ގޭންގް ރޭޕްގެ މައްސަލައެއް ސާބިތުވާ ތިން ކުއްޖެއްގެ ހުކުމް ލަސް ކުރުމުން ހެމްބާގްގެ ރައްޔިތުން ރަތަށް
ޖަރުމަނުގެ ސިޓީއެއް ކަމަށްވާ ހެމްބާގްގައި 14 އަހަރުގެ އަންހެން ކުއްޖަކު ގޭންގް ރޭޕް ކުރި މައްސަލައެއް ސާބިތުވާ 18 އަހަރުން ދަށުގެ ތިން ކުއްޖެއްގެ ހުކުމް ތަންފީޒު ކުރުން ލަސް ކުރުމާ ގުޅިގެން އެ ސިޓީގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށް ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފިއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި މައްސަލަ ސާބިތު ވަނީ 14 އަހަރާއި 16 އަދި 17 އަހަރުގެ ތިން ފިރިހެން ކުއްޖެއްގެ މައްޗަށެވެ. މި ތިން ކުދިން ވެގެން 14 އަހަރުގެ އަންހެން ކުއްޖާ ރޭޕް ކުރި އިރު އެހެން އަންހެން ކުއްޖަކު ހުރީ އެމަންޒަރުތައް ރިކޯޑު ކޮށްފައެވެ. ޖަރުމަނަކީ ފިނި ގައުމަކަށްވާއިރު، ރޭޕް ކުރުމަށްފަހު އެ ތިން ކުދިން ވަނީ 14 އަހަރުގެ އަންހެން ކުއްޖާ ފިނީގައި މަރުވާން ބޭއްވުމަށްފަހު ފިލާފައެވެ. އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރު އޮތީ ފިނީގެ ސަބަބުން ވަރަށް ބޮޑަށް ހާލުދެރަވެފައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ. އެކުއްޖާއަށް ފަރުވާ ދީފައިވަނީ އައިސީޔޫގައި ކަމަށްވެއެވެ. ކޯޓުން އެ ތިން ކުދިންގެ މައްޗަށް ހުކުމް ތަންފީޒު ކުރުން ލަސްކޮށްފައިވަނީ، އެކުދިން ކޮށްފައިވާ އަމަލާ މެދު އެކުދިން އެއްބަސްވެ އެކަމާ މެދު ދެރަވާ ކަމަށް ބުނެފައިވުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން ހެމްބާގްގެ ރައްޔިތުން ވަނީ ރުޅިގަދަ ވެފައެވެ. އެގޮތުން އެ ތިން ކުދިން ޖަލަށް ލުމަށް ގޮވާލައި، ޕެޓިޝަނެއްގައި ސޮއި ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެ ޕެޓިޝަނުގައި މިހާތު 10،000 އަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ. ކޯޓުން ނިންމާފައިވާ ނިންމުމުގައި ވަނީ ހުކުމް ތަންފީޒު ކުރުން ލަސް ކުރުމަށް ނިންމާފައިވަނީ ލަސްކޮށްފައިވާ މުއްދަތުގައި އެފަދަ، ނުވަތަ އެހެން ބާވަތެއްގެ ނަމަވެސް ކުށެއް ކޮށްފި ނަމަ ހުކުމް ތަންފީޒު ކުރާ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ