ރާއްޖޭގެ ޑިޖިޓަލް ތަރައްގީގައި ބައިވެރިވުމަކީ ލިބޭ ބޮޑު ޝަރަފެއް: ޕޭޕަލް

ދިވެހިރާއްޖޭގައި ޕޭޕަލްގެ ހިދުމަތްތައް ރަސްމީކޮށް އިފްތިތާހުކުރުމަކީ ރާއްޖޭގެ ޑިޖިޓަލް ބަދަލުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ޕޭޕަލްގެ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ވައިސް ޕްރެޒިޑެންޓް އަދި ޖެނެރަލް މެނޭޖަރު އަހުމަދު ވަލްޔާނީ ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ޕޭޕަލް ތައާރަފްކުރަން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަލްޔާނީ ވިދާޅުވީ، ރާއްޖޭގެ ޑިޖިޓަލް ތަރައްގީގައި ބައިވެރިވުމަކީ ޕޭޕަލްއަށް ލިބޭ ބޮޑު ޝަރަފެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ "މޯލްޑިވްސް 2.0" ތަސައްވުރަށް އޭނާ ވަނީ ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. "އެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް އެހީތެރިވެދީ، ރާއްޖޭގެ ޑިޖިޓަލް ތަރައްގީގައި ބައިވެރިވުމަކީ ޕޭޕަލްއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް،" އޭނާ ވިދާޅުވިއެވެ.
މި ޕާޓްނަޝިޕްގެ ސަބަބުން ޑިޖިޓަލް މުއާމަލާތްތައް ކުރިއަށްވުރެ ރައްކާތެރި، ފަސޭހަ އަދި ހުރިހާ ފަރާތްތަކަކަށް ބައިވެރިވެވޭނެ ނިޒާމަކަށް ވެގެންދާނެ ކަމަށް ވަލްޔާނީ ފާހަގަކުރެއްވިއެވެ. މި އާ ހިދުމަތާއެކު އެމް-ފައިސާ (M-Money) ކަސްޓަމަރުންނަށް އެފަރާތްތަކުގެ ޕޭޕަލް އެކައުންޓް ގުޅުވާލައި، ޕޭޕަލް ވޮލެޓުގައި ހުންނަ ފައިސާ ސީދާ އެމް-ފައިސާ އެކައުންޓަށް ނެގޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
ވަލްޔާނީ އިތުރަށް ވިދާޅުވީ، މި ހިދުމަތުގެ ސަބަބުން ބޭރުގެ ކްލައިންޓުންގެ އަތުން ފައިސާ ހޯދާ ފްރީލާންސަރުންނަށާއި، އޮންލައިންކޮށް ތަކެތި ވިއްކާ ކުދި ވިޔަފާރިތަކަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ. ރާއްޖެއަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ ސަބަބުން ދުނިޔެއާ ވަރަށް ބޮޑަށް ގުޅިފައިވާ ގައުމެއްކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ ދުނިޔޭގެ އިގްތިސާދުގައި ބައިވެރިވުމަށް ޖަޒީރާ ގައުމުތަކަށް އިތުބާރު ހުރި ޑިޖިޓަލް ގުޅުމެއް މުހިންމު ކަމަށެވެ.
"މިއީ ހަމައެކަނި ފައިސާ ދެއްކުމެއް ނޫން. މިއީ ފްރީލާންސަރަކަށް އޭނާގެ މަސައްކަތަށް އުޖޫރަ ލިބުން ނުވަތަ ކުދި ވިޔަފާރިވެރިއަކަށް އާ މާކެޓްތަކަށް ވާސިލްވެވުން ފަދަ ކަންކަން،" ވަލްޔާނީ ވިދާޅުވިއެވެ.
މި ހިދުމަތް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދުގެ އިތުރުން ސަރުކާރުގެ އިސްވެރިންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ވަލްޔާނީ ވަނީ މި ހިދުމަތް ތައާރަފުކުރުމުގައި އޫރީދޫ ފިންޓެކް އަދި މާސްޓަރކާޑުން ދިން އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ