކަން ވެއްޓުނު "ރަބީއުގެ އިންގިލާބު" އާއިއެކު މައުމޫންގެ ގިނަ އެކުވެރިންގެ ވެރިކަންތައް މިހާރު ވަނީ ނިމިފައެވެ. އޭގެތެރޭގައި މައުމޫން އާއި ވަރަށް ބޮޑު އެކުވެރިކަމެއް ބޭއްވެވި މިސްރުގެ ރައީސް ހުސްނީ މުބާރަކްގެ ވެރިކަމާއި ލީބިއާގެ ވެރިކަން ކުރެއްވެވި މުއަމަރުލް ގައްޒާފީގެ ވެރިކަން ހިމެނެއެވެ.
ސީރިއާގައި 2011 ވަނަ އަހަރު ހަނގުރާމަ ފެށުނީ ރައީސް އަސަދުގެ އަނިޔާވެރި ވެރިކަމާ ދެކޮޅަށް ރައްޔިތުން ނުކުތުމުންނެވެ. ނަމަވެސް ފާއިތުވި ދިހަވަރަކަށް ދުވަހު ހަނގުރާމަވެރިން ކުއްލިއަކަށް ހޯދި ކުރިއެރުންތަކާއިއެކު މިއަދު ވެރިރަށް ދިމިޝްކު ހިފައި މިއަދު ވަނީ ވެރިކަން ވައްޓާލާފައެވެ.
ކުއްލި މި ހަމަލާތަކުގައި އިސްވެ ހުރި ލީޑަރަކީ ސީރިއާގެ އެންމެ ބާރުގަދަ ހަތިޔާރު އެޅި އިދިކޮޅު ބާރަކަށް ވެފައިވާ ޖަމާއަތް ކަމަށްވާ ހަޔާތު ތަހުރީރު އަލް ޝާމް (އެޗްޓީއެސް) ގެ އިސްވެރިޔާ އަބޫ މުހައްމަދު އަލް ޖުލާނީ އެވެ. ބެލެވޭ ގޮތުގައި ދެން ސީރިއާގައި އުފެދޭ ވެރިކަމުގައި އެންމެ އިސް ލީޑަރަކަށް ވާނީ އަބޫ މުހައްމަދު އަލް ޖުލާނީއެވެ.
އެކުވެރި ބައްޝާރު ގައުމު ދޫކޮށް ދާން ޖެހުނީތީ ހިތާމަ ކުރަން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ