ކަރަންޓު އަގު ހެޔޮ ކުރުމާއި ބެހޭ ގަރާރެއް ހުށަހަޅައިފި

ރައްޔިތުންގެ މަޖްލީހަށް، ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ކަރަންޓު އަގުހެޔޮ ކުރުމާއި ގުޅޭ ގަރާރެއް ހުށަހަޅައިފިއެވެ.މި ގަރާރުގައި މައިގަނޑު ގޮތެއްގައި ގޮވާލާފައިވަނީ އިއާދަ ކުރަނިވި ހަކަތަ ގިނައިން ބޭނުން ކުރުމަށެވެ. މިގޮތުން ގަރާރު ހުށަހަޅުއްވަމުން ސަލީމް ވިދާޅުވި ގޮތުގައި ރާޢްޖެއަށް ތެޔޮ އެތެރެ ކުރަން 400 މިލިއަން ޑޮލަރެއް ހާ ފައިސާ ހޭދަވާ ކަމަށާއި އޭގެ އިތުރުން ދައުލަތުން ތެލުގެ ސަބްސިޑީގެ ގޮތުގައިވެސް ބިލިއަނެއް ހާ ރުފިޔާ ހަރަދު ކުރަން ޖެހޭކަމަށެވެ. މީގެ އިތުރުން ކަރަންޓުގެ އަގު ހެޔޮ ކުރަން ބޭނުންނަމަވެސް އިއާދަ ކުރަނިވި ހަކަތަ ބޭނުން ކުރަން ފަށަން ޖެހޭކަމަށް ގަރާރުގައި ފާހަގަކުރައްވާފައިވެއެވެ.ގަރާރަށް ބަހުސް ކުރައްވަމުން ބައެއް މެމްބަރުން ވަނީ ރާއްޖޭގައި ތެލުގެ ރިޒާވެއް ގާއިމް ކުރުމުގެ މުހިންމު ކަމުގެ ވާހަކަ ދައްކަވާފައެވެ. މިގޮތުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވަނީ ފުނަދޫ ގައި އެކަނި ތެޔޮ ރައްކާ ކުރުމުގެ ބަދަލުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތެޔޮ ރައްކާ ކުރެވޭނެ ނިޒާމް ޤާއިމް ކުރަންޖެހޭ ކަން ފާހަގަކުރައްވާފައެވެ. އަދި ހަނގުރާމައިގެ ހާލަތެއް ކުރިމަތި ވެއްޖެނަމަ ތެލުގެ ރިޒާވެއް ނެތްނަމަ ކުރިމަތިވާނެ ގެއްލުން ތަކުގެ ވާހަކަ ވެސް އިބްރާހިމް ރަޝީދު ދެއްކެވިއެވެ.މީގެ އިތުރުން ލ.މާވަށު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީޢެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވަނީ ސަރުކާރުގެ ފަރާތުން އަބަދު ގަރާރު ހުށަހަޅުއްވާތީ ފާޑު ކިޔުއްވާފައެވެ. މިގޮތުން، ހުސް ގަރާރު ހުށަހަޅުއްވާނަމަ ކުރާނެ އެހެން ކަމެއް ނެތީތޯ ވަނީ ސުވާލު ކުރައްވާފައެވެ. މީގެ އިތުރުން ރާއްޖެއަށް އެތެރެ ކުރާ ތެލާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ސައީދު ވަނީ 2013 ގައި ކުރީގެ ރައީސް ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު 3 މަހުގެ ތެލުގެ ރިޒާވްވެސް ނެތްކަމަށާއި ނަމަވެސް މިހާރު ފުނަދޫގައި 6 މަހަށް ވާވަރަށް ތެލުގެ ރިޒާވް ހުންނާނެކަމަށް ސައީދު ވިދާޅުވިއެވެ. އަދި ރާއްޖެއަށް އެތެރެ ކުރާ ތެލުގެ ބޮޑު ހަރަދެއް ކުރަނީ ތެލުގެ ފްރައިޓަށް ކަމަށާއި ރައީސް ޔާމީންގެ ވެރިކަމުގައި އެސްޓީއޯއަށް ތެޔޮ ޓޭންކަރެއް އެތެރެކޮށް ފްރައިޓަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަކުރެވިފައިވާ ކަމަށެވެ. ކަރަންޓު އަގުހެޔޮ ކުރުމާއި ގުޅޭ ގަރާރެއް ސަލީމު ހުށަހަޅުއްވާފައިވާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ކަރަންޓު އަގުހެޔޮ ކޮށްފައިވާ ކަމަށް މިއަހަރު ކުރީ ކޮޅު އިއުލާން ކުރައްވާފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ