ފޭސްބުކް އަދި މެސެންޖާއަށް ބޮޑު މައްސަލައެއް ދިމާވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ހިދުމަތް މެދުކެނޑިއްޖެ

މެޓާ ކުންފުނީގެ ދަށުން ހިންގާ ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ނެޓްވޯކް، ފޭސްބުކް އަދި މެސެންޖަރުގެ ހިދުމަތްތަކަށް މިއަދު ދިމާވި ބޮޑު ޓެކްނިކަލް މައްސަލައަކާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކަށް އެޕްލިކޭޝަންތައް ބޭނުންނުކުރެވި، ހިދުމަތް މެދުކެނޑިއްޖެ އެވެ.
މިއަދު އިރުއޮއްސި ރާއްޖެ ގަޑިން ގާތްގަނޑަކަށް 6:45 އެހާކަންހާއިރުން ފެށިގެން ދިމާވާން ފެށި މި މައްސަލައިގައި، ފޭސްބުކް މޮބައިލް އެޕްލިކޭޝަނާއި ވެބްސައިޓް ބޭނުންކުރަމުންދިޔަ ގިނަ އަދަދެއްގެ މީހުންގެ އެކައުންޓްތައް ވަނީ އަމިއްލައަށް ލޮގްއައުޓް ވެފަ އެވެ.
އަދި ރަނގަޅު ޕާސްވޯޑް ޖަހައިގެން އަލުން އެކައުންޓަށް ލޮގިން ވާން އުޅުމުން ވެސް އެކައުންޓަށް ވަދެވޭގޮތް ވަނީ ނުވެފަ އެވެ.
އިންޓަނެޓްގެ ހިދުމަތްތަކަށް ދިމާވާ މައްސަލަތައް ބަލާ "ޑައުންޑިޓެކްޓަ" ސައިޓުން ދައްކާގޮތުގައި، މި މައްސަލަ ދިމާވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެތައް ލައްކަ ބަޔަކު ވަނީ ފޭސްބުކް ބޭނުންނުކުރެވޭ ކަމުގެ ޝަކުވާ ރިޕޯޓްކޮށްފަ އެވެ. އެކައުންޓަށް ވަންނަން އުޅޭ މީހުންނަށް ދައްކަނީ އެރާ މެސެޖުތަކެކެވެ.
މި މައްސަލައިގެ އަސަރު މެސެންޖަރަށް ވެސް ވަރަށް ބޮޑަށް ކޮށްފައިވާއިރު، މެޓާގެ ދަށުން ހިންގާ އެހެން އެޕްތައް ކަމަށްވާ ވަޓްސްއެޕް އަދި އިންސްޓަގްރާމްގެ މޮބައިލް އެޕްތައް އާންމުގޮތެއްގައި ދަނީ މަސައްކަތް ކުރަމުންނެވެ.
ނަމަވެސް އިންސްޓަގްރާމްގެ ޑެސްކްޓޮޕް (ކޮމްޕިއުޓަރުން ބޭނުންކުރާ) ސައިޓަށް ބައެއް ކަހަލަ ކުދިކުދި ބުރޫތައް އަރަމުންދާކަން ބައެއް ޔޫސަރުން ފާހަގަކޮށްފައިވެ އެވެ.
މި މެދުކެނޑުމާ ގުޅޭގޮތުން މެޓާ ކުންފުނިން ރަސްމީކޮށް އަދި ވަކި އެއްޗެއް ހާމަކޮށްފައި ނުވިޔަސް، އެ ކުންފުނީގެ ޓެކްނިކަލް ޓީމުން މިހާރު ދަނީ މައްސަލަ ދެނެގަނެ، ވީ އެންމެ އަވަހަކަށް ހިދުމަތްތައް އާންމު ހާލަތަކަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ