ވައުދުވާންވީ ގައުމީ މަޖިލީހުން ވަކި މީހަކަށް ގޮނޑިއެއް ދޭކަށް ނޫން، ސަމާލުކަން ދޭންވީ ގައުމު ކުރިއަރުވަން: ޝިއްޕެ

އެމްޑީޕީގެ ތެރޭގައި ޗެއާޕާސަނެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތައް ހުންނާނެކަމަށާއި، ގައުމީ މަޖިލީހުން ވަކި ބަޔަކަށް ކަންކަން ފަހިކޮށްދޭނެކަމަށް ބުނުމުގެ ބަދަލުގައި މައްސަލަތައް ހައްލު ކުރުމަށް ސަމާލުކަން ދިނުން މުހިންމުކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.
އަންނަ މަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ފޯރިގަދަވެފައިވާއިރު މި އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. ރައީސް ނަޝީދު ޗެއާޕާސަނަކަށް ގެނައުމަށް، ކުރިން އެ މަގާމުގައި ހުންނެވި ފައްޔާޒް އިސްމާއިލް ތާއީދު ކުރައްވާފައިވާއިރު، މީކާއިލް މަގާމަށް ވާދަކުރައްވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދުގަ އެވެ.
އިންތިހާބުގެ ތެރޭގައި މިވަގުތު، ޓީމުތަކުގެ މެދުގައި ބަހުގެ ހަމަލާތައް ރައްދުކޮށް ފާޑުކިއުންތައް ވެސް ދަނީ އަމާޒު ކުރަމުންނެވެ.
އެތެރޭގެ އިންތިހާބާއި ގުޅޭގޮތުން ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ޝިފާޒް ވިދާޅުވީ، ޗެއާޕާސަން އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މައިގަނޑު އަމާޒަކަށް ވާންޖެހޭނީ ޕާޓީގެ ތެރޭގައި މަޝްވަރާގެ ނިޒާމު ވަރުގަދަކޮށް، ގައުމުގެ މިސްރާބު ރަނގަޅު ކުރުމަށް މަސައްކަތް ކުރުން ކަމަށެވެ. ޝިފާޒް ވިދާޅުވި ގޮތުގައި، ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވަޑައިގަންނަވާ ބޭފުޅަކީ ޕާޓީގެ ތެރޭގައި އެންމެން ބޭނުންވާ މަޝްވަރާތައް ހިންގައި، އެކަމަށްޓަކައި ލޮބީ ކުރެވޭނެ ފަދަ ގާބިލު ބޭފުޅަކަށް ވެސް ވާންޖެހެއެވެ.
ޝިފާޒް ވިދާޅުވީ މިހާރު ސަރުކާރު އެކުލެވިގެންވާ ގޮތަށާއި ދައުލަތް ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަޝްވަރާތައް އެމްޑީޕީގެ ތެރޭގައި ހިންގަން ޖެހެއެވެ. ރައީސް ނަޝީދުގެ ޗެއާޕާސްންކަމުގައި އެ މަސައްކަތް ކުރާނެކަމަށް އެމަނިކުފާނު ވައުދުވެ، ”ބޮޑު ބަދަލު“ ގެ ހުށަހެޅުން ގެނައި ސަބަބަކީ އެއީކަމަށް ޝިފާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެހެން ކެންޑިޑޭޓުން ގޮތަށް ގައުމީ މަޖިލީހުގެ ގޮނޑިއެއް ވަކި ބަޔަކަށް ހާއްސަ ކުރުމަށް ނުވަތަ ޕާޓީގެ ފައިސާއާއި ގުޅޭގޮތުން ރައީސް ނަޝީދު ވާހަކައެއް ނުދައްކަވާނެ ކަމަށެވެ.
ޝިފާޒް އިތުރަށް ވިދާޅުވީ، ޕާޓީގެ ސްޓްރަކްޗަރަށް ގެންނަ ކުދިކުދި ބަދަލުތަކަށްވުރެ ބޮޑަށް މިވަގުތު ބޭނުންވަނީ ޕާޓީގެ ލީޑާޝިޕް ވަރުގަދަކުރުން ކަމަށެވެ. ޕާޓީގެ ގޮފިތަކުގެ އަދަދު އިތުރުކުރުމާއި ގައުމީ މަޖިލީހަށް މީހުން އައްޔަންކުރުމުގެ ވާހަކައަށްވުރެ، ޕާޓީ ހިންގުމުގައި ގިނަ މަސައްކަތް ކުރަންޖެހޭކަމަށް ޝިފާޒް ވިދާޅުވި އެވެ. އެހެންކަމުން ކާމިޔާބު މަސައްކަތްތަކެއް ކުރުމަށް ރައީސް ނަޝީދުގެ ދައުރާ މެދު އެއްވެސް މެންބަރަކު ޝައްކު ނުކުރާނެކަމަށް ޝިފާޒް ވިދާޅުވިއެވެ.
ޗެއަޕާސަންކަމަށް ވަޑައިގަންނަވާ އިރުގާ އަމާޒަކަށް އެ އޮތީ އެމްޑީޕީ ތެރޭގައި މި މަޝްވަރާ ހިންގުން. އެމްޑީޕީ ބޭނުންވާ މަޝްވަރާއަކަށް މި މަޝްވަރާ ހެދުން. އެ ލޮބީއެއް ކުރުން. އެހެންވެ އެ ބޭނުމަށްޓަކައި މިހާރު އެމްޑީޕީ ހިންގަން ވަޑައިގަންނަވާ ކެމްޕޭން ކުރައްވާ ބޭފުޅުން މިވާހަކަ ދައްކަން ޖެހޭނެ. ރައީސް ނަޝީދުގެ ޗެއާޕާސަންކަމެއްގައި އެމްޑީޕީ އެންމެ ބޮޑަށް ހިންގަން ބޭނުންވަނީ މި މަޝްވަރާއަށް… ދައުލަތް އެކުލެވިގެންފައިވާ ގޮތުގެ މައްޗަށް، މިހާރު ސަރުކާރު އެކުލެވިގެންފައިވާ ގޮތުގެ މައްޗަށް.. މީގެންނަ ބޮޑު ބަދަލުގެ މަޝްވަރާއެއް ހިންގަން ތިމަންނާ ބޭނުންވެގެން މިއުޅެނީ. އެކަން ތިމަންނައަށް ކުރެވެން މި އޮތީ ތިބޭފުޅުން މި ޕާޓީގެ ޗެއަރޕާސަނަކަށް ތިމަންނާ އެއަށް ވޯޓުދީފައި އިންތިޚާބްކޮށްދެއްވައިފިއްޔާއޭ. އެވާހަކަ ނުދައްކާތޯ؟ އޭ ކުރައްވަން އެ އުޅުއްވާ ކަމަކީ. ދެން އޭގެ ބޭރުން ތިމަންނާ ޗެއަރޕާސަންކަމަށް އައިމާ ތިމަންނާ މި ޕާޓީގައި ހަދާނީ ތިރީސް ގޮތްޕޭ. ނުވަތަ ތިމަންނާ މިވެނި މިވެނި މީހެއް ބައިންދާނީ މި ގައުމީ މަޖިލީހުގައި އޭ. ދެން އޭ އަޅުގަނޑު ހިތަށް އަރަނީ ހިންގުމުގެ، އެމްޑީޕީ ހިންގުމުގެ ތެރޭގައި ރައީސް ނަޝީދާ ދޭތެރޭގައި ޑައުޓެއް އުފައްދާނެ ބޭފުޅަކު ޕާޓީއަކު ނޫޅުއްވައޭ…
މީގެއިތުރުން ޝިފާޒް ވަނީ އާންމު މެމްބަރުން ކަމަކަށް އެދުމާއި އެކު، ފައިސާއެއް ނެތްކަމަށް ބުނާތަން މިހާރަކަށް އައިސް ފެންނަ ކަމަށެވެ. ޕާޓީގެ މާލީ ދަތިތައް ހުރިކަން ގަބޫލު ކުރާކަމަށާއި، އެކަމަށް ވައުދުވެ ފައިސާ ހަރަދު އާންމު ކުރާނެކަމަށް ބުނެ އެހެން ބަޔަކަށް ބަހުގެ ހަމަލާތައް ދިނުމުގެ ބަދަލުގައި ރައީސް ނަޝީދު މަސައްކަތް ކުރައްވާނީ ޕާޓީއަށް ފައިސާ ހޯދޭނެ މަގު ތަނަވަސްކުރުމަށްކަމަށް ޝިފާޒް ވިދާޅުވި އެވެ. އަދި ވިދާޅުވީ އާންމު މެމްބަރުން ޕާޓީގެ ފައިސާއަށް ވާނުވާ ނޭނގިގެން ނޫޅޭކަމަށެވެ.
އެމްޑީޕީ ރާއްޖޭގެ އިދިކޮޅު މައި ސިޔާސީ ޕާޓީގެ ގޮތުގައި އޮތް އިރު ޝިފަޒް ވަނީ، ޒިންމާދާރު މަސައްކަތްތައް ކުރެވޭކަމާއި މެދު ސުވާލު އުފައްދަވާފަ އެވެ. ޝިފާޒް ވިދާޅުވީ އެމްޑީޕީ އޮތީ ބަލިކަށިވެފައިކަމަށާއި އެމްޑީޕީއަށް ލިބޭ ކޮންމެ ނިކަމެތިކަމަކާއި ބައްޔަކީ މުޅި ގައުމަށް ވެސް ދިމާވާ ބައްޔެއް ކަމަށެވެ. އަދި މުޅި ގައުމު އެކަމުގެ ތެރޭގައި ހިތާމަ ކުރަންޖެހޭކަމަށް ޝިފާޒް ވިދާޅުވި އެވެ.
އެހެންކަމުން އެމްޑީޕީ ހަރުދަނާވުމަކީ މުޅި އިދިކޮޅު ސިޔާސީ ހަރަކާތްތައް ވަރުގަދަވެ، އެހެން ޕާޓީތަކަށްވެސް އޭގެ ހެޔޮ އަސަރު ކުރާނެ ކަމެއްގެ ގޮތުގައި ޝިފާޒް ވިދާޅުވި އެވެ.
ޝިފާޒް ވިދާޅުވީ ވަގުތު ގައުމު އޮތް މިސްރާބާއި ސަރުކާރުގެ ކަންކަން ހުރި ގޮތުން، ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ދެމިއޮތުމަކީ ގައުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި، އެކަން ކުރެވޭނީ ހަރުދަނާ ލީޑަރެއް ޕާޓީގެ ހިންގުމާ ހަވާލުވެގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ