ރައީސް ޔާމީން އެދޭޒާތުގެ ޖުޑީޝަރީއެއް ރައްޔިތުން ބޭނުމެއްނުވޭ: ހިސާން

ރައީސް ޔާމީން އެދޭޒާތުގެ ޝަރުއީ ނިޒާމަކަށް ދިވެހިރައްޔިތުން ވަނީ ބޮޑުތަނުން ނޫނެކޭ ބުނެފައިކަމަށް ޖުޑީޝަލް ސާރވިސް ކޮމިޝަންގެ މެންބަރު އަދި ތުޅާދޫ ދާއިރާ ތަމްސީލްކުރައްވާ އަލްއުސްތާޒާ ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.
ހިސާން މިހެން ވިދާޅުވީ ޖުޑީޝަރީގެ ބާރުތައް ބީވެގެން ދިއުމަކީ އެއްގޮތަކަށް ވެސް ހިތްހަމަޖައްސައިގެން ތިބެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވަމުންނެވެ. ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ވަނީ ރާއްޖޭގެ ޝަރުއީ ދާއިރާ އެފުށް މިފުށަށް ޖަހައި ޝަރުއީ ދާއިރާގެ ބާރުތައް ފޭރިގެންފައި ކަމަށާ އެމަނިކުފާނު އެންމެ ކަންބޮޑުވެވަޑައިގަންނަވާ ކަމަކީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި އެއްބާރު އަނެއް ބާރަށް ނުފޫޒު ފޯރުވާ ބާރުތައް ފޫއަޅުވާލާ މައްސަލަ ކަމަށެވެ.
ރައީސް ޔާމީންގެ ވާހަކަތަކަށް ރައްދުދެއްވަމުން ގާނޫނީ ވަކީލް އަދި މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ ހިސާން ހުސައިން ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީވެސް ކޯޓްގެ ބާރުގައިކަމަށެވެ. އަދި ފަސް އަހަރުގެ ވެރިކަން ފުރިހަމަކުރެއްވީވެސް ކޯޓްގެ ބާރުގައިކަމަށް ހިސާން ވިދާޅުވިއެވެ.
ހިސާން ވަނީ ރައީސް ޔާމީން އެދޭޒާތުގެ ޝަރުއީ ނިޒާމަކަށް ދިވެހިރައްޔިތުން ވަނީ ބޮޑުތަނުން ނޫނެކޭ ބުނެފައިކަމަށްވާކަމަށް ވިދާޅުވެ، ރައީސް ޔާމީންގެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ.
ގިނަ ދުވަސްތަކަކަށްފަހު، އިދިކޮޅު ފަރާތުން ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުމެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ ދުނިޔޭގެ އެންމެ ގަދައަށް ބަރުލަމާނީ ހިނގާ ގައުމުތަކުގައި ވެސް ސުޕްރީމް ކޯޓުގެ އަމުރު ހިނގާ ކަމަށާއި ސުޕްރީމް ކޯޓުގެ ބާރުތަކަށް އަރައިގަތުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި ރައީސް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންތަކުން މިއަދު ކުރަމުންދަނީ އެފަދަ މަސައްކަތްތަކެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ