ހުޅުމާލޭ ކޯޓުން ފުރަތަމަ ފަހަރަށް ޖިނާއީ މައްސަލައެއްގައި ހުކުމެއް އިއްވައިފި

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ފުރަތަމަ ފަހަރަށް ޖިނާއީ މައްސަލައެއްގައި މީހެއްގެ މައްޗަށް ހުކުމް އިއްވައިފި އެވެ. މިދިޔަ އަންގާރަ ދުވަހު ލ. ދަނބިދޫ ނަންރީތިގޭ އަލީ ސާމް،22 ގެ މައްޗަށް ދެ ހުކުމެއް ހުޅުމާލޭ ކޯޓުން ވަނީ އިއްވާފައެވެ. އެއީ ވައްކަމުގެ މައްސަލައަކާއި އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލައެއްގައެވެ. ވައްކަމުގެ މައްސަލައިގައި ހުޅުމާލޭ ކޯޓުން ސާމްގެ މައްޗަށް އިއްވި ހުކުމްގައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހު ހުޅުމާލޭ ފްލެޓަކުން ގެއްލިފައިވާތަކެތި އޭނާގެ އަތުން ފެނިފައިވާކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް އިއްވާފައި ވަނީ އެއް އަހަރާއި ނުވަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ. އެ ފްލެޓުން އޭނާ ވަގަށްނެގި ތަކެތީގެ ތެރޭގައި ޑެލް ބްރޭންޑުގެ ލެޕްޓޮޕަކާއި ސެމްސަންގް ގެލެކްސީ އެސް ޓޫ ބްރޭންޑުގެ ފޯނެއްގެ އިތުރުން އައިފޯން ތްރީޖީ އަދި ސެމްސަންގް އެސް ތްރީ ބްރޭޑުގެ ފޯނަކާއި އެޗްޕީ ބްރޭންޑުގެ ލެޕްޓޮޕަކާއި އޭގެ ޗާޖަރުގެ އިތުރުން ނޮކިއާ ސީ ތްރީ ބްރޭބްޑުގެ ފޯނެއް ހިމެނެއެވެ. އަމުރަށްނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ ސާބިތުވުމުން އޭނާ އަށް އިއްވާފައި ވަނީ ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމް އާސިމްގެ މައްޗަށް އިއްވާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ހަތް ވަނަ ދުވަހުގެ 3:00 އެހާކަންހާއިރު ހުޅުމާލޭ ފްލެޓެއްގެ ކޮޓަރިއެއްގައި ހިލޭ އަންހެނަކާއި އެކު ތަޅުލައިގެން އޭނާ އޮތްކަން ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ