ލިވަރޕޫލް ތާވަލްގެ ހަތަރު ވަނަ އާއި ގާތަށް

މެންޗެސްޓަރ ޔުނައިޓެޑްގެ ދަނޑުގައި ޔުނައިޓެޑް ގެ މައްޗަށް 2-4 ކުރިހޯދައި ލިވަޕޫލް އިން އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް އެރުމުގެ އުއްމީދު އާކޮށްފި އެވެ.
35 މެޗުން 60 ޕޮއިންޓް ހަމަކޮށް ލިވަޕޫލް ވަނީ ތާވަލުގެ ފަސް ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ހަތަރު ވަނައިގައި އޮތް ޗެލްސީ އަށް 36 މެޗުން 64 ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތް ލެސްޓާ އަށް 36 މެޗުން ލިބިފައިވަނީ 66 ޕޮއިންޓެވެ. ލިވަޕޫލް މޮޅުވުމުން ހަ ވަނަ އަށް ވެއްޓުނު ވެސްޓް ހޭމް އަށް ލިބިފައިވަނީ 58 ޕޮއިންޓެވެ.
އެއް ވަނައިގައި 80 ޕޮއިންޓާ އެކު ހަމަޖެހިލައިގެން އޮތް މެންޗެސްޓަރ ސިޓީ ވަނީ ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފަ އެވެ. ދެ ވަނައިގައި ޔުނައިޓެޑް އޮތީ 70 ޕޮއިންޓާއެކު އެވެ.
ވާދަވެރި މި ދެކްލަބްގެ ކުރިމަތިލުން މެއި ދެ ވަނަ ދުވަހު ކުޅެން އޮތްނަމަވެސް، ޔުނައިޓެޑްގެ އޯނަރުންނާ ދެކޮޅަށް ސަޕޯޓަރުން ހިތްހަމަނުޖެހުން ފާޅުކުރުމާ ގުޅިގެން ޕްރިމިއާ ލީގުން މެޗު މިއަދަށް ފަސްކުރީ އެވެ. ރޭ ވެސް މެޗު ފެށުމުގެ ކުރިން ޔުނައިޓެޑްގެ ސަޕޯޓަރުން ވަނީ ދަނޑު ބޭރުގައި ހަމަނުޖެހުން ހިންގާފައެވެ.
މެޗު ފަށައިގެން ޔުނައިޓެޑުން ވަނީ 10 ވަނަ މިނެޓުގައި ލީޑު ނަގައިފަ އެވެ. މިއީ ބްރޫނޯ ފެނާންޑޭސް ގޯލަށް ފޮނުވާލި ބޯޅައެއް ލިވަޕޫލްގެ ޑިފެންޑަރު ނަތޭނިއެލް ފިލިޕްސް ފައިގައި ޖެހިފައި ވަން ލަނޑެކެވެ. އެހެންނަމަވެސް ފުރަތަމަ ހާފު ލިވަޕޫލުން ނިންމާލީ ފަހަތުން އަރައި ދެ ގޯލު ޖަހައި ލީޑުގައި ލީޑުނަގައަގެންނެވެ. އެޓީމުގެ ފުރަތަމަ ލަނޑު 34 ވަނަ މިނެޓުގައި ޑިއޯގޯ ޖޯޓާ ޖެހިއިރު ލީޑު ނެގި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބޮލުން ޖެހީ ރޮބާޓޯ ފިރްމީނޯ އެވެ.
ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުތެރޭ ފިރްމީނޯގެ ލަނޑާއި އެކު ލިވަޕޫލަށް ދެ ލަނޑުގެ ލީޑެއް ވަނީ ލިބިފައެވެ. ޔުނައިޓެޑްގެ ދެ ވަނަ ލަނޑު 68 ވަނަ މިނެޓުގައި ޖެހީ މާކަސް ރަޝްފާޑް އެވެ. މެޗުގެ ނަތީޖާ ހަމަހަމަކުރަން ޔުނައިޓެޑް ކުރިއަށް ޖެހިގެން ކުޅެނިކޮށް 90 ވަނަ މިނެޓުގައި އުފެއްދި ކައުންޓަ އެޓޭކެއްގައި ލިވަޕޫލްގެ މުހައްމަދު ސަލާހް ވަނީ އެޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ.
މި ސީޒަނުގައި ޔުނައިޓެޑް އަމިއްލަ ދަނޑުގައި 6 މެޗުން ވަނީ ބަލިވެފަ އެވެ. މި މެޗުތަކުގައި އެޓީމު ކޮޅަށް 27 ލަނޑު ވަދެފައިވާއިރު، ޔުނައިޓެޑަށް ވުރެ ގިނައިން އަމިއްލަ ދަނޑުގައި މި ސީޒަނުގައި ގޯލު ވަދެފައިވަނީ 29 ލަނޑު ވަދެފައިވާ ނިއުކާސަލް ޔުނައިޓެޑާއި 34 ލަނޑު ވަދެފައިވާ ވެސްޓް ބްރޮމް އެވެ.
ޗެމްޕިއަންސް ލީގެ ބާކީ ދެ ޖާގައަށް ލެސްޓާ އާއި ޗެލްސީ އަދި ލިވަޕޫލްގެ އިތުރުން ވެސްޓް ހޭމުން އަންނަނީ ވާދަކުރަމުންނެވެ. ލީގުގައި ލިވަޕޫލަށް ބާކީ އޮތީ ވެސްޓް ބްރޮމް އާއި ކްރިސްޓަލް ޕެލޭސް އަދި ބާންލީއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ. ޗެލްސީ އަށް އޮތީ އަމިއްލަ ދަނޑުގައި ލެސްޓާއާ ވާދަކުރާ މެޗާއި ރަށުން ބޭރުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ