މާލޭ އުތުރުފަރާތު ބަނދަރުން ފީ ނަގަން ފެށި ނަމަވެސް މަސްދޯނިފަހަރު އިސްތިސްނާވާނެ: އެމްޕީއެލް

މާލޭ އުތުރުފަރާތު ބަނދަރަށް އިތުރު ކުރެވުނު ބައިގައި ބަނދަރުކުރާ އުޅަނދުތަކުން ފީ ނަގަން ފެށި ނަމަވެސް، އެ ސަރަހައްދަށް ކައިރި ކުރާ މަސްދޯނިފަހަރު އެ އުސޫލުން އިސްތިސްނާވާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވިދާޅުވެއްޖެއެވެ. މިއީ މަސްވެރިންނަށް ލުޔެއް ދިނުމުގެ ގޮތުން އެމްޕީއެލްއިން ނިންމެވި ނިންމުމެކެވެ.
މާލޭ އުތުރު ބަނދަރުންފެށިގެން މަސްމާރުކެޓާ ހަމައަށް އުތުރު ބަނދަރު ބޮޑުކޮށް، އެ ސަރަހައްދު ހިންގައި ބެލެހެއްޓުމަށް އެމްޕީއެލްއާ ހަވާލުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ ކުރީކޮޅުގައެވެ.
އެމްޕީއެލްއިން ވިދާޅުވި ގޮތުގައި، މާލޭ އުތުރުފަރާތު ބަނދަރަށް އިތުރު ކުރެވުނު ބައިގެ ތެރެއިން މަސް ދޯނި ފަހަރަށް ޚާއްސަކޮށް E ޒޯން އަދި F ޒޯން ކަނޑައަޅާފައިވެއެވެ. މި ސަރަހައްދަކީ މިހާރުވެސް މަސް ދޯނި ފަހަރު ބޭނުންކުރާ ސަރަހައްދެވެ. އެ ކުންފުނިން ބަޔާންކުރެއްވި ގޮތުގައި، މި ސަރަހައްދުން މަސްވެރި އުޅަނދުތަކުން އެއްވެސް ފީއެއް ނަގާ ގޮތަށް ހަމަޖައްސާފައެއް ނުވެއެވެ. ނަމަވެސް، މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުތަކުން މިހާރުވެސް ނަގާ އުސޫލުން ފީ ނަގާނެކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ.
މުދާ އުފުލާ އަދި ފަސިންޖަރު އުފުލާ އުޅަނދުފަހަރުން ނަގާ ފީގެ ތަފްސީލު ދެއްވަމުން އެމްޕީއެލްއިން ވިދާޅުވީ، އެ ސަރަހައްދުގެ "އޭ" ޒޯން އިން އުޅަނދުގެ ފުޅާމިނުން ގަޑިއަކު މީޓަރަކަށް 50 ލާރި ނަގާނެކަމަށާއި، "ބީ" ޒޯނުން އަދި "ސީ" ޒޯނުންވެސް އުޅަނދުގެ ފުޅާމިނުން ގަޑިއަކު މީޓަރަކަށް 1 ރުފިޔާ ނަގާނެކަމަށެވެ.
މަސް ދޯނި ފަހަރަށް ކަނޑައަޅާފައިވާ ސަރަހައްދު ތަރުތީބުކޮށް، އެ ސަރަހައްދުގެ ޚިދުމަތް ކުރިއަށް އޮތް ތަނުގައި ދެވޭނީ ކިއު ތަރުތީބުންނެވެ. މި ސަރަހައްދު ތަރުތީބުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ލަފާކުރެވޭކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ. މި އިންތިޒާމުގެ ސަބަބުން މަސްވެރި އުޅަނދުތަކަށް ބަނދަރުގެ ޚިދުމަތްތައް ފަސޭހައިން ލިބި، ހިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދާނެކަމަށް ލަފާކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ