އައިޖީއެމްއެޗްގެ ޑޮކްޓަރަކު ބަލި މީހެއްގެ އެހީތެރިންނާ 'އެކަށީގެން ނުވާ' ގޮތަކަށް މުހާތަބު ކުރި މައްސަލަ ބަލަނީ

އައިޖީއެމްއެޗްގެ ޑޮކްޓަރަކު އެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ ބަލި މީހެއްގެ އެހީތެރިންނާ އެކަށީގެން ނުވާ ގޮތަކަށް މުހާތަބު ކުރި މައްސަލަ ބަލަމުން ދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
މިއަދު އައިޖީއެމްއެޗް އިން ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލަ އެ ހޮސްޕިޓަލުގެ ސަމާލުކަމަށް އައުމާއެކު އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލުމުން އަންނަކަމަށެވެ.
މި މަހުގެ 25 ވަނަ ދުވަހު އައިޖީއެމްއެޗްގައި ދިމާވި މި ހާދިސާ ސޯޝަލް މީޑިއާގައި ހިއްސާކުރި ފަރާތުން ބުނީ އޭނާގެ ކޮއްކޮއަށް އޯގަސްޓް 9 ވަނަ ދުވަހުން ފެށިގެން ފުއްޕާމޭގެ ބައްޔަކަށް އެ ހޮސްޕިޓަލުން ފަރުވާ ހޯދަމުން އަންނަކަމަށެވެ. ފާއިތުވި ދުވަސްތަކުގެ ތެރޭގައި ދުވަހަކުވެސް އެ އާއިލާއިން ޑޮކްޓަރަކަށް ވެސް އަދި ނަރުހަކަށްވެސް ހިތްހަމަ ނުޖެހިގެން ނުވަތަ ބޭއަދަބީކޮށް އެއްވެސް އެއްެޗެއް ބުނެފައި ނުވާކަމަށް މި ވާހަކަ ހިއްސާކުރި ފަރާތުން ވަނީ ބުނެފައެވެ.
އިތުރަށް އެ ފަރާތުން ބުނީ އެ ޖަވާބާއެކު ބަލިމީހާގެ މައިންބަފައިންނާ ދިމާލަށް ޑޮކްޓަރު ރުޅިއައިސްގެން ވަރަށް ބޭ އަދަބީކޮށް ވާހަކަދައްކާފައި ވާ ކަމަށެވެ.
މިހާ ހިސާބަށް ކަންތައް ދިއުމުން ކުއްޖާގެ މަންމައަށް ކޮށްފައިވާ އަސަރެއްގެ ސަބަބުން ކެތް ނުވެގެން އޭނާގެ ގައިގައި ޑޮކްޓަރެއްގެ އެއްވެސް ސިފައެއްނެތޭ ބުނިކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ. މީގެ ރައްދުގައި އެ ކުއްޖާގެ މަންމަ އާ ދިމާލަށް "ކަލޭ ގައިގަ މަންމަ އެއްގެ ސިފައެއްވެސް ނެތް!" މީހެއްކަމަށް ޑޮކްޓަރު ވަނީ ބުނެފައެވެ. އަދި އެތަނަށް ފުލުހުން ގެނައުމަށް ވެސް ޑޮކްޓަރު ގޮވި ކަމަށާ އެންމެ ފަހުން ބަލި އެނދުގަ އޮތް ކޮއްކޮައަށް ކެެތްނުވެގެން ދެން ހުއްޓާލާށޭ މިތަނުން ދާށޭ ޑޮކްޓަރާ ދިމާލަށް ބުނި. ކަމަށް ވެސް އެމީހާ ކިޔާ ދިނެވެ.
ދެންވެސް ރުޅި މަޑުނުވެ، ބަލާކަށް ނޫޅެމޭ ބުނެ ޑޮކްޓަރު ޕޭޝަންޓް ނުބަލާ ވޯޑުން ނިކުމެގެން ދިޔައީ ކަމަށާ އޭގެ ފަހުން ފުއްޕާމޭގެ އިތުރު ޑޮކްޓަރެއް ކޮއްކޮ ބަލާކަށް ނާންނަ ކަމަށް ވެސް އެހީތެރިޔާ ކިޔާ ދިނެވެ.
މި ހާދިސާ ހިއްސާކުރި ފަރާތުން ބުނީ މި މައްސަލަ އެވަގުތު ހޮސްޕިޓަލްގެ ޑިއުޓީ މެނޭޖަރާ އާ ހިއްސާކޮށްފައިވާކަމަށާ އަދި ރަސްމީކޮށް ލިޔުމުން ވެސް މި މައްސަލަ ހުށަހަޅާނެކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ