ބައިވެރިއަކާ ނުލައި އަމިއްލައަށް އެދުންފުއްދުން: ފާފަވެރިވުމުގެ އިތުރުން ޞިއްހަތަށް ބޮޑެތި ގެއްލުންތައް ލިބޭ ކަމެއް!

ބައިވެރިއަކާއެކު ލިބިގަންނަންޖެހޭ އުފާތައް އެކަނި ލިބިގަތުމަކީ ކޮން ކަހަލަ ކަމެއްތޯ؟ އެއީ ފާފަވެރިވާނެ ކަމެއްތޯ؟  
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެއެވެ. އިން ޝާ ﷲ  
ހުޅަނގުން ޢާންމުކޮށްފަތުރުވާފައިވާ ނުބައި އާދަތަކުގެ ތެރެއިން އެއްކަމަކީ ބައިވެރިއަކާއި ނުލައި އަމިއްލައަށް އެދުންފުއްދުމުގެ ނުބައި އާދައެވެ. ކޮންމެ ނުބައި ޢަމަލަކީވެސް އެކަމެއްކުރަން ފެށުމުން ދެވިހިފާ ކަމަކަށްވާތީ މިނުބައި ޢަމަލުކުރަން ދެވިހިފާފައި ތިބި ފިރިހެނުންވެސް އަދި އަންހެނުންވެސް އެބަތިއްބެވެ. އެކަންކުރާ ބައެއް މީހުން ދެކޭ ގޮތުގައި އެކަން އަމިއްލައަށް ކުރުމުން ބައިވެރިއަކާއިނުލައި އެކަނި ދިރިއުޅެން މަގުގަހިވެގެންދެއެވެ.
ކޮންމެއަކަސް މިނުބައި ޢަމަލުކުރާ މީހުން ގިނަވުމުން އެކަންކުރަން ބޭނުންކުރެވިދާނެ އާލާތް އުފެއްދުމުގެ ވިޔަފާރި ފުޅައުދާއިރާއެއްގައިކޮށްގެން ކޮންމެއަހަރަކު ބިލިއަނުން ފައިދާ ހޯދަމުން އަންނަ ކުންފުނިތައް މިހާރު އެބަހުއްޓެވެ. އެކުންފުނިތަކުގެ ވިޔަފާރި އިތުރަށް ފުޅައުކުރުމަށްޓަކައި އެކުންފުނިތަކުން އަންނަނީ މިނުބައި ޢަމަލުކުރާ މީހުން އިތުރުކުރުވަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެމީހުންގެ އުފެއްދުންތައް އިޝްތިހާރުކުރަން ކޮންމެ އަހަރަކުވެސް ބޮޑެތި ހޭދަތަކެއް ކުރެއެވެ.
ދީނީ ގޮތުން ބަލާއިރު މިކަމަކީ ޞައްޙަ ޞަރީޙަ ނައްޞެއް މިބާބުގައި އައިސްފައި ނެތް ކަމަކަށްވުމުން ޢިލްމްވެރިންގެ މެދުގައި ޚިޔާލުތަފާތުވުން ހުރިނަމަވެސް މިކަމުގައި ޚިޔާލު އެއްގޮތް ބައަކު އެބަތިއްބެވެ. އެއީ ޑޮކްޓަރުންނެވެ. އެކަމަކީ ޞިއްޙީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމެއް ކަމަށް ދެބަސްވާ ޑޮކްޓަރަކު ނެތެވެ. އަދި އެއީ ކުރަން ފައިދާހުރި ކަމެއް ކަމަށް ބުނާ ޑޮކްޓަރަކު ނެތްއިރު ކުރުމުން ލިބޭ ފައިދާއެއް އެއްވެސް ޑޮކްޓަރަކަށް ދެއްކިފައެއް ނެތެވެ.  
ހަމައެއާއިއެކު ފަހުގެ ހޯދުންތަކުން އެނގޭގޮތުގައި އެކަންކުރުމަކީ ޖިންސީ ގޮތުން މީހާ އަވަހަށް ބަލިކަށިވެ، ބޮޑެތި ބަލިތައްޖެހޭ ކަމެކެވެ. ނާރުތަކުގެ ބާރު ކެނޑިގެންދާ ކަމެކެވެ. އަދި އަންހެނުންގެ ރަޙިމަށް ބޮޑެތި ގެއްލުންތައް ލިބޭ، ބޮޑެތި ބަލިތައްވެސް ޖެހޭ ކަމެކެވެ.   
އިސްލާމް ދީނުގައި ކުރުން ހުއްދަ ނޫން އެއްވެސް ކަމެއްކޮށްގެން އެއްވެސް މީހަކަށް އެއްވެސް ފައިދާއެއް ނުކުރާނެއެވެ. ވަޤުތީ ހިތްހަމަޖެހުމެއް ލިބުނަސް ފަހުން ކުރަންޖެހޭ ހިތާމަ ބޮޑުވެގެންދެއެވެ. ވީމާ މުސްލިމުންނަށް އޮތީ އެކަމަކީ ޙަރާމް ނުވަތަ މަކްރޫހަ ކޮންމެ ކަމަކުން ދުރިހެލިވެ ތިބުމެވެ. އެކަމަކީ ފާފައަކަށްވެދާނެ ކަމަށް ޝައްކުކުރެވޭ އެއްވެސް ކަމެއް ނުކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ފަރުސަކުން
 
ތިރީގައި އެވަނީ ހަމަ މިމައުޟޫއަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.  
އަމިއްލައަށް އެދުން ފުއްދުމާ މެދު ދަންނަބޭކަލުންގެ މެދުގައި ޚިލާފުތަކެއް އުފެދިފައިވެއެވެ. ސުންނަތުގެ ގިނަ ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި މިކަމަކީ ކުރުން ހަރާމްވެގެންވާ ކަމެކެވެ. އެބޭކަލުންގެ ދަލީލަކީ:  
[ وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ * إِلاَّعَلَى أَزْوَاجِهِمْأوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ * فَمَنِ ابْتَغَىوَرَاء ذَلِكَ فَأُوْلَئِكَ هُمُ الْعَادُونَ * ] المؤمنون : 5-7  
މާނައީ :[ މުއުމިނުންނަކީ އެބައިމީހުންގެ ލަދުވެތި ގުނަން، ޒިނޭއާއި، އެއްޖިންސުގެ ގުޅުން ހިންގުމާއި، އަދި ވެސް ﷲ ޙަރާމްކުރައްވާފައިވާ އެހެނިހެން ފާޙިޝް ޢަމަލުތަކުން ދުރުކޮށް ރައްކާތެރިކުރާމީހުންނެވެ. އެބައިމީހުންނަށް ﷲ ހުއްދަކުރައްވާފައިވާ، އަނބީންނާއި، އަދި އަޅުއަންހެނުންނާ އެކު ޖިންސީގޮތުން ގުޅުން ހިންގުމުން މެނުވީއެވެ. މިނޫން ގޮތަކުން ޖިންސީ އުފާ ޙާޞިލުކުރާ މީހުންވަނީ ﷲ ކަނޑައަޅުއްވާފައިވާ ޙުދޫދުން ބޭރުވެފައިވާ ބަޔަކު ކަމުގައެވެ.] 
އަމިއްލައަށް އެދުން ފުއްދުމަކީ ޙަރާމްކަމެއް ކަމުގައި ވިދާޅުވާ ބޭކަލުންގެ ދަލީލަކީ މިއީއެވެ. މިއީ މިބާބުގައި އޮތް އެންމެ ވަރުގަދަ ޙުއްޖަތެވެ.  
ބައެއް ފިޤުވެރި ބޭކަލުން ވިދާޅުވާ ގޮތުގައި އެއީ ކުރުން މަކްރޫހަކަމެވެ. އަނެއްބައި ބޭކަލުން ވިދާޅުވަނީ އެއީ ހުއްދަ ކަމެއް ކަށެވެ. ނަމަވެސް  އެއީ ބޭއަދަބީ ކަމެއްކަމުގައެވެ. މުރޫވަތްތެރި މީހުން މިކަން ނުކުރާނޭ ކަމުގައެވެ.  
ޒިނޭއަކަށް އަރައިގަނެވިދާނޭ ކަމުގެ ބިރު ހީވާ ކަމުގައި ވަނީ ނަމަ، ޒިނޭއިން ސަލާމަތް ވުމުގެ ގޮތުން މިކަން ކުރެވިދާނޭ ކަމުގައި ބައެއް ޢިލްމުވެރިން ދެކިލައްވައެވެ.  
އެހެންނަމަވެސް އެންމެ މާތް، އަދި އެންމެ ހެޔޮ ގޮތަކީ ރޯދަ ހިފައި، ޝަހުވަތްތެރިކަން މަތަ ކުރުމެވެ. ނުވަތަ ކައިވެނި ކުރުމެވެ. ސަބަބަކީ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް، ޒުވާނުންނަށް އެބައިމީހުންގެ ތެރެއިން ކުޅަދާނަކަން ލިބިގެންވާ މީހުން ކައިވެނި ކުރުމަށް އިރުޝާދު ދެއްވިއިރު، އެކަމަށް ކުޅަދާނަ ނުވާ މީހުންނަށް އިރުޝާދު ދެއްވީ ރޯދަ ހިފުމަށެވެ. އަމިއްލައަށް އެއެދުން ފުއްދުމަކަށް އިރުޝާދެއް ނުދެއްވައެވެ. އެހެންކަމުން، މި ދަލީލުގެ މައްޗަށް ބުރަވެވަޑައިގެން ގިނަ ޢިލްމުވެރިން ވިދާޅުވަނީ ކައިވެނިން ނުވަތަ ރޯދަ ހިފުމުން އޭނާގެ ޝަހުވަތްތެރިކަން މަތަ ކުރުމަށެވެ. 
ހަމަ އެއާއެކު، އިތުބާރުހުރި ބައެއް ޑޮކްޓަރުން ވިދާޅުވާ ގޮތުގައި މިކަމަކީ ޞިއްޙީ ގޮތުން އިންސާނާގެ ވިސްނުމަށާއި، އަދި ހަށިގަނޑަށް ނޭދެވޭ އަސަރުތަކެއް ކުރުވާ ކަމެކެވެ. އަދި އާދަޔާ ޚިލާފަށް މިކަންކުރާ ކަމުގައިވަނީ ނަމަ، ނަފްސާނީގޮތުން އަސަރުތަކެއް ކުރުވައި، ޖިންސީ ނިޒާމަށް ގެއްލުންތަކެއް ކުރިމަތި ކުރުވާ ކަމެއް ކަމުގައިވެސް ބައެއް ޑޮކްޓަރުން ވިދާޅުވެއެވެ.  
މިކަމުގައި ދަންނަބޭކަލުން ޚިލާފުވެވަޑައިގެންފައިވަނީ ޞައްޙަ ޞަރީޙަ ނައްޞެއް މިބާބުގައި އައިސްފައި ނެތުމުންކަމުގައި ބެލެވެއެވެ. والله أعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ