އޭޑީކޭ ހޮސްޕިޓަލްގެ އަގުތަކަށް ބަދަލު ގެންނަން ނިންމައިފި
އޭޑީކޭ ހޮސްޕިޓަލްގެ ހިދުމަތްތަކުގެ އަގުތަކަށް އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބަދަލު އަންނާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ. އެ ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނީ ވޭދުވެ ދިޔަ އަހަރުތަކު ތެރޭގައި ހިދުމަތްދޭން ކުރަން ޖެހޭ ހަރަދު އެތައް ގުނައަކަށް މައްޗަށް ގޮސްފައިވާ ކަމަށާއި ތަކެތީގެ އަގަށް އައި ބަދަލާ މުވައްޒަފުންނަށް ކުރަން ޖެހޭ ހަރަދުތައް އިތުރުވެފައިވާ ކަމަށެވެ. އަދި 2008 އިން 2012 އަށް އެ ހޮސްޕިޓަލުންދޭ ހިދުމަތްތައް ދިނުމަށް މުވައްޒަފުންގެ މުސާރަ އާ އުޖޫރަ 115 އިންސައްތަ މައްޗަށް ގޮސްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ހިދުމަތް ދޭން ބޭނުންވާ މެޝިނަރީ އާއި ކޮންސިއުމަބަލްސް އަދި އެހެނިހެން ތަކެތި ހޯދަން ކުރާ ހަރަދު 117 އިންސައްތަ މައްޗަށް ގޮސްފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ. "އެކަންތައްތަކުގެ ސަބަބުން ހޮސްޕިޓަލުން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކުގެ އަގަށް ބަދަލުގެނެސްގެން ނޫނީ އެ ހިދުމަތްތައް ފޯރުކޮށްދިނުމަކީ މާލީގޮތުން ދެކޮޅުޖެއްސޭނެ ކަމަކަށް ނުވާތީ ބައެއް ހިދުމަތްތަކުގެ އަގުތަކަށް ބަދަލުގެންނަން ނިންމާފައިވާކަން ދަންނަވަމެވެ،" އެގޮތުން ޑޮކްޓަރަށް ދެއްކުމުގެ ފީ، އެނދުގެ އަގުގެ އިތުރުން ބައެއް އޮޕަރޭޝަންތަކުގެ އަގުތަކަށް ބަދަލު އަންނާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. އަދި ބަދަލު ގެނެސްފައިވާ ހިދުމަތްތަކުގެ މައުލޫމާތު ހޮސްޕިޓަލްގެ ކައުންޓަރުން ފެންނަން ހުންނާނެ އެވެ. އޭޑީކޭ އިން ވަނީ ތަފާތު ދާއިރާތަކުގެ ސްޕެޝަލިސްޓުންނާއި ސުޕަ ސްޕެޝަލިސްޓުންގެ ހިދުމަތް ވަނީ ތައާރަފްކޮށް ފުޅާކޮށްފަ އެވެ. މިހާރު އެ ހޮސްޕިޓަލުގައި ތަފާތު ދާއިރާތަކުން 15 ސްޕެޝަލިސްޓުންނާއި އަށް ސުޕަ ސްޕެޝަލިސްޓެއްގެ ހިދުމަތް ލިބެން ހުންނާނެ އެވެ. އަދި އެ ހޮސްޕިޓަލަކީ ރާއްޖޭގައި އެއް މަރުކަޒަކުން އެންމެ ގިނަ ދާއިރާއިން ޓާޝަރީ ފެންވަރުގައި ހިދުމަތް ލިބެން ހުރި މަރުކަޒެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ