ސަރުކާރުގެ ތަރުޖަމާނަކަށް މުންދު

ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސް އޮފީހުގެ ޗީފް ގަވަމަންޓް ސްޕޯކްސްޕާސަންކަމުގެ މަގާމަށް މ. ކޮތަންމާގެ، މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު އައްޔަންކުރައްވައިފިއެވެ.
ރައީސް މުއިއްޒު، ސަރުކާރުގެ ތަރުމާނުގެ މަގާމަށް މިއަދު މުންދު އައްޔަންކުރެއްވީ މިނިސްޓަރުންގެ ފެންވަރުގައެވެ. އެންމެ ފަހުން ތަރުޖަމާނުގެ މަގާމުގައި ހުންނެވީ ހީނާ ވަލީދެވެ. އިއްޔެ އާޓްސް މިނިސްޓަރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ހީނާ ވަނީ ތަރުޖަމާނުގެ މަގާމުން އިސްތިއުފާދެއްވައިފައެވެ.
މީގެ ކުރިން މުންދު ވަނީ، ކެބިނެޓް މެންބަރުކަމާއި ބޭރުގެ އެކިއެކި ގައުމުތަކަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުތައް އެކި ދުވަސްވަރު ފުރުއްވައިފައެވެ.
މީގެ އިތުރުން މުންދު ވަނީ، ރައީސް އޮފީހުގެ ޗީފް ގަވަންމަންޓް ސްޕޯކްސްމަންކަން 2005 އިން 2007 އަށް އަދި ޕްރެޒިޑެންޝަލް ސްޕޯކްސްޕާސަންކަމުގެ މަގާމު 2007 އިން 2008 އަށް ފުރުއްވުމުގެ އިތުރުން ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް ޔުނިޓް އުފެދިގެން އައި ދުވަސްވަރު އެ މަސައްކަތުގައިވެސް މުހިންމު ދައުރެއް އަދާކުރައްވައިފައެވެ.
މުންދު އެންމެ ފަހުން އަދާކުރައްވާފައިވަނީ އެކުވެރި އަރަބި އިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ