މީޑިއާ ނެތިކޮށްލާ ބިލު ހުށަހެޅުމަށްފަހު މުއިއްޒު މާލެއިން ބޭރަށް ފުރާވަޑައިގެންފި މީޑިއާ ނެތިކޮށްލާ ބިލު ހުށަހެޅުމަށްފަހު މުއިއްޒު މާލެއިން ބޭރަށް ފުރާވަޑައިގެންފި

މިނިވަން މީޑިއާ ނެތިކޮށްލަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވުމަށްފަހު ރައީސް މުހައްމަދު މުއިއްޒު އއ. އަތޮޅަށް މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ އއ. އަތޮޅުގެ އަށް ރަށަކަށް މުއިއްޒު ވަޑައިގަންނަވާނެ ކަމަށެވެ. އއ. އަތޮޅަށް މުއިއްޒު މި ދަތުރު ކުރައްވަނީ މިދިޔަ ހަފުތާގައި ބ. އަތޮޅަށް ދަތުރު ކުރެއްވުމަށްފަހު އެވެ.
މިދުވަސްވަރު މުއިއްޒު ރަށްރަށަށް މި ވަޑައިގަންނަވަނީ އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލު އިންތިހާބަށް ކެމްޕެއިން ކުރެއްވުމުގެ ބޭނުމުގަ އެވެ.
މިއަދު ފެށި ދަތުރުގައި ތޮއްޑޫ، ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ، ފެރިދޫ، މާޅޮސް އަދި ހިމަންދޫ އަށް މުއިއްޒު ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މުއިއްޒު އއ. އަތޮޅަށް ވަޑައިގެންނެވިއިރު، މިނިވަން މީޑިއާ ނެތިކޮށްލުމަށް ސަރުކާރުން ބޭނުންވެގެން ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފަ އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި އެ ބިލު މިއަދު މަޖިލީހަށް ހުށަހެޅީ ހަމަ އެފަދަ ބިލެއް މީގެ ކުރިން ވެސް ހުށަހެޅި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.
އެ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެ އެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި ތިބޭނީ ހަތް މެންބަރުން ކަމަށް ބިލުގައި ބުނެ އެވެ. އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންނެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ. އެފަދަ އިންތިހާބެއްގައި ބައިވެރިވެވޭނީ ވުޖޫދުވިތާ ފަސް އަހަރުވެފައިވާ މީޑިއާތަކަށެވެ.
މީޑިއާ ރެގިއުލޭޓު ކުރަން އެކުލަވާލާ ކޮމިޝަނެއްގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންތަކެއް ތިބެންޖެހޭ ސަބަބެއް އެ ބިލުގައި ބަޔާންކޮށްފައެއް ނުވެ އެވެ. އަދި ބިލުގައިވާ ގޮތުން ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ބިލުގައިވާ ގޮތުން ބޮޑެތި ބާރުތަކެއް އަލަށް އުފައްދާ ކޮމިޝަނަށް ލިބޭނެ އެވެ. އޭގެ ތެރޭގައި، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރުމާއި މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރުން ހިމެނެ އެވެ. އަދި ފަހުން ކޯޓަށް ގޮސްގެން ވެސް ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.
އޭގެ އިތުރުން، ކޮމިޝަނުން މައްސަލައެއް ބަލަމުންދަނިކޮށް، ނޫސް ވެބްސައިޓެއް ބްލޮކް ކުރުން ނުވަތަ ޓީވީގެ ބްރޯޑްކާސްޓު ހުއްޓުވަން އެންގުމުގެ ބާރު ވެސް ކޮމިޝަނަށް ލިބޭނެ އެވެ.
ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ހުށަހަޅާ ކޮންމެ މައްސަލައެއް ވެސް އެ ކޮމިޝަނަށް ބެލޭނެ އެވެ. އެކަމަކު، މައްސަލައިގައި ބުނާ ހާދިސާ ހިނގިތާ އަހަރެއް ފާއިތުވެފައި އޮވެގެން ނުވާނެ އެވެ. އެހެންކަމުން، އެ ބިލު ތަސްދީގު ކުރާތާ އަހަރެއް ކުރިން ހިނގާފައިވާ ކަންކަމާ ގުޅޭ މައްސަލަތައް ވެސް ކޮމިޝަނަށް ބެލޭނެ އެވެ.
ބިލުގައިވާ ގޮތުން، ކޮމިޝަނަށް މެންބަރުން އައްޔަން ކުރެވެންދެން، ކޮމިޝަން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ. ސިވިލް ސާވިސް ކޮމިޝަނަކީ ސަރުކާރުގެ ކޮންޓްރޯލް އޮންނަ ކޮމިޝަނެކެވެ.
ކޮމިޝަނަށް ލިބިދޭ އިތުރު ބާރުތަކުގެ ތެރޭގައި، މީޑިއާތަކުގެ ސުލޫކު ކަނޑައެޅުމާއި ނޫސްތައް ރަޖިސްޓްރީ ކުރުމާއި ނޫސްވެރިންގެ ދަފުތަރެއް އެކުލަވާލުމާއި މީޑިއާ މޮނީޓާ ކުރުމާއި ބްރޯޑްކާސްޓު ކުރުމަށް ލައިސަންސް ދޫކުރުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ