ސްޕޭސްއެކްސް ރޮކެޓް ކުންފުނީގެ ހިއްސާގެ އަގުތައް ތާރީހީ މިންވަރަކަށް އުފުލިގެން ދިއުމާއެކު، އީލޮން މަސްކް ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރުގެ ލަގަބު ހޯދައިފި އެވެ.
ބްލޫމްބާގް ރިޗް ލިސްޓުން ދައްކާ ގޮތުގައި، ޓެސްލާ އަދި ސްޕޭސްއެކްސްގެ ބާނީ، އީލޮން މަސްކުގެ މިލްކިއްޔާތުގައި މިހާރު 1.11 ޓްރިލިއަން ޑޮލަރު އެބަހުއްޓެވެ.
މި ކުރިއެރުން އައީ ރޮކެޓް، ޓެލެކޮމިއުނިކޭޝަން އަދި އާޓިފިޝަލް އިންޓެލިޖެންސް ކުންފުނި، 2.2 ޓްރިލިއަން ޑޮލަރުގެ އަގަކާއެކު ނަސްޑެކް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރުމާ ގުޅިގެންނެވެ.
ކުންފުނިން ބުނި ގޮތުގައި ހިއްސާއެއް ވިއްކަން ހުށަހެޅީ 135 ޑޮލަރަށެވެ. ނަމަވެސް، ޖައްވީ ވިޔަފާރިތަކަށާއި މަސްކްއާ ގުޅުންހުރި ކުންފުނިތަކަށް އިންވެސްޓަރުންގެ އޮތް ޝައުގުވެރިކަމުގެ ބޮޑުކަމުން، ބާޒާރު ހުޅުވުނުއިރު އަގު ހުރީ 150 ޑޮލަރުގައެވެ. އަދި އެ އަގު ކުޑަވަގުތުކޮޅަކަށް 176.50 ޑޮލަރަށް ވެސް އެރި އެވެ. ހުކުރު ދުވަހު ބާޒާރު ބަންދުވިއިރު ސްޕޭސްއެކްސްގެ ހިއްސާއެއްގެ އަގު ހުރީ ގާތްގަނޑަކަށް 161 ޑޮލަރުގައެވެ.
ހުކުރު ދުވަހު ހިއްސާގެ ބާޒާރަށް ނުކުތުމުގެ ކުރިން، ސްޕޭސްއެކްސްގެ އިނީޝަލް ޕަބްލިކް އޮފަރިން މެދުވެރިކޮށް އިންވެސްޓަރުންގެ އަތުން 75 ބިލިއަން ޑޮލަރު ވަނީ ހޯދައިފަ އެވެ.
ސްޕޭސްއެކްސްގެ 42 ޕަސެންޓް ހިއްސާ މަސްކްގެ އަތުގައި އޮތްއިރު، ކުންފުނީގެ ހުރިހާ ކަމެއް ނިންމުމުގެ ފުރިހަމަ ބާރު އޭނާއަށް އޮވެ އެވެ. އަދި އިންވެސްޓް ކުރެވޭ ފައިސާ އޭނާ ބޭނުން ގޮތަކަށް ހޭދަކުރުމުގެ އިހުތިޔާރު ވެސް އޮވެ އެވެ.
ބްލޫމްބާގުން ބުނާ ގޮތުގައި، ބާޒާރު ބަންދުވިއިރު ސްޕޭސްއެކްސްގައި އޭނާގެ ހިއްސާގެ އަގަކީ 767.1 ބިލިއަން ޑޮލަރެވެ. މީގެ އިތުރުން ސްޕޭސްއެކްސްގެ އޮޕްޝަންސްގެ ގޮތުގައި 53.8 ބިލިއަން ޑޮލަރު، ޓެސްލާގެ ހިއްސާގެ ގޮތުގައި 168 ބިލިއަން ޑޮލަރު، އަދި ޓެސްލާގެ އޮޕްޝަންސްގެ ގޮތުގައި 116.4 ބިލިއަން ޑޮލަރު އޭނާގެ މިލްކިއްޔާތުގައި ހުއްޓެވެ.
އީލޮން މަސްކް، ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް ވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ