ކޫއްޑޫ ކައިރީ މޫދަށް އެރި އުޅުނު ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދީފި؛ އަނިޔާގެ ސަބަބުން އެއް ފައި ބުރިކޮށްލައިފި

ގއ. ކޫއްޑޫ ކައިރީގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދީ، ލިބުނު އަނިޔާގެ ސަބަބުން އެއް ފައި ބުރިކޮށްލައިފިއެވެ. ފުލުހުން މިޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ގއ. ކޫއްޑޫ ކައިރީގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދިނުމުގެ ސަބަބުން އަނިޔާވެގެން މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި ހާދިސާގައި އަނިޔާވެފައި ވަނީ ސްޕެއިންއަށް ނިސްބަތްވާ ފިރިހެން ފަތުރުވެރިއަކަށް ކަމަށް ފުލުހުން ބުންޏެވެ. އޭނާއަށް ފުރަތަމަ ގއ. އަތޮޅު ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު މާލެ ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި ހަމަލާގައި ފަތުރުވެރިޔާގެ ދެ ފަޔަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެ މީހާގެ އެއް ފަޔަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ބުރިކޮށްލާފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދިނެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށާއި، ފުރިހަމަކުރަންޖެހޭ އިޖުރާއީ ކަންކަމާއި ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ޔޫކޭގެ ނޫހެއް ކަމަށްވާ 'ޑެއިލީ މެއިލް' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިޔަރުގެ ހަމަލާ ލިބުނު ފަތުރުވެރިޔާއަކީ އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެކެވެ. އަދި އޭނާއަށް މިހާރު ފަރުވާދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގައި ކަމަށް ވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ. އެ ފަތުރުވެރިޔާއަކީ އޭނާގެ އަނބިމީހާއާއެކު ހަނީމޫން ދަތުރަކަށް އައިސްއުޅުނު ދެމަފިރިން ކަމަށް ވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ކޫއްޑޫ ކައިރީގައި ވެސް 'ޝާކް ޕޮއިންޓް' އެއް އޮވެއެވެ. އެއީ ފަތުރުވެރިންގެ މަގުބޫލުކަން ލިބިފައިވާ މަންޒިލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ