މީދޫ ކައުންސިލް ރައީސް އިންތިހާބުގެ އިތުރުބުރުގެ ވޯޓާސް ލިސްޓުގައި ސޮއިކުރުން މާދަމާ

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ އިތުރުބުރުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއިކުރުމުގެ ފުރުޞަތު މާދަމާ ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، 2026 ޖޫން 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގެ ވޯޓާސް ލިސްޓުގައި ސޮއިކުރުން އޮންނާނީ 2026 ޖޫން 9 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އިން މެންދުރުފަހު 1:30 ގެ ނިޔަލަށް ކަމަށެވެ. މި މަސައްކަތް ކުރިއަށްދާނީ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާބެހޭ މަރުކަޒުގައެވެ.
މި ރަޖިސްޓަރީގައި ސޮއިކުރުމުގެ ފުރުޞަތު ކެންޑިޑޭޓުންނަށް ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ. ކެންޑިޑޭޓުގެ ބަދަލުގައި އެހެން ފަރާތަކުން ސޮއިކުރަން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއަކާއި، ކެންޑިޑޭޓުގެ އައިޑީކާޑު ކޮޕީއެއް ގެންނަންވާނެއެވެ. އެ ސިޓީގައި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި އައިޑީކާޑު ނަންބަރު ހިމަނަންޖެހޭނެ ކަމަށްވެސް ކޮމިޝަނުން ބުނެއެވެ.
މީގެ އިތުރުން، ރަޖިސްޓަރީގައި ސޮއިކުރަން ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުގެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
ދ. މީދޫ ކައުންސިލް ރައީސް ހޮވުމަށް ބާއްވާ މި އިންތިޚާބަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގެ ދަށުން ބޭއްވޭ އިތުރުބުރެކެވެ. އިލެކްޝަންސް ކޮމިޝަނުން ދަނީ އިންތިޚާބުގެ ކަންކަން އިންތިޒާމުކުރުމުގެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ