ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ޒެޑް-ޑީއާރުޕީން ހުއްޓުވަމުން ދިޔަ ނަމަވެސް މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން އެއްވެސް އިރުޝާދެއް ދެއްވާފައި ނުވާނެ ކަމަށް ކުރީގެ ރައީސް އަދި ޑީއާރުޕީގެ ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ޖަލްސާތައް ހުއްޓުވުމަށް ޓަކައި ޒެޑް ފެކްޝަނުން މިހާރު ހިންގާ ހަރަކާތްތައް ސިފަކުރައްވަނީ މައުމޫން އަޑީގައި ހުންނަވައިގެން ދައުލަތާ ދެކޮޅަށް ހިންގަވާ ޣައިރު ގާނޫނީ ބަޣާވާތެއްގެ ގޮތުގައި ކަމަށް އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީ ރޭ ދި ޓީވީގައި ވިދާޅުވުމާއި ސަރުކާރުގެ ބައެއް އެހެން ބޭފުޅުން ވެސް އެ މައްސަލައިގައި މައުމޫނާ ދިމާއަށް ތުހުމަތުގެ އިނގިލި ދިއްކުރައްވާތީ "ހަވީރު"ން ދެންނެވި ސުވާލެއްގެ ޖަވާބުގައި މައުމޫން ވިދާޅުވީ "މަޖިލިސް ހިނގަނީ އަޅުގަނޑު ބުނާ ގޮތަކަށް ނޫން" ކަމަށެވެ.
"އަޅުގަނޑު ޑީއާރުޕީގެ ސިޔާސީ މަގާމުގައި ހުރި އިރު ވެސް އަޅުގަނޑަކީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާ ބެހޭ ގޮތުން އިރުޝާދު ދޭ މީހެއް ނޫން. އޭރު ވެސް ޑީއާރުޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމާ ގޮތަކަށް، އެ ބޭފުޅުން ބޭނުންވާ ގޮތަކަށް މަޖިލީހުގެ މަސައްކަތްތަކުގައި ޑީއާރުޕީން ހަރަކާތްތެރިވަނީ. މިހާރު ވެސް ޕާލަމެންޓްރީ ގުރޫޕުގެ ތެރޭގައި މަޝްވަރާ ކުރައްވައިގެން ކަންތައް ކުރަނީ. ދެން އެ ކަންތައްތަކާ ހިޔާލު ތަފާތުވާ މެމްބަރުން އަބަދުވެސް ތިއްބަވާނެ. އަޅުގަނޑު ވަކި ގޮތަކަށް މަޖިލީހުގައި ކަންކަން ކުރުމަކަށް ނާންގަން،" މައުމޫން ވިދާޅުވި އެވެ.
ދި ޓީވީގައި ވާހަކަ ދައްކަވަމުން ޑީއާރުޕީގެ ކުރީގެ މެމްބަރު އަދި ފޭދޫ ދާއިރާގެ އަލްހާން ވިދާޅުވީ މައުމޫންގެ 30 އަހަރުގެ ވެރިކަން ނިމިއްޖެ ކަމަށް އެމަނިކުފާނު ގަބޫލުކުރައްވަން ވެއްޖެ ކަމަށާއި "ޑީއާރުޕީ ވެސް އަތުން ބީވެގެން ހިނގައްޖެ"ކަން ގަބޫލުކުރައްވަން ވެއްޖެ ކަމަށެވެ.
މައުމޫން މިއަދު ވިދާޅުވީ "އަޅުގަނޑު ދެކެ އެ ބޭފުޅުން [އެމްޑީޕީ] ބިރު ގަންނަ ސަބަބާ މެދު ސުވާލު އުފެދޭ" ކަމަށެވެ.
"އެހެން މި ދެންނެވީ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ލީޑަރު ވެސް އެބަހުންނެވި. އެކަމަކު އެ ފަރާތާ ދިމާލަށް އެމްޑީޕީ އަކުން ވެސް އެހެން ފަރާތަކުން ވެސް އެއްޗެއް ވިދާޅުވާކަށް ކެރިވަޑައެއް ނުގަންނަވާ. އަޅުގަނޑު މި ކަންތައްތަކާ ދުރުގައި ހުރި މީހާ ދެކެ މިހާ ބިރު ގަންނަން ޖެހޭ ސަބަބާ މެދު ސުވާލު އުފެދޭ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ މަޖިލީހުގެ ކޮމެޓީތަކަށް މެމްބަރުން ބެހި ގޮތާ މެދު ހިތްހަމަނުޖެހިގެން މަޖިލީހުގެ ހުރިހާ ސިޔާސީ ޕާޓީތަކުގެ ބޭފުޅުން ވެސް އުޅުއްވާ ކަމަށާއި އެކަމުގައި އެ މަނިކުފާނުގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށެވެ.
"ޕީއޭގެ ބޭފުޅުން ހިތްހަމަނުޖެހިގެން އެބަ އުޅުއްވާ. ގައުމީ ޕާޓީ އާއި ޖުމްހޫރީ ޕާޓީގެ ބޭފުޅުން އެބައުޅުއްވާ ހަމަ އެ ގޮތަށް. އެހެންވީމަ މަޖިލީހުގެ މެމްބަރުންގެ ތެރޭގައި މި ކަމުގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވުންތަކެއް އެބަހުރިކަން މިކަމުން އެބަ އިނގޭ. މިއީކީ އަޅުގަނޑު ކުރުވާ ކަމެއް ކަމަށް ބަލައިގެން ވާހަކަ ދެއްކުމަކީ ވަރަށް ދެރަ ކަމެއް،" މައުމޫން ވިދާޅުވި އެވެ.
މަޖިލީހުގެ ކޮމެޓީތަކަށް މެމްބަރުން ބެހި ގޮތާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން މިދިޔަ ހަފުތާގެ ބުދަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތައް ޒެޑް-ޑީއާރުޕީން ގެންދަނީ ހުއްޓުވަމުންނެވެ.
ޒެޑް-ޑީއާރުޕީގެ ކައުންސިލް މެމްބަރު އަދި ގެމަނަފުށީ ދާއިރާގެ އިލްހާމް އަހުމަދު ރޭ ވިދާޅުވެފައި ވަނީ އެ ބޭފުޅުން ދޫ ދެއްވާނީ އަލުން ކޮމެޓީތައް އެކުލަވާލައި މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކަންތައް ކޮށްދިނުމަށް އެދިވަޑައިގެން މިދިޔަ އާދީއްތަ ދުވަހު މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގެ ޖަވާބު ދެއްވުމުން ކަމަށެވެ.
އަޅުގަނޑަކީ މަޖިލީހުގެ މަސައްކަތްތަކަށް ބަސް ބުނާ މީހެއް ނޫން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ