'މިއީ ޔާމީން ފާޅުގައި މުއިއްޒާ ދެކޮޅަށް ނުކުތުން'

ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމަށް ހަފުތާއެއް ވެސް ނުވެ އުޅެނިކޮށް، ކުރީގެ ރައީސް އަބްﷲ ޔާމީން ރޭ އެ ދެއްކެވީ، އާ ސަރުކާރާ އެމަނިކުފާނު ދެކޮޅުވެއްޖެ ކަމެވެ. ނުވަތަ މިއީ ޕީޕީއެމް-ޕީއެންސީގެ ސެނެޓްގެ ބައެއް ބޭފުޅުން މިހާރު ދެކެވަަޑައިގަންނަވާ ގޮތެވެ.
ރޭ ޕީޕީއެމް އޮފީހުގައި ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް، އޭގެ ކުރިން އެ ޕާޓީގެ ލީޑަޝިޕްގައި ނެތް ބޭފުޅުންކޮޅެއް، ބޭއްވި އެވެ. ލީޑްކުރެއްވީ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އެވެ. އޭނާއާ އެކު އިސްކޮށް ދެން ހުންނެވީ، އައްބާސް އާދިލް ރިޒާ އެވެ.
ބަލަން ތިބޭ މީހުންނަށް އެއީ ބޮޑު ގޯހެއްކަން އެ ބޭފުޅުންގެ ވާހަކަތަކުން އެނގުނު ތިން ދޮގެއް ފާހަގަކުރެވުނެވެ. އެއް ދޮގަކީ 12 ބޭފުޅަކު ހިމެނޭ ސްޓިއަރިން ކޮމިޓީ އުފެއްދެވީ ޔާމީނަށް ޕާޓީގެ އަސާސީ ގަވާއިދުން ލިބޭ ބާރުގައި ކަމެވެ. އެކަމަކު ޔާމީނަކީ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ވާތީ، ގާނޫނީ ގޮތުން އެމަނިކުފާނުގެ އެއްވެސް ހައިސިއްޔަތެއް، ޕާޓީ ހިންގުމުގައި މިހާރަކު ނެތެވެ. އަނެއް ދެ ދޮގަކީ، ޕީޕީއެމްގެ ތަރުޖަމާންކަމުން ހީނާ ވަލީދު އިސްތިއުފާ ދެއްވިކަމާއި ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލަށް އެ ޒިންމާ ދުވަހުން ދުވަހަށް ނުންގެވޭނެކަން ޔާމީނަށް އެންގެވި ކަމަށް ބުނި ވާހަކަ އެވެ.
ނަމަވެސް ހީނާ އާއި ތޮލާލް ވެސް ވަނީ އެކަން ދޮގުކުރައްވައިފަ އެވެ.
ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގެ ކަންކަން އެނގިވަޑައިގަތުމާ އެކު 'ދައުރު'އާ ވާހަކަ ދެއްކެވި ބައެއް ސެނެޓަރުން ވިދާޅުވީ މިއީ ރައީސް މުއިއްޒު ދެކެ ޔާމީންގެ ރުޅި ބޭލުމުގެ އާ ފެށުމެއް ކަމަށެވެ.
"ޔާމީންގެ ފޯނަށް މުއިއްޒު ޖަވާބު ނުދެއްވާތީ މިހާރު އެ ރުޅިގަދަވެގެން އެ އުޅެނީ. މިއީ ޔާމީން ފާޅުގައި މުއިއްޒާ ދެކޮޅަށް ނުކުތުން،" ނަން ނުޖަހާ ގޮތަށް ވާހަކަދެއްކެވި އެ ސެނެޓަރު ވިދާޅުވި އެވެ.
ޔާމީން އާއި ރައީސް މުއިއްޒުއާ ދެމެދު ގުޅުން ކެނޑުނީ، މާފުށީ ޖަލުން ޔާމީން ގެއަށް ބަދަލުކުރި ފަހުން ސޯޝަލް ސެންޓަރުގައި ބޭއްވި ސަޕޯޓަރުންގެ އެއްވުމަކާ އެކު އެވެ. ރިޔާސީ އިންތިހާބުގައި ލިބުނު ކާމިޔާބީގެ އަގުވަޒަންކޮށް، ސަޕޯޓަރުންނަށް ޝުކުރު ދެންނެވުމުގެ ގޮތުން އިންތިޒާމްކުރި އެއް ބައްދަލުވުމުގެ ވާހަކަ، ޔަމީން ގެއަށް ބަދަލުކުރި ދުވަހު، މަގުމަތީގައި ހުންނަވައި، ރައީސް މުއިއްޒު ދެންނެވި ކަމަށްވެ އެވެ. ނަމަވެސް ޔާމީން ހިތްހަމަޖެހިވަޑައިނުގެން ވިދާޅުވި ކަމަށް ވަނީ 'ފުރަތަމަ އުޅެންވީ އަޅުގަނޑު މިނިވަންކުރުމުގެ ކަންކަމުގައި ނޫންތޯ' އެވެ.
ނަމަވެސް ކުރިން ހަމަޖައްސާފައި އޮތް ކަމަކަށް ވާތީ، އެ ބޮޑު އެއްވުން ސޯޝަލް ސެންޓަރުގައި ބޭއްވި އެވެ. އެރޭ ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަން އުޅުއްވަނިކޮށް ޔާމީން ދެތިން ފަހަރަކު ފޯނުން ގުޅުއްވި ކަމަށްވެ އެވެ. ނަމަވެސް އެކަހަލަ ބޮޑު ބައްދަލުވުމެއްގައި އެވަގުތު ފޯނަށް ޖަވާބު ނުދެއްވޭނެތީ ރައީސް މުއިއްޒު އެ ފޯނެއް ނުނަންގަވަ އެވެ. އޭގެ ފަހުން ޔާމީން ދެން ގުޅުއްވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފަށެވެ. ނަމަވެސް އެމަނިކުފާނު ވެސް އެ ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.
ދެން އެތަނުގައި ހުންނެވި ޕީޕީއެމްގެ އިސް އެހެން ބޭފުޅަކަށް ގުޅުއްވި އެވެ. އެ ބޭފުޅާ ފޯނު ނެންގެވުމުން ވަރަށް ކޯފާ އިސްކުރައްވާ ޔާމީން ވާހަކަފުޅު ދެއްކެވި ކަމަށްވެ އެވެ. އަދި މައާފަށް އެދި މުއިއްޒުގެ ފަރާތުން ބަޔާނެއް ނެރެން ޖެހޭނެ ކަމަށް ވެސް، ޔާމީން ވިދާޅުވި ކަމަށް، އެ މައުލޫމާތު އެނގި ހުރި އެހެން ބޭފުޅަކު 'ދައުރު'އަށް ކިޔައިދެއްވި އެވެ.
"ޔާމީން ކީއްކުރަންހޭ އެކަހަލަ ވަގުތެއްގައި މުއިއްޒަށް ގުޅަންވީ ޖެއްސުން ކުރަން ނޫނީ؟" ސޯޝަލް ސެންޓަރުގައި އޮތް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އަދި ކަން ހިނގި ގޮތުގެ މައުލޫމާތު ހުރި ބޭފުޅަކު ވިދާޅުވި އެވެ.
"އޭގެ ފަހުން އަޅުގަނޑަށް އެނގިފައި އޮތީ މުއިއްޒާއި ޔާމީނާ ގުޅުމެއް ނެތްކަން."
ރައީސުލްޖުމްހޫރިއްޔާއަށް ވުރެ ބާރުގަދަ ވެރިޔަކު ނުހުންނަވާނެ އެވެ. ސަރުކާރުން ލިބޭ ފުރުސަތަށް ވުރެ ބޮޑު ފުރުސަތެއް ލިބޭނެ ގޮތެއް ވެސް، ރާއްޖޭގައި ނެތެވެ. އެހެންކަމުން މި ވަގުތު އެ ހުރިހާ ބާރެއް އޮތީ، ހަގީގަތުގައި ޔާމީނާ ދެކޮޅަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި މުއިއްޒުގެ އަތްޕުޅުގަ އެވެ.
"މުއިއްޒު މިހާރު ވެސް ގަބޫލުކުރައްވަނީ ޔާމީން ބޭނުން ނޫން ކަމެކޭ އޭނާ ކޮށްގެން މި އުޅެނީ. އެއީ އިންތިހާބުގައި ވާދަކުރެއްވުން. އަސްލު ޔާމީން ބޭނުންވި ގޮތެއް ނޫނޭ ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ކެންޑިޑޭޓަކު ނެރުން،" ޔާމީންގެ ފަރާތްޕުޅުން މިހާރު މިފެންނަ ދެކޮޅުވެރިކަމާ ހެދި ހިތްހަމަނުޖެހި ހުންނެވި ސެނެޓަަރަކު ވިދާޅުވި އެވެ.
"މުއިއްޒަށް ގަބޫލުކުރައްވާ އިންތިހާބަށް ނުކުތީ ޕީޕީއެމް ވެސް، ޕީއެންސީގެ ވެސް ހައްގުގައި ކަން."
ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އައްބާސް ވިދާޅުވީ ސްޓިއަރިން ކޮމިޓީއަކީ ޕާޓީ ވަގުތީ ގޮތުން ހިންގަން ޔާމީން އުފެއްދެވި ކޮމިޓީއެއް ކަމަށެވެ.
"ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން މިވަނީ އެ މަނިކުފާނަށް ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ލިބިވަޑައިގަންނަވާ އިހުތިޔާރުތަކުގެ ދަށުން ވަގުތީ ގޮތުން ސްޓިއަރިން ކޮމިޓީއެއް އެކުލަވާލައްވާފައި. އެ ސްޓިއަރިން ކޮމިޓީގެ މަސައްކަތްތަކުގެ ތެރެއިން ނަގައިގަނެވުނު މެމްބަރުންތަކެއް މިހާރު މިތާ މި ތިބީ،" އައްބާސް ވިދާޅުވި އެވެ.
އެކަމަކު ޕީޕީއެމްގެ ލީޑަޝިޕްގައި މިވަގުތި ތިއްބެވި އެންމެ އިސް ދެ ބޭފުޅުންނަކީ ދެ ނައިބު ރައީސުން ކަމަށްވާ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނެވެ.
ޕީއެންސީގެ ނައިބު ރައީސް އަދި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއު، ރޭގެ ހިޔާލު ތަފަތުވުމުގައި ލިއުއްވި މެސެޖެއްގައި އެކަން ވަނީ ފާޑަކަށް ހަނދާންކޮށްދެއްވައިފަ އެވެ.
"އަޅުގަނޑުމެން މާދަމާ އެބަ އޮތް އީސީއަށް ދާން. ޕީޕީއެމް އިން ވަޑައިގަންނަވާނީ ވީޕީ ޝިޔާމް. ޕީއެންސީން ދާނީ އަޅުގަނޑު،" ސުޖާއު ލިއުއްވި އެވެ.
އޭގެ ކުރިން އޭނާ ލިއުއްވީ ކަންކަން ކުރައްވާނެ ގޮތް ޝިޔާމަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
"އަޅުގަނޑުމެން ކުރިން ވެސް މަގުމަތި ކުރި މީހުން އަނެއްކާ ވެސް އެ އުޅެނީ އަޅުގަނޑުމެން މަގުމަތިކުރަން،" މަލީހުއަށް އިޝާރަތްކުރައްވައި، ސުޖާއު ލިއުއްވި އެވެ.
ރޭގެ ނޫސްވެރިންގެ ބައްދަލުވުން އޮންނަ ވާހަކަ، ޕީޕީއެމްގެ ރަސްމީ އެއްވެސް ގްރޫޕެއްގައި އިއުލާނެއް ނުކުރެ އެވެ. މެސެޖް އައީ ވަކިވަކި ނޫސްވެރިންނަށެވެ. އެގޮތަށް ކަންތައް އެ ކުރީ، ޔާމީން ވިދާޅުވާހާ ގޮތަކަށް ހީނާ އާއި ތޮލާލް މަސައްކަތް ނުކުރައްވާތީ ކަމަށް ބެލެވެ އެވެ.
ޕީޕީއެމްގެ ސެނެޓްގެ ވަޓްސްއެޕް ގްރޫޕްގައި ރޭގެ ނޫސްވެރިންގެ ބައްދަލުވުމާ ގުޅިގެން ވަނީ ހޫނު ދެބަސްވުންތަކެއް އުފެދިފަ އެވެ. ބައެއް ސެނެޓަރުން ވަނީ މަލީހަކީ، ކުރިން ޔާމީނާ ދެކޮޅަށް އެންމެ ވަރުގަދައަށް މަސައްކަތްކުރެއްވި އެއް ބޭފުޅާ ކަމަށް ސިފަކޮށްފަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 'މިނިސްޓަރުކަމުގައި ހުރިއިރު ރައީސް ޔާމީންއަށް އެންމެ ހުތުރުކޮށް ބެވި މިނިސްޓަރުންގެ ތެރޭގައި މަލީހު ވާނެ. މިއަދު މާ އިހުލާސްތެރިކަން މި ދައްކަނީ،" ޕީޕީއެމްގެ ސެނެޓަރަކު ލިއުނެވެ.
މިހާރު އޮތް ސުވާލަކީ މަލީހު އާއި އައްބާސް ނުވަތަ، ޔާމީން އުފެއްދެވި ކަމަށް އެ ބުނާ ސްޓިއަރިން ކޮމިޓީއެއް ވެސް ނޫނެވެ. މިހާރު އޮތް ސުވާލަކީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކުރިން ރައީސް މުއިއްޒާ ދެކޮޅަށް ޔާމީން ނުކުންނެވީ ހެއްޔެވެ؟ 
މިއީ އާ ވެރިކަމުގެ ފުރަތަމަ ހަފުތާ އެވެ. ޕީޕީއެމްގެ ލީޑަޝިޕްގެ އިސް ބޭފުޅުންނަށް އެނގިވަޑައިނުގެން ޔާމީން އެ ނުކުންނެވީ އާ ބަޔަކު ލައްވައިގެން ޕީޕީއެމް ހިންގަވާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ