ވައުދުވި ގޮތަށް ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ޔާމީން މިނިވަން ނުކުރެވުނު

ރިޔާސީ އިންތިޚާބު 2023 ގެ ކެމްޕެއިންގެ ތެރޭގައި، ވައުދުވި ގޮތަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހު، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިނިވަން ނުކުރެވުމުން، އެމަނިކުފާނަށް އިރުބާރުކޮށް ވޯޓުދިން ބައެއް މީހުން ސޯޝަލް މީޑިއާގައި ނުރުހުން ފާލުކުރަން ފަށައިފިއެވެ.
ރައީސް ކަމަށް ވަޑައިގަންނަވާ ދުވަހު އެންމެ ފުރަތަމަވެސް ކުރައްވާނެ ކަމަކީ ކުރީގެ ރައީސް ޔާމީން ޖަލުން މިނިވަންކުރެއްވުން ކަމަށް، ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން އޭރު ޑރ. މުޢިއްޒު ވިދާޅުވިއެވެ. ޑރ. މުޢިއްޒު މިހެން ވިދާޅުވީ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވުމަށް ފަހު، ކެމްޕޭން ޓީމާއެކު ޕީޕީއެމް-ޕީއެންސީގެ އޮފީހުގައި ބޭއްވި ފުރަތަމަ ބައްދަލުވުމުގައެވެ.
ކަން ދިމާކުރި ގޮތުން ޑރ. މުއިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ ހުވާކުރައްވާފައިވަނީ ހުކުރު ދުވަހެއްގެ ހަވީރެވެ. އެހެންކަމުން، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ މަސައްކަތު ދުވަހަކީ މިއަދު (19 ނޮވެމްބަރު 2023 ވީ އާދީއްތަ) އެވެ. ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ މަސައްކަތު ދުވަސް ނިމިގެންދިޔަ އިރު، ވައުދުވި ގޮތަށް އެމަނިކުފާނަށް ރައީސް ޔާމީން މިނިވަން ނުކުރެއްވުނެވެ.
އެހެން ނަމަވެސް، ވައުދުވި ގޮތަށް ދެވަނަ ބުރު ކާމިޔާބުވުމުން ފުރަތަމަ ޕޯޑިއަމަށް އަރުއްވައި ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ގޮވާލެއްވިއެވެ. ރައީސް ޞާލިހްވަނީ ރައީސް، ޑރ. މުއިއްޒުގެ ގޮވާލެއްވުމަށް އިޖާބަދެއްވައި ރައީސް ޔާމީން ހ. ދޫވެއްސަށް ބަދަލުކޮށްދެއްވާފައެވެ. އޭގެފަހުން، ރައީސް ޔާމީންވަނީ ރަށު ބަންދަށް ބަދަލުކޮށްފައެވެ.
ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ރައީސް ޔާމީން ފޯމް ހުށަހެޅުއްވި ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތެވެ. އެމައްސަލަ ރައީސް ޔާމީންގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހެޅުމުން ވަނީ އެމަނިކުފާނުގެ ހުށަހެޅުމާ ދެކޮޅަށް ނިންމަފައެވެ.
ރައީސް ޔާމީނަށް ވާދަނުކުރެއްވޭ ހާލަތެއް މެދުވެރިވެއްޖެނަމަ، އިންތިޚާބު ބޮއިކޮޓްކުރަން އޭރު ޕީޕީއެމް-ޕީއެންސީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ވިސްނުން ގެންޅުއްވިއެވެ. ޚުދު ރައީސް ޔާމީންވެސް އެންގެވީ އެމަގުން ކަން ކުރައްވުމަށެވެ.
ނަމަވެސް ޕާޓީގެ ގިނަ މެމްބަރުން އިއްތިފާގުވީ ރައީސް ޔާމީން މިނިވަން ކުރުމަށް ބޭނުންނަމަ އިދިކޮޅުން އިންތިޚާބުގައި ވާދަކުރަންޖެހޭ ކަމަށެވެ. އެހެންވެ ފަހުން ރައީސް ޔާމީން ވެސްވަނީ އެގޮތަށް ކަންކަން ކުރިޔަށް ގެންދިޔުމަށް އެދިވަޑައިގެންފައެވެ.
އޭގެ ފަހުން، ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ޓިކެޓް ޑރ. މުއިއްޒަށް އަރުވައި، ވާދަކުރެއްވުމުގެ ފުރުސަތު ދެއްވިއެވެ.
ރައީސް މުއިއްޒު ކުރެއްވި ރިޔާސީ ކެމްޕޭންގައި އެންމެ ބޮޑަށް ބޭނުންކުރެއްވީ ރައީސް ޔާމީންގެ ނަންފުޅެވެ. ޕޯސްޓަރުތަކާއި ބިލްބޯޑުތަކުގައި ބޭނުންކުރެވީ އެމަނިކުފާނުގެ ފޮޓޯފުޅެވެ.
ޖަލްސާތަކުގައި ޕީޕީއެމް-ޕީއެންސީގެ ބޭފުޅުން ޑރ. މުއިއްޒަށް މުހާތަބުކުރެއްވީ "ރައީސް ޔާމީނު އެންޑޯޒްކުރެއްވި ކެންޑިޑޭޓު" ގެ ނަމުންނެވެ. ކަންދެއްކުމަށް ޖަލްސާތަކުގައި ރައީސް ޔާމީނަށް ހާއްސަ ހުސް ގޮނޑިއެއްވެސް ބެހެއްޓެވިއެވެ.
ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރާ މީހުން ބުނާ ގޮތުގައި، ވެރިކަން ލިބިވަޑައިގަތުމުން "އެހަނރާން ނެތިއްޖެ" އެވެ. ކެޔޮގަނޑު ކަނޑާލީމާ ގަހުގެ ބޭނުން ނޯންނާނެއޭ ބުނާތީ އިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ