ސަރުކާރުގެ ޢަމަލުތައް ހުރީ ޑިމޮކްރެސީގެ އުސޫލުތަކާއި ޚިލާފަށް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިގޮތަށް ވިދާޅުވީ، ރޭ ޕީޕީއެމްގެ ރައީސްގެ އޮފީސް، ހ. ތެމާގައި ހުޅުވުމަށްޓަކައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ރޭގެ ޖަލްސާގައި މައުމޫން ވަނީ، ސިޔާސީ ހަރަކާތްތައް ހިންގުމަށް އޮންނަ ފުރުސަތު ދުވަހެއް ދުވަހަކަށް ކުޑަވަމުންދާކަން ފާހަގަކުރައްވާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޑިމޮކްރެސީގެ ހަމަތަކާއި އެއްގޮތްވާގޮތުގެ މަތިން ސިޔާސީގޮތުން ހަރަކާތްތެރިވުމުގެ ފުރުސަތު ހުޅުވާލަން ޖެހޭއިރު، އެއްވެ އުޅުމުގެ ޤާނޫނަށް ގެނައި ބަދަލުގެ ސަބަބުން އެމިނިވަންކަން ގެއްލިގޮސްފައިވާ ކަމަށް މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޚިލާފަށް ޤާނޫނުތައް ފާސްކުރަމުންދާ އިރު، ޤާނޫނު އަސާސީއާއި ޚިލާފަށް އެއްވެސް ޤާނޫނެއް ނުހެދޭނެކަމަށެވެ.
ރޭގެ ޖަލްސާގައި ސަރުކާރަށް ފާޑު ވިދާޅުވަމުން ޕީޕީއެމްގެ ރައީސް މައުމޫން އިތުރަށް ވިދާޅުވީ، ދިވެހ ރައްޔިތުންގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭ ގޮތަށް ޤާނޫނު އަސާސީ ބަދަލުކޮށްފައިވާ ކަމަށާއި އެއީ ވެގެން ވާނެ ގޮތެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެންގެ މުއްސަނދި ކަމުގެ މާގިނަ ވަސީލަތްތަކެއް ނެތް. އަޅުގަނޑުމެންގެ ބިމާއި ފަޅުފަޅާ މީ އަޅުގަނޑުމެންގެ އޮތް މުއްސަނދި ކަމަކީ. މި ބޭރު މީހުންނަށް ވިއްކާލާފައި ދެންވާނީ ކިހިނެއްތޯ؟ މުޅި ގައުމު އެ ވިއްކާލެވެނީ." މައުމޫން ވިދާޅުވިއެވެ.
ސަރުކާރުގެ ޢަމަލުތައް ހުރީ ޑިމޮކްރެސީގެ އުސޫލުތަކާއި ޚިލާފަށް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ