ގާނޫނު އަސާސީގެ 32 ވަނަ މާއްދާގައި ކަށަވަރުކޮށްދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަން އެއްވެ އުޅުމުގެ ގަވާއިދުގެ ދަށުން އެއްވެސް މިންވަރަކަށް ހަނިކުރެވިފައި ވޭތޯ ހައި ކޯޓުން މިއަދު ދައުލަތާ ސުވާލުކޮށްފި އެވެ.
އެއްވެ އުޅުމުގެ ގަވާއިދުގެ ގިނަ މާއްދާތަކެއް ގާނޫނު އަސާސީއާ ތައާރުޒުވާ ކަމަށް ބުނެ އެ މާއްދާތައް ގާނޫނު އަސާސީއާ ހިލާފުވާ މިންވަރުން ބާތިލްކޮށް ދިނުމަށް އެދި ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް މޫސާ އަންވަރު ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ހައިކޯޓުގެ ބެންޗުން ކުރި އެ ސުވާލަށް ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލާ އައިޝަތު ޝީޒާ ޝަރީއަތުގައި ސީދާ ޖަވާބެއް ނުދެއްވަ އެވެ. ޝީޒާ ވިދާޅުވީ އެ ސުވާލަށް ވަކި ޖަވާބެއް ދެއްވުމަށް ދަތިފުޅު ކަމަށެވެ. ނަމަވެސް ގާނޫނު އަސާސީގައި ކަށަވަރުކޮށް ދީފައިވާ އެއްވެސް ހައްގަކީ އެއްވެސް މީހަކަށް މުތުލަގު ގޮތެއްގައި ލިބިދީފައިވާ ހައްގުތަކެއް ނޫން ކަމަށް ވިދާޅުވި އެވެ. އަދި އެ ގަވާއިދަކީ ގާނޫނު އަސާސީގެ ދަށުން ބާރު ލިބިގެން ހަދާފައިވާ ސައްހަ ގަވާއިދެއްކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާ ގާނޫނު އަސާސީ ތަސްދީގު ކޮށް އެ ގާނޫނު އަސާސީއާ ތައާރުޒުވާ ގަވާއިދުތައް ރައްޔިތުންގެ މަޖުލީހުން ބާތިލްކޮށްފައިވާ ކަމަށާއި ނަމަވެސް އެއްވެ އުޅުމުގެ ގަވާއިދު ބާތިލްކޮށްފައި ނުވާ ކަމަށެވެ. އަދި މި ދައުވާއާ ގުޅިގެން ދައުލަތުން އިތުރު އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށާއި ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅައި ދެއްވުމަށް ދައުލަތުން ވަނީ އެދިފަ އެވެ.
ނަމަވެސް ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ފަނޑިޔާރު ޝުއައިބު ހުސެއިން ވިދާޅުވީ ހައްގެއް ނުވަތަ މިނިވަންކަމެއް ހިފަހައްޓައިފައި ވަނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އެކަށީގެންވާ މިންވަރަށްކަން ސާބިތުކޮށްދިނުމަކީ ދައުލަތުގެ ނުވަތަ އެ ހައްގެއް ނުވަތަ އެ މިނިވަންކަމެއް ހިފެއްޓި ފަރާތެއްގެ ޒިންމާއެއް ކަން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން ދައުލަތުން ޖަވާބުދާރީ ވާން ޖެހޭނެ ކަމަށާއި އެއީ މުހިންމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަނަށް ވިދާޅުވި އެވެ.
މޫސަގެ ދައުވާގައި ވަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަން، ސަރުކާރުން ހަދާފައިވާ ގަވާއިދުގެ ދަށުން ވަރަށް ބޮޑަށް ހަނިކޮށްފައިވާ ކަމަށެވެ. އަދި އެއްވުމެއް ބާއްވަން ޖެހޭ ނަމަ ދުރާލާ އެކަން ފުލުހުންނަށް އަންގައި ހާއްސަ ހުއްދައެއް ހޯދަން ޖެހޭ ކަމަށް އެ ގަވާއިދުގައި ބުނެފައި އޮތުމުން ގާނޫނު އަސާސީގެ ރޫހާ ހިލާފުވާ ކަމަށް ވެސް ދައުވާގައިވެ އެވެ.
އެއްވެ އުޅުމަށް ހާއްސަ ހުއްދައެއް ހޯދަން ޖެހޭތޯ ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރު ވަނީ ދައުލަތުގެ ވަކީލާ ސުވާލުކުރައްވައިފަ އެވެ. ނަމަވެސް ވަކީލާ ޝީޒާ ވިދާޅުވީ އެފަދަ ހުއްދައެއް ހޯދަން ނުޖެހޭ ކަމަށާއި ދުރާލާ ނޯޓިސްއެއް ދޭންޖެހޭ ކަމަށެވެ. ނަމަވެސް އެ ގަވާއިދުގެ ހަ ވަނަ މާއްދާގައި ބުނާ ޝަރުތުތައް ފުރިހަމަ ނުވާ ނަމަ އެ އެއްވުން ބޭއްވުމަކީ މަނާކަމެއްކަން އެންގުމުގެ ބާރު ފުލުހުންނަށް ލިބިފައިވާ ކަމަށް ޝީޒާ ވިދާޅުވި އެވެ.
ދައުލަތުގެ ވަކީލާ ވިދާޅުވީ ދައުވާއާ ގުޅިގެން ދައުލަތުން އިތުރަށް ޖަވާބުދާރީ ވާން ޖެހޭ ކަމަށް ކޯޓުން ދެކޭ ނަމަ ދައުލަތުގެ ފަރާތުން ލިޔުމުން ޖަވާބުދާރީވުމަށް ފުރުސަތު ބޭނުންވާ ކަމަށެވެ. ހައިކޯޓުގެ މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ އެ ފުރުސަތު ދައުލަތަށް ދީފަ އެވެ.
އެއްވެ އުޅުމުގެ މިނިވަންކަން އެއްވެ އުޅުމުގެ ގަވާއިދުން ހަނިކޮށްފައި ވޭތޯ ހައި ކޯޓުން ދައުލަތާ ސުވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ