މަޖިލީހުގެ ނިންމުމާއެކު އަނެއްކާވެސް ސުޕްރީމް ކޯޓުން އަމުރެއް ނެރެފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލާގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އޭނާ ސަސްޕެންޑް ކުރުމާއި ގުޅިގެން، ޖޭއެސްސީގެ އެނިންމަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އަމަލު ނުކުރުމަށް ސުޕްރީމް ކޯޓުން ނެރެނު އަމުރު ދެމި އޮބައޮތް ކަމަށް ބުނެ ސުޕްރީމް ކޯޓުން އަނެއްކާވެސް މިއަދު އަމުރެއް ނެރެފި އެވެ.
ސުޕްރީމް ކޯޓުން މިއަދު އަމުރު ނެރުނީ، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން، ޖޭއެސްސީގެ މެމްބަރުން ހާޒިރުކޮށް، އެކޮމިޝަނުގެ ކަންބޮޑުވުންތަކުގެ މައްޗަށާއި، ޖުޑީޝަރީ އިސްލާހު ކުރުމަށް، މަޖިލީހުން ކުރަންޖޭ މަސައްކަތްތައް އެކުލޭ ރިޕޯޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެރިޕޯޓް ފާސް ކުރުމާއި ގުޅިގެން ނެވެ.
މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ނިންމައި މަޖިލީހުން ފާސްކުރި ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، ދައުލަތުގެ އެހެން ބާރުތަކާއި މިނިވަން މުއައްސަސާތަކުގެ މަސައްކަތުގެ ގާނޫނީ އިހުތިސާސްގެ ތެރެއަށް ސުޕްރީމް ކޯޓުން ނުވަނުމަށް އެ ކޯޓަށް ރައްޔިތުންގެ މަޖިލީހުން އިލްތިމާސް ކުރުމަށް ފެންނަ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެ ރިޕޯޓް ފާސްކޮށްފައިވަނީ، އެރިޕޯޓަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހާއެކު ގައެވެ.
"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރު (ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައާއި ގުޅިގެން ޖޭއެސްސީއާއި ދައުލަތުގެ އިދާރާތަކުގެ މައްޗަށް ނެރުނު ވަގުތީ އަމުރު)، އެ އަމުރު އެއީ ސުޕްރީމް ކޯޓަށް ލިބިފައިވާ ބާރުގެ ބޭރުން ގާނޫނު އަސާސީއާ ކަނޑައެޅިގެން ހިލާފަށް ނެރެފައިވާ އަމުރެއްކަން، މިރިޕޯޓުގައި ހިމެނުމަށް، އަޅުގަނޑު ހުށަހަޅަން،" ހަސަން ލަތީފް އިސްލާހު ހުށަހަޅުއްވަމުން ވިދާޅުވި އެވެ.
މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި އެއިސްލާހާއެކު ޖުޑިޝަރީ ކޮމެޓީގެ އެރިޕޯޓް މަޖިލީހުން ފާސްކޮށްފައިވަނީ 64 މެމްބަރުންގެ އަޣްލަބިއްޔަތުން ނެވެ. ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓް ދެއްވާފައި ނުވާއިރު، ވަކި ގޮތަކަށް ވޯޓް ދެއްވަން ބޭނުންނުވާ ހަ މެމްބަރުން ތިއްބެވި އެވެ.
އެރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުން ހުރަސްތަކެއް ވަނީ ކުރުމަތިކުރުވާފަ އެވެ. އަދި ފަނޑިޔަރުންގެ ފެންވަރު ވަޒަން ކުރުމަށް ސުޕްރީމް ކޯޓުން ހުރަސްތަކެއް ކުރިމަތިކުރުވާފައިވާ ކަމަށާއި ގާނޫނު އަސާސީ އާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުން އެކޮމިޝަނަށް މަތިކުރެވިފައިވާ މަސައްކަތްކުރުމުގެ އިހުތިސާސްގެ ތެރެއަށް ސުޕްރީމް ކޯޓުން ވަނުމުގެ ސަބަބުން ހުރަސްތަކެއް ކުރިމަތި ވެފައިވާ ކަމަށްވެސް އެރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
ޖުޑީޝަރީ އިސްލާހު ކުރުމުގެ ހުރިހާ ކަމަކަށް މަޖިލީހުން ގޮތްތަކެއް ކަނޑައެޅުމާއި، ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ވިޔަސް ޖުޑީޝަރީ އިސްލާހު ކުރުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމާފައިވާ ރިޕޯޓުގައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިއްތެ ނެރުވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ޖުޑީޝަރީ އިސްލާހު ކުރަން، ކުރަންޖެހޭ ހުރިހާކަމެއް ކުރައްވާނެ ކަމަށެވެ. އަދި ޖޭއެސްސީ ޖަވާބުދާރީ ކުރުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހާ މަތިކޮށްފަ ކަމަށާއި، ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ގާނޫނީ އިމުގެ ތެރެއިން މަސައްްކަތް ކުރެއްވުމަށް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި މަޖިލީހުހުގެ ނިންމުގެ ވާހަކަ ސީދާ ގޮތެއްގައި ބުނެފައި ނެތް ނަމަވެސް އެ އަމުރުގައި ވަނީ، ފަނޑިޔާރަކު ނިންމާ ނިންމުމެއްގައި ޝަރުއީ އަދި ގާނޫނީ އަސާސްތަކާ ގުޅުވައިގެން ގޯސް ކަމަށް ބުނެ، ސުލޫކީ ގޮތުން އެ ފަނޑިޔަރާމެދު ފިޔަވަޅު ނޭޅޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ