އީރާނަށް އަސްކަރީ ހަމަލާތަކެއް އަލުން ދޭނެ ކަމުގެ އިންޒާރުތައް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރު ކުރައްވަމުން ގެންދަވާ މި ދަނޑިވަޅު، އީރާނާ ގުޅުންހުރި ތެޔޮ ޓޭންކަރެއް އިންޑިއާ ކަނޑުން އެމެރިކާ ސިފައިން އަތުލައިގެންފި ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފި އެވެ.
އެމެރިކާގެ ތިން އޮފިޝަލަކު އެ ނޫހަށް ކަށަވަރުކޮށްދެއްވި ގޮތުގައި، ރޭގަނޑުގެ ވަގުތެއްގައި އަތުލައިގަތް"ސްކައިވޭވް" ނަމަކަށް ކިޔާ މި އުޅަނދަކީ، އީރާނުން އެކްސްޕޯޓްކުރުން މަނާކޮށްފައިވާ ސާފުނުކުރާ ތެޔޮ އުފުލުމުގައި ހަރަކާތްތެރިވާ ނެޓްވޯކެއްގެ ބައެކެވެ. މިއީ މިއަހަރުގެ މާޗު މަހު އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އުޅަނދެއް ވެސް މެ އެވެ.
އުޅަނދު ދަތުރުކުރި މަގު ދައްކައިދޭ ޓްރެކިން ޑޭޓާތަކުން އެނގޭ ގޮތުގައި، މި ހަފުތާގެ ކުރީކޮޅު މަލަކާ ކަނޑުއޮޅި ހުރަސްކުރުމަށް ފަހު، މި އުޅަނދު ދަތުރުކުރަމުންދިޔައީ މެލޭޝިއާގެ ހުޅަނގުންނެވެ. އިންޓެލިޖެންސް ރިޕޯޓްތަކާއި ޝިޕިން މައުލޫމާތޫން ދައްކާ ގޮތުގައި، މި ޓޭންކަރަށް ފެބްރުއަރީ މަހު އީރާނުގެ ޚަރްޖު އައިލެންޑުން އެއް މިލިއަނަށްވުރެ ގިނަ ފީފާގެ ސާފުނުކުރާ ތެޔޮ ބަރުކޮށްފައިވެ އެވެ. އޮފިޝަލުން ވިދާޅުވި ގޮތުގައި، މި އުޅަނދު ހަރަކާތްތެރިވަމުން ދިޔައީ، ސިއްރިއްޔާތުގައި އެއް އުޅަނދުން އަނެއް އުޅަނދަށް ތެޔޮ ބަދަލުކުރުމަށް މަޝްހޫރު ސަރަހައްދެއްގަ އެވެ. މިއީ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށްޓަކައި "ޝެޑޯ ފްލީޓް" ނުވަތަ ކަނޑުގެ ކަޅު ބާޒާރުގެ އުޅަނދުތައް ބޭނުންކުރާ އުކުޅެކެވެ.
އީރާނާ ގުޅުންހުރި ތެޔޮ އުފުލާ އުޅަނދުތަކާ ދެކޮޅަށް އެމެރިކާއިން މީގެ ކުރިން ވެސް މިފަދަ އޮޕަރޭޝަންތައް ހިންގާފައިވެ އެވެ. އޭޕްރީލް މަހު ވެސް، އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އިންޑިއާ ކަނޑުން "މެޖެސްޓިކް އެކްސް" އަދި "ޓިފާނީ" ނަމަކަށް ކިޔާ އުޅަނދެއް ހިފަހައްޓައިފަ އެވެ.
އީރާނާއި ރަޝިއާގެ ތެޔޮ، ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފަށް އުފުލާ ގާތްގަނޑަކަށް 1,000 ބޯޓުގެ މައްޗަށް އެކުލެވޭ އީރާނުގެ މި "ޝެޑޯ ފްލީޓް" އާ ދެކޮޅަށް އެމެރިކާއިން ވަނީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި މީގެ ގިނަ ތެޔޮ ފޮނުވަނީ ޗައިނާ އާއި އިންޑިއާއިން ތެޔޮ ގަންނަ މީހުންނަށެވެ.
އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑޭން ކޭން އޭޕްރީލް މަހު ވިދާޅުވެފައިވަނީ، އީރާނުގެ ތެލުގެ ވިޔަފާރިއަށް އެހީތެރިވާ އުޅަނދުތައް ހޯދުމަށް އެމެރިކާގެ އަސްކަރިއްޔާއިން ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.
"އީރާނުގެ ދިދަ ނަގާފައިވާ ކޮންމެ އުޅަނދެއް ނުވަތަ އީރާނަށް މާއްދީ އެހީތެރިކަން ފޯރުކޮށްދޭން އުޅޭ ކޮންމެ އުޅަނދެއްގެ ފަހަތުން އަޅުގަނޑުމެން ދާނަން،" ކޭން ވިދާޅުވެފައިވެ އެވެ.
މި އުޅަނދު އަތުލައިގަތީ އެމެރިކާ އާއި އީރާނާ ދެމެދު މަސްރަހު އިތުރަށް ގޯސްފައި ވަނިކޮށެވެ. އަންގާރަދުވަހު ޓްރަމްޕް ވިދާޅުވީ، އީރާނަށް އާ އަސްކަރީ ހަމަލާތަކެއް ދިނުމުގެ ހުއްދަ ދިނުމާ ދާދި ގާތަށް ދިޔުމަށް ފަހު، ގަލްފުގެ ބައިވެރިންނާ މަޝްވަރާކުރުމަށް ފަހު ނިންމުން ފަސްކުރެއްވީ ކަމަށެވެ. މިކަމާ ގުޅޭގޮތުން ޕެންޓަގަންއިން ވަކި އެއްޗެއް ނުބުނެ އެވެ.
އެމެރިކާ ސިފައިން އިންޑިއާ ކަނޑުން ތެޔޮ ޓޭންކަރެއް ހިފަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ