އިސްރާއީލުގެ އުދުވާނީ ބާރުތަކުން ބަޑިޖަހައި ފަލަސްތީނުގެ ޒުވާން ކުއްޖަކު ޝަހީދު ކޮށްލައިފިއެވެ.
އިސްރާއީލު ސިފައިން މިއުދުވާނު ހިންގާފައިވަނީ ހުޅަނގު އައްސޭރީގެ ޖެނީން ރެފިއުޖީ ކޭމްޕްގައެވެ.
ފަލަސްތީނުގެ ސިއްހަތާބެހޭ އޮފިޝަލުން ވިދާޅުވީ، ސިފައިން ބަޑިޖެހުމުގެ ސަބަބުން ޝަހީދުވެފައިވަނީ އުމުރުން 19 އަހަރުގެ މުހަންމަދު އަބޫ ޚަލީފާ ނަމަކަށްކިޔާ ކުއްޖެއް ކަމަށެވެ. އޭގެއިތުރުން، އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން އިތުރު ފަސް ޒުވާނުން ޒަޚަމްވެފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
އިސްރާއީލު ސިފައިންނާއި ފަލަސްތީނު ޒުވާނުންނާ ދެމެދު ކުރިމަތިލުން ހިނގަން މެދުވެރިވީ، އިސްރާއީލުގެ އުދުވާނީ ސިފައިން ޖެނީން ރެފިއުޖީ ކޭމްޕަށް ވަދެގަތުމުން ކަމަށް ފަލަސްތީނުގެ ސަލާމަތީ އޮފިޝަލުން ވިދާޅުވެއެވެ.
އިސްރާއީލު ސިފައިންގެ ތަރުޖަމާނު ބުނެފައިވަނީ، ސިފައިން ފަލަސްތީނު ޒުވާނުންނާ ދިމާއަށް ބަޑިޖެހީ، އެމީހުން ގޮވާތަކެތިން އިސްރާއީލު ސިފައިންނަށް ހަމަލާދޭން ފެށުމުން ކަމަށެވެ. ފަލަސްތީނު ޒުވާނުންގެ ހަމަލާތަކުގައި އިސްރާއީލު ސިފައިންގެ އެއްވެސް މީހަކަށް ކަމެއް ނުވާކަމަށްވެސް ތަރުޖަމާނު ބުނެފައި ވެއެވެ.
2015 ވަނަ އަހަރުގެ އޮކްޓޫބަރުމަހުން ފެށިގެން ފަލަސްތީނު ޒުވާނުންގެ ދެކޮޅުވެރިކަން އިސްރާއީލަށް ދަނީ ކުރިމަތިވަމުންނެވެ. މިކުރިމަތިލުންތަކުގައި އިސްރާއީލު ސިފައިން ބަޑިޖަހައި މިހާތަނަށް ފަލަސްތީނުގެ 252 މީހުން ޝަހީދު ކޮށްލާފައި ވާއިރު ފަލަސްތީނު ޒުވާނުންގެ ހަމަލާތަކުގައި އިސްރާއީލުގެ 40 މީހުން މަރާލާފައި ވެއެވެ.
އިސްރާއީލު ސިފައިން ގިނައި މަރާލާފައިވަނީ ފަލަސްތީނުގެ ޒުވާން އުމުރުގެ ކުދިންނާއި އަންހެނުންނެވެ. އެމީހުންގެ ގަޔަށް ބަޑިޖަހާފައިވަނީ ތޫނު ހަތިޔާރު ހިފައިގެން ހުރިކަމަށް ބުނެއެވެ.
އިސްރާއީލުގެ އުދުވާނީ ބާރުތަކުން ބަޑިޖަހައި ފަލަސްތީނު ޒުވާން ކުއްޖަކު ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ