ގާސިމަށް "ސޭޓް" ކިޔާތީ، ގާސިމް "ގަންޖާބޯ"އަށް ގޮވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަހުޖަނު ގާސިމް އިބްރާހީމްއަށް ސޯސަލް މީޑިއާގަ އާއި ސިޔާސީ ޕޯޑިއަމްތަކުގައި "ސޭޓް" ކިޔާތީ އެކަމާ ނުރުހުންވެ ހުންނަވައި، ގާސިމް "ގަންޖާބޯ"އަށް ގޮވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ގާސިމް މިހާރަކަށް އައިސް ސިޔާސީ ގިނަ ވާހަކަފުޅުތައް ދައްކަވަމުން ގެންދަވާތީއާއި، ސަރުކާރު ކޯލިޝަނުގައި އޮވެ، ސަރުކާރާ ދެކޮޅަށް، ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި އިދިކޮޅު ޕީޕީއެމާއެކު މަސައްކަތް ކުރަމުންދާތީ، ގިނަ ބަޔަކު ދަނީ ގާސިމަށް ފާޑު ކިޔަމުންނެވެ.
އެގޮތުން "ސޭޓު ނޫންގޮތެއް" ހޯދަންޖެހޭ ކަމަށާއި ސޭޓަކީ އަމިއްލަ އެދުންބޮޑު ބޭފުޅެއް ކަމަށްބުނެ، ގާސިމްއަށް ނިސްބަތްކޮށް ގިނަ ބަޔަކު ފާޑުކިޔަމުން ދެއެވެ.
ގާސިމްގެ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރުމަށް މާމިގިލީގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، އޭނާއާ ދިމާލަށް ސޭޓޭ އަދި މަހުޖަނޭ ކީކަމުގައި ވިޔަސް، ގުޑުގުޑެއް ނާޅާނެ ކަމަށެވެ.
"އަޅުގަނޑާ ދިމާލަށް ސޭޓު ކިޔާ، މަހުޖަނޭ ކިޔާ، ހިތައްއެރިހާ އެއްޗެއް ކިޔަމުންދިއަޔަސް އަޅުގަނޑު މިއުޅެނީކީ ނޫނޭ، ގަންޖާބޯ އޭ، ނުވަތަ އެވެނި އެއްޗެއް ބޯ އޭ، މިވެނި އެއްޗެއް ބޯ އޭ. އަޅުގަނޑު އެހެންކިޔާކަށް ނޫނޭ މިއުޅެނީ. މިވާގޮތް އެނގިވަޑައިގަންނަވާތޯ، ފުރިފަ ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ މިބުނީ. ތާއަބަދާއަބަދު އަޅުގަނޑާ ދިމާލަށް ސޭޓް ކިޔާ، މަހުޖަނު ކިޔާ، އޭތި މީތި ކިޔާ، ބިލް ބޯޑު ހިފައިގެން ނިކުތީމައި އަޅުގަނޑު އެންމެ އިންޗިއެއްވެސް ފަހަތައް ޖެހޭތަ،" ގާސިމް ވިދާޅުވި އެވެ.
ގާސިމާ ދިމާލަށް ސޭޓޭ، އަދި މަހުޖަނެކޭ ކިޔަނީ ގާސިމަކީ ރާއްޖޭގައި ހުރި އެންމެ މުއްސަނދި އަދި އެންމެ ބޮޑު އެއް ވިޔަފާރި ވެރިޔާއަށް ވީމަ ކަމަށް ބެލެވެއެވެ. ގާސިމަކީ ފަސް ރިސޯޓްގެ ވެރިޔާގެ އިތުރުން އަމިއްލަ އެއާލައިނަކާއި އެއާޕޯޓެއްގެ އިތުރުން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަންވައި ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ވިޔަފާރި ކުރައްވާ އެއް ބޭފުޅާ އެވެ.
ނަމަވެސް ގާސިމާ ދިމާލަށް މަހުޖަނެކޭ ގިނަ ބަޔަކު ކިޔާތީ، އެކަމާ ހިތްހަމަ ޖެހިވަޑައިނުގެން ގާސިމް "ގަންޖާބޯ" އޭ ވިދާޅުވެ، އެ ނިސްބަތް ކުރެއްވީ ކޮން ފަރާތަކަށް ކަމެއް ނޭނގެ އެވެ. ނަމަވެސް ގާސިމާއި އެމްޑީޕީއާ ދެމެދު ދެބަސްވުން އުފެދި، ސަރުކާރު ކޯލިޝަން ވެސް އޮތީ ބޮޑު މައްސަލަގަނޑެއްގެ ތެރޭގަ އެވެ. އަދި ޖުމްހޫރީ ޕާޓީއާއި ގާސިމް ގެންދަވަނީ އިދިކޮޅު ޕީޕީއެމާއެކު މަސައްކަތް ކުރައްވަމުން ނެވެ. އަދި ސަރުކާރަށް ޖެއްސުން ކުރުމުގެ ކަންކަން މަޖިލީހުގެ ތެރެއިން ކުރަމުންދާކަން ވެސް ފާހަގަ ކުރެވެއެވެ.
އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާމިގިލި ދާއިރާއަށް ގާސިމް ވާދަކުރައްވާއިރު، މިހާރުވެސް އެދާއިރާގެ މެމްބަރަކީ ގާސިމް އެވެ. އަދި ގާސިމް ވިދާޅުވަނީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރަންޖެހޭނީ މަހުޖަނުން ކަމަށެވެ. މިލިއަނަރުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ