މީޑިއާ ކޮންޓްރޯލް ބިލަށް ސަރުކާރުން ތާއީދު، 'މިނިވަންކަން ކަށަވަރުކުރެވޭނެ'

ސަރުކާރަށާއި، ރައީސުލްޖުމްޙޫރިއްޔާ އައްޔަނުކުރައްވާ މެންބަރުންތަކެއް ތިއްބަވާ މީޑިއާ ރެގިއުލޭޓްކުރާ ކޮމިޝަނަކަށް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާއެކު މީޑިއާގެ މިނިވަންކަން ކަށަވަރު ކުރެވި، މިޑިއާތައް ބާރުވެރިކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ރޭ ވިދާޅުވެއްޖެއެވެ. ސަރުކާރަށް އެއްބާރުލުން ދެއްވައި، ގާތް ގުޅުމެއް ބާއްވަވާ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ވަނީ މީޑިއާތައް ކޮންޓްރޯލްކުރެވޭ ބާރު ސަރުކާރަށް ލިބިދޭ ގޮތަށް މަޖިލީހަށް ބިލެއް ހުށަހަޅައިފައެވެ. އޭނާ ވަނީ މީގެ ކުރިން ވެސް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް މަޖިލީހަށް ބިލެއް ހުށަހެޅިއެވެ. ނަމަވެސް، އެތައް ނޫސްވެރިންނަކާއި، ޖަމިއްޔާތަކަކުން އެ ބިލު އަނބުރާ ގެންދަން ގޮވާލާފައި ވަނިކޮށް ހަންނާން ވަނީ އަނބުރާ އެ ބިލު ގެންގޮސްފައެވެ. އިދިކޮޅު ފަރާތްތަކުންނާއި ނޫސްވެރިންގެ ޖަމިއްޔާތަކުން ތަކުރާރުކޮށް މީގެ ކުރިން ހުށަހެޅި ބިލާ ދެކޮޅަށް ވަކާލާތުކުރި ނަމަވެސް ސަރުކާރުން ރަސްމީ ސިފައެއްގައި އެކަން ކުށްވެރިކޮށްފައެއް ވެސް ނުވެއެވެ. ކަން އެހެން އޮއްވައި އަނެއްކާވެސް މިވަނީ އެފަދަ ދެވަނަ ބިލެއް ހުށަހަޅުއްވާފައެވެ. މި ފަހަރު ވެސް، ސަރުކާރުގެ ވާހަކަ ހުރީ ބިލާ އެއްކޮޅަށެވެ. ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު -- ފޮޓޯ/ ރައީސް އޮފީސް ބިލާ ގުޅޭގޮތުން 'ސަން'އަށް ހީނާ ވިދާޅުވީ، މަޖިލީހަށް އަމިއްލަ މެންބަރަކު ހުށަހަޅުއްވާފައިވާ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން' ބިލަކީ މީޑިއާތައް ބާރުވެރިކޮށް، ތަރައްގީކުރުމަށް މަގުފަހިކުރުވާ ބިލެއްނަމަ ސަރުކާރުން އެ ބިލަށް ތާއީދުކުރާނެ ކަމަށެވެ. އަދި، ސަރުކާރުން އުންމީދުކުރަނީ އެ ބިލު، މަޖިލިސް ތަޅުމުގައި ބަހުސްކުރެވި، ކޮމިޓީ މަރުހަލާ ނިމިގެން ދާއިރު ދިވެހިރާއްޖޭގެ މީޑިއާތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކުގެ ވިސްނުމާއި މަޝްވަރާ ހޯދުމަށް ފަހު، އެބޭފުޅުންގެ ޚިޔާލާ ވެސް އެއްގޮތަށް އެ ބިލު ބައްޓަންވެގެން ދިއުން ކަމަށް ހީނާ ވިދާޅުވިއެވެ. މިހާރު ހުށަހަޅާފައިވާ ބިލަށް ބަލާއިރު ކޮމިޝަންގެ ހަތް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން ކަނޑައަޅަނީ މީޑިއާތަކުން ކަމަށާއި އަނެއް ތިން މެންބަރުންނަކީ އިއުލާންކޮށްގެން މަޖިލީހުން ފާސްކޮށްގެން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ތިން މެންބަރުންކަން ހީނާ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު މީޑިއާގެ ކޮންޓެންޓާ ގުޅޭ މައްސަލަތައް ބެލުމަށްޓަކާ އެކަމަށް ޚާއްސަކޮށް މީޑިއާތަކުން އިންތިޚާބުކުރާ ހަތަރު މެންބަރުންގެ ކޮމިޓީއެއް އުފެއްދުމަށް ވެސް ބިލުގައި ހިމަނާފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް އެ ބިލުން މިހާރު ވެސް މީޑިއާގެ މިނިވަންކަން ކަށަވަރު ކުރުމަށާއި، މީޑިއާތައް ތަރައްގީކުރުމަށާއި، ބާރުވެރިކުރުމަށް މަގުފަހިކޮށްދޭކަން ފާހަގަކުރެވޭ ކަމަށް ހީނާ ވިދާޅުވިއެވެ. އަދި، މީޑިއާތައް ރެގިއުލޭޓްކުރަން ގިނަ ތަންތަން ހުރުމުގެ ބަދަލުގައި އެންމެ ތަނެއް ކަނޑައެޅިފައި އޮތުމުން ލިބޭނެ ފަސޭހައެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. މިހާރު ރާއްޖޭގައި ބްރޯޑްކާސްޓިން ކޮމިޝަންގެ އިތުރުން މީޑިއާތައް މޮނިޓާކުރުމަށް، މީޑިއާ ކައުންސިލެއް ވެސް އޮވެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒާއި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު -- ފޮޓޯ/ ރައީސް އޮފީސް ބޭނުންފުޅުވަނީ މިހާރަށް ވުރެ ވެސް ބޮޑަށް މީޑިއާތަކަށް މިނިވަންކަންދީ، މީޑިއާތައް ބާރުވެރި ކުރުވުމަށް ކަމަށް މީގެ ކުރިން ވެސް އެކި ފަހަރުމަތިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް، މި ފަހަރު މި ހުށަހެޅި ބިލުގައި ވެސް މީޑިއާގައި މަސައްކަތްކުރާ މީހުންނާއި ނޫސްވެރިންނާ މެދު އަޅާނެ ހަރުކަށި ފިޔަވަޅުތަކެއް ވަނީ ކަނޑައަޅައިފައެވެ. އޭގެ ތެރޭގައި ކޮމިޝަނުން ރަނގަޅުކުރުމަށް އަންގާ ކަމެއް އިސްލާހުކުރުމަށް އަންގާފައިވާ މުއްދަތުގެ ތެރޭގައި އިސްލާހުނުކޮށްފިނަމަ 5،000 ރުފިޔާއާއި، 25،000އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި، ގާނޫނާ ޚިލާފުކަމެއް މީޑިއާ ނުވަތަ ނޫސް މަޖައްލާއަކުން ކޮށްފި ހާލަތުގައި 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް އެ ބިލުގައި ވަނީ ހިމަނާފައެވެ. ވަކިން ޚާއްސަކޮށް ކޮމިޝަނުން މީޑިއާއެއްގެ މައްޗަށް ބަލާ މައްސަލައަކާ ގުޅިގެން، އެ މައްސަލައެއް ބަލާ ނުނިމެނީސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ވެސް ކޮމިޝަނަށް ވަނީ ލިބޭގޮތަށެވެ. އަދި ފަހުން، އެ މައްސަލަ ކޯޓު މަރުހަލާއަށް ގެންދިޔުމަށްފަހު، އެ ނޫހެއްގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ ކަމަށް ބުނެފައިވެއެވެ. ހަމައެއާއެކު ކޮމިޝަނުން ބަލަމުންދާ މައްސަލައިގެ ތެރެއިން އެ ނޫހެއްގެ ވެބްސައިޓް ބްލޮކްކޮށް، ނުވަތަ ޓީވީއެއްނަމަ ބްރޯޑްކާސްޓިން ހުއްޓުވުމުގެ ބާރު ވެސް ކޮމިޝަނަށް ލިބިދެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި އިދިކޮޅު ފަރާތްތަކުން ދަނީ މި ބިލާ ދެކޮޅު ހަދަމުންނެވެ. އެގޮތުން މަޖިލީހަށް މީޑިއާތަކާ ގުޅޭ ބިލެއް ހުށަހެޅީ ސަރުކާރުން އަޑީގައި އޮވެގެން ނޫސްވެރިކަމުގެ މިނިވަންކަން ނިގުޅައިގަތުމަށް ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒު އިސްމާއިލް ވަނީ ރޭ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ