އެންމެ ފަހުން ބޭއްވުނު ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ސަރުކާރުގެ ސައިޒު ތިނަދޫއިން ދައްކާފައިވާނެކަމަށް ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ވިދާޅުވެއްޖެއެވެ.
ސައުދު މިހެން ވިދާޅުވީ ”ބޮޑު ބަދަލު“ ގެ ނަމުގައި ތިނަދޫ ސިޓީގައި އެމްޑީޕީގެ ޗެއާރޕާރސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް ނަޝީދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ސައުދު ވިދާޅުވީ، ތިނަދޫގެ ރައްޔިތުންނަކީ ޙައްޤުތައް ކަށަވަރު ކުރުމަށް ބޭނުންވާ ބައެއްކަމަށެވެ. މިގޮތުން ސަރުކާރު އަރި އަޅާލާފައިވަނިކޮށް ހޮނިހިރު ދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި އެމްޑީޕީ ކާމިޔާބު ހޯދިގޮތަށް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް ކާމިޔާބު ހޯދާނީ ބޮޑު ތަނުންކަމަށް އޭނާ ވިދާޅުވިއެވެ.
“ ތިނަދޫގެ ރައްޔިތުންނަކީ ޙައްޤުތައް ކަށަވަރު ކުރުމަށް ބޭނުންވާ ބައެއް. ސަރުކާރު އަރި އަޅާލާފައިވަނިކޮށް ބައި އިލެކްޝަނުގައި ސަރުކާރުގެ ސައިޒު ތިނަދޫއިން އޮންނާނީ ދައްކާފަ“ ސައުދު
ސައުދު ވިދާޅުވީ، މާސިންގާ ގަދަ ކަނޑުގައި ދުއްވަމުންދާ އުޅަދު އަމާން މަންޒިލަކަށް ގެންދިއުމަށް އެންމެ މުހިންމުވާނީ އެއުޅަނދުގެ މާލިމީ ކަމަށެވެ. މިގޮތުން، ރައީސް ނަޝީދަކީ ޖަޒީރާ ރައްތަކުގެ އެތަކެއް ރައްޔިތުންނެއްގެ ހިތްތަކުން ޖާގަ ހޯދާފައިވާ ބޭފުޅެއްކަމަށާއި އަދި ބޮޑު ބަދަލުގެ ނަމުގައި އެމްޑީޕީއިން ނިކުމެ ޗެއާރޕާރސަންއަކަށް ރައީސް ނަޝީދު އިންތިޚާބުކުރަން ބޭނުންވަނީ ރައްޔިތުން ބޭނުންވާ ކަންކަން އެންމެ ފުރިހަމައަށް ގެނެސްދެވޭނީ ރައީސް ނަޝީދުއަށްކަމަށް ޤަބޫލުކުރެވޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ޗެއާރޕާރސަންއަކަށް ރައީސް ނަޝީދު އިންތިޚާބުވާ ހިސާބުން އެކަން ނުނިމޭނެކަމަށާއި 2028 ވަނަ އަހަރު ރައްޔިތުންގެ އުއްމީދުތައް ހާސިލުކުރުމަށް ވެސް ރައީސް ނަޝީދަކީ އެންމެ ޤާބިލު ބޭފުޅާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދިވެހިރާޢްޖޭގައި ހެޔޮ ވެރިކަމެއް ކުރުމަށް ރައީސް ނަޝީދު އެމްޑީޕީގެ ޗެއާރޕާރސަން ކަމަށް އިންތިޚާބުކުރުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ، ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ) ވުޖޫދުވީވެސް ރައްޔިތުންގެ ޙައްޤު ކަށަވަރު ކުރުމައްޓަކައި ކަމަށެވެ. މިގޮތުން އުތުރާއި ދެކުނުން އެމްޑީޕީގެ ލަޝްކަރު ނިކުމެ މިމަހުގެ 12ވަނަ ދުވަހު އޮންނަ ޕާޓީގެ ޗެއާރޕާރސަން އިންތިޚާބު ކާމިޔާބު ކުރައްވާނީ ރައީސް ނަޝީދުކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ. އަދި ރައްޔިތުން މިހާރު ތިބީ ވޯޓު ކަރުދާހަށް ކެތްމަދުވެފައިކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތުން އެމްޑީޕީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުވެސް ކާމިޔާބު ކުރާނީ ބޮޑުތަނުންކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.
ބައި އިލެކްޝަނުގައި ސަރުކާރުގެ ސައިޒު ތިނަދޫއިން އޮންނާނީ ދައްކާފަ: ސައުދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ