ބޭސް ލިބުން އުނދަގޫ ވަނީ ސަޕްލައިޗެއިން ތަރައްގީ ނުވާތީ: ޑރ. ޝާހު

ބޭސް ލިބުން ދަތިވަނީ ސިއްހީ ދައިރާއާ އެއްވަރަށް ސަޕްލައިޗެއިން ތަރައްގީ ނުވެ އޮތުމުން ކަމަށް ދައުލަތުގެ ބޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހް މާހިރު ވިދާޅުވެއްޖެއެވެ. ބޭސް ސިޓީއަށް ބޭސް ނުލިބޭ ކަމުގެ ޝަކުވާތައް ގިނަތާ އެތައް ދުވަހެއް ވެއްޖެއެވެ. އެ ޝަކުވާތައް ހުއްޓުވައި، މައްސަލަ ހައްލުކުރުމުގެ ނަމުގައި ބޭހަށް ޚާއްސަ ކުންފުންޏެއް ސަރުކާރުން އުފެއްދިއެވެ. އެކަމަކު، އެ ކުންފުނިން ބޭސް އެތެރެކުރަން ފެށިކަން އިއުލާނުކުރީ، ކުންފުނި އުފެއްދިތާ ހަ މަސް ފަހުން، މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ. އެފަހުން ކުރިއަށް އޮތް ދެ މަސް ތެރޭ ބޭހުގެ މައްސަލައަށް ރަނގަޅު ހައްލެއް ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މެއި މަހުގެ 24 ގައި ވަނީ ވިދާޅުވެފައެވެ. ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ޑރ. ޝާހް ވިދާޅުވީ ހޮސްޕިޓަލްތައް ކިތަންމެ ޒަމާނީވެފައި ހުއްޓަސް، އެތަންތަން ހިންގަން ބޭނުންވާ ވަށައިގެންވާ ނިޒާމު ނުވަތަ ލޮޖިސްޓިކްސް ތަރައްގީ ނުވުމަކީ ބޭސް ލިބުމަށް އޮތް އެންމެ ބޮޑު ހުރަސް ކަމަށެވެ. މި ނިޒާމީ މައްސަލަ ހައްލުކުރުމަށްޓަކައި އުފެއްދި ދައުލަތުގެ ބޭސް ކުންފުނިން މިހާރު ދަނީ އާ އަމާޒުތަކަކަށް މަސައްކަތް ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިދިޔަ އެޕްރީލް މަހުން ފެށިގެން އެ ކުންފުނިން ވަނީ އާންމުންގެ ބޭސް ސިޓީތަކަށް ބޭސް ފޯރުކޮށްދޭން ފަށާފައި ކަމަށާއި، މިހާތަނަށް 1,000 އަށްވުރެ ގިނަ ބޭސް ސިޓީއަށް ޚިދުމަތް ދީފައިވާއިރު، މުޅި ސަޕްލައި ޗެއިން ރޭވުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ޝާހު ފާހަގަކުރެއްވިއެވެ. އާސަންދަ ބޭސް ފިހާރައެއް -- ބޭސް އެތެރެކުރުމުގެ ދަތިތަކުގެ އިތުރުން ވަކި ޚާއްސަ ފިނިހޫނުމިނެއްގައި ބަހައްޓަންޖެހޭ ބޭސްތައް ރައްކާތެރިކަމާއެކު ގެނައުމާއި، ބައިނަލްއަގްވާމީ ބާޒާރުން ޚާއްސަ ބޭސްތައް ހޯދުމަކީ ބޮޑު ތަކުލީފެއްކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެކި އިދާރާތަކުގެ މެދުގައި ބޭހުގެ ކޯޑުތައް އެއްހަމަނުވުމާއި، ބްރޭންޑްތައް ގިނަވުމުން ބޭސް ސިޓީ ލިޔުމުގައި ދިމާވާ މައްސަލަތައް ހައްލުކުރަން އެހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ދާއިމީ ހައްލަކީ ބޭސް މެދުނުކެނޑި ސްޓޮކްގައި ބެހެއްޓުންކަން ފާހަގަކުރައްވައި ޝާހު ވިދާޅުވީ މަދުން ބޭނުންކުރާ ޚާއްސަ ބޭސްތައް އަބަދުވެސް ސްޓޮކްގައި ހުންނާނެ ނިޒާމެއް ގާއިމުކުރުމަށް ބޭސް އުފައްދާ ބައިނަލްއަގްވާމީ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. މީގެ ދާއިމީ ހައްލަކީ ރާއްޖޭގައި ބޭނުންކުރާ ހުރިހާ ބޭހެއްވެސް ޑިސްރަޕްޓްނުވާނެހެން [މެދުނުކެނޑި] ސްޓޮކްކޮށްފައި ބެހެއްޓުން. އެއީ ދުރުރާސްތާ ދެމެހެއްޓެނިވި ގޮތަކަށް މިކަން ކުރެވޭނެ ގޮތަކީ، ޑރ. ޝާހް މާހިރު ބޭސް ކުންފުނިން ހެދި ދިރާސާތަކުން އެނގުނު ގޮތުގައި، ރާއްޖޭގައި ބޭނުންކުރާ ބޭސްތަކުގެ ތެރެއިން އެސްޓީއޯގައި ރަޖިސްޓްރީކޮށްފައި ވަނީ އެންމެ 25 އިންސައްތަ ބޭސް ކަމަށް ޝާހު ވިދާޅުވިއެވެ. މި ފަރަގު ކުޑަކޮށް، މުޅި ނިޒާމު ހަމަޔަކަށް އެޅުވުމަށްޓަކައި އަމިއްލަ ފަރާތްތަކާ ގުޅިގެން ބޭހުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު ދުރާލާ ބޭސްތައް އެތެރެކޮށް، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ބޭސް ލިބުމުގެ ޔަގީންކަން ދިނުމަށް ކުރާ މި މަސައްކަތުގެ އަމަލީ ހެޔޮ ނަތީޖާ، ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ރައްޔިތުންނަށް ފެންނަން ފަށާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާ ވަނީ ދެއްވައިފައެވެ. ސްޓޭޓްފާމާގެ ނަމުގައި ބޭސް ކުންފުނި އުފައްދާފައިވަނީ ރާއްޖެއަށް ބޭނުންވާ ފެންވަރު ރަނގަޅު ބޭސް ހެޔޮ އަގުގައި އެތެރެކޮށް، ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ. ބޭސް ނުލިބުމުގެ ޝަކުވާއަކީ ވަރަށް ބޮޑަށް އާންމުން ކުރަމުން އަންނަ ޝަކުވާއެކެވެ. އެއް ބޭސް ފިހާރައިން އަނެއް ބޭސް ފިހާރައަށް ބޭހެއް ނުލިބިގެން ހިނގަންޖެހޭ ޖެހުމާއި، އާސަންދަ ކަވަރުނުކުރާނަމަ ބޭހެއް ގަންނަން އެތައް ގުނައެއް އިތުރަށް ޖީބުން ޚަރަދުކުރަން ޖެހޭތީ ވެސް އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް ވަރަށް ގިނައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ