ޕީޕީއެމްގެ ރައީސްކަމުގެ މަގާމަށް އުމަރު ނަސީރު ފަދަ ހަރުދަނާ ލީޑަރެއް އަންނަންޖެހޭ: ޖަމީލު އުސްމާން

ޕީޕީއެމްގެ ރައީސް ކަމުގެ މަގާމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ފަދަ ހަރުދަނާ ލީޑަރެއް އަންނަންޖެހޭ ކަމަށް ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލު އުސްމާން ވިދާޅުވެއްޖެއެވެ.
ޖަމީލު އުސްމާން ވިދާޅުވީ ޕީޕީއެމްގެ ރައީސް ޔާމީނުގެ އިރުޝާދާއެކު ޕާޓީގެ ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށްޓަކައި އުމަރު ނަސީރު ފަދަ ހަރުދަނާ ލީޑަރެއް ޕީޕީއެމްގެ ރައީސްކަމަށް އަވަހަށް ގެންނަން ޖެހޭ ކަމުގައެވެ.
އުމަރު ނަސީރަކީ، ޕީޕީއެމް އުފެެއްދި ދުވަސްވަރު އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ. 2013 ވަނަ އަހަރު އޭނާ ވަނީ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ރައީސް ޔާމީނުއާ ވެސް ވާދަ ކުރައްވާފައެވެ. މީގެ ކުރިން ރައީސް ޔާމީނުވެސް ވަނީ އުމަރު އަލުން ޕީޕީއެމްއާ ގުޅި ވަޑައިގަތުމާއި ލީޑާޝިޕަށް ވަޑައިގަތުމަށް ޝައުގުވެރިކަން ފާޅު ކުރައްވާފައިވާފައިވާކަން ހާމަކޮށްފައެވެ.
ޕީޕީއެމްގެ ރައީސް ކަމުގެ މަގާމަށް އުމަރު ނަސީރު ފަދަ ލީޑަރެއް ގެންނަން ޖެހޭކަމަށް ޖަމީލު އުސްމާނު ވިދާޅުވުމުން ޓްވިޓާގައި ބައެއް ފަރާތްތަކުން ވަނީ އެކަމާ ނުރުހުން ފާޅުކޮށް ފާޑު ކިޔައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ