މި ސަރުކާރުން ބޭނުން ވަނީ ނޫސްވެރިން ތާއަބަދު ބިރުވެރިކަމާއި ނުތަނަވަސްކަންމަތީ ބޭތިއްބުމަށް: ޝާހިދު މި ސަރުކާރުން ބޭނުން ވަނީ ނޫސްވެރިން ތާއަބަދު ބިރުވެރިކަމާއި ނުތަނަވަސްކަންމަތީ ބޭތިއްބުމަށް: ޝާހިދު

ނޫސްތަކުގެ ރަޖިސްޓްރީ ބާތިލު ކުރުމާއި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ އުސޫލުތަކެއް ހިމަނައި، ސަރުކާރަށް މީޑިއާ ކޮންޓްރޯލް ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅީ ނޫސްވެރިން ތާއަބަދު ބިރުވެރިކަމާއި ނުތަނަވަސްކަންމަތީ ބޭތިއްބުމަށް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ބައެއް ވެރިން މުގުލުގައި ތިއްބަވައިގެން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު މަޖިލީހަށް ފޮނުއްވި ބިލްގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވަން ވަނީ ތާވަލްކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހާއި ޖުޑިޝަރީ, ރައީސް މުހައްމަދު މުއިއްޒުގެ މުށުތެރެއަށް ލުމަށް ފަހު، މީޑިއާ ކޮންޓްރޯލުކުރަން ހުށަހެޅި ބިލާ ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި އދ. އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވި ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ހުދުމުހުތާރު ވެރިކަމެއްގެ އެންމެ އަސާސީ އެއް ސިފައަކީ މިނިވަން ނޫސްވެރިކަން ނެތިކޮށްލުން" ކަމަށެވެ.
"އެތައް ގުރުބާނީއަކުން މިއަދާއިހަމައަށް ދަތުރު ކޮށްފައިއޮތް ދިވެހި ނޫސްވެރިކަމުގެ މިނިވަންކަން ނަގާލުމަށް މި ސަރުކާރަށް ފުރުސަތު ނުދިނުމަށް އެންމެހާ ނޫސްވެރިންނަށާއި ރައްޔިތުންގެ މަޖިލިހުގެ އިއްޒަތްތެރި މެމްބަރުންނަށް ގޮވާލަން،" އޭނާ ވިދާޅުވި އެވެ.
އެ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެ އެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި ތިބޭނީ ހަތް މެންބަރުން ކަމަށް ބިލުގައި ބުނެ އެވެ. އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންނެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ. އެފަދަ އިންތިހާބެއްގައި ބައިވެރިވެވޭނީ ވުޖޫދުވިތާ ފަސް އަހަރުވެފައިވާ މީޑިއާތަކަށެވެ.
ޝާހިދު ވިދާޅުވީ ރައީސުލްޖުމުހޫރިއްޔާ އައްޔަންކުރާ ބޭފުޅަކު ރިޔާސަތު ބަލަހައްޓަވައިގެން ނޫސްވެރިކަން ރެގިއުލޭޓް ކުރުމަކީ މިނިވަން ނޫސްވެރިކަން ނެތިކޮށްލުމަށް މިސަރުކާރުން އަޅާ އިތުރު ފިޔަވަޅެއް ކަމަށާއި ނޫސް މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމާނާކޮށް، މީޑިއާތަކުގެ ލައިސަންސްއާއި ނޫސްތަކުގެ ރެޖިސްޓްރީ ބާތިލްކުރުމުގެ ބާރު ރައީސުލްޖުމުހޫރިއްޔާގެ ފަރާތުން ރިޔާސަތު ބަލަހައްޓަވާ ކައުންސިލަކަށް ދިނުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ.
"އެއީ ދިވެހިރާއްޖެ ބަލައިގެންފައިވާ ޒަމާނީ ޑިމޮކްރަސީއަށް ކުރިމަތި ވެގެންދާ ވަރަށް ބޮޑު ގޮންޖެހުމެއް،" އޭނާ ވިދާޅުވި އެވެ.
ބިލުގައިވާ ގޮތުން ބޮޑެތި ބާރުތަކެއް އަލަށް އުފައްދާ ކޮމިޝަނަށް ލިބޭނެ އެވެ. އޭގެ ތެރޭގައި، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރުމާއި މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރުން ހިމެނެ އެވެ. އަދި ފަހުން ކޯޓަށް ގޮސްގެން ވެސް ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.
އޭގެ އިތުރުން، ކޮމިޝަނުން މައްސަލައެއް ބަލަމުންދަނިކޮށް، ނޫސް ވެބްސައިޓެއް ބްލޮކް ކުރުން ނުވަތަ ޓީވީގެ ބްރޯޑްކާސްޓު ހުއްޓުވަން އެންގުމުގެ ބާރު ވެސް ކޮމިޝަނަށް ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ