ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ގޯސް

ރާއްޖޭގެ ބައެއް އަތޮޅު ތަކަށް މޫސުން ގޯސްވެފައިވާތީ އެ އަތޮޅުތައް ހިމެނޭ ގޮތަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމުގެ މި އެލާޓް ނެރެފައި ވަނީ ށ. އަތޮޅުން ފެށިގެން ގދ. އާ ހަމައަށެވެ. މިއަދު ހެނދުނު 9:00 އިން ފެށިގެން މެންދުރު 2:00 ޖެހުމާއި ހަމައަށް މި އެލާޓް ދެމި އޮންނާނެ އެވެ. މެޓުން ބުނީ މި ވަގުތު ތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށެވެ.
ކުރިއަށް އޮތް 24 ގަޑި އިރަށް ބަލާއިރު މެޓުން ބުނީ ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅު ތަކުގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި ދެކުނުގެ ސަރަހައްދަށް ވެސް ކެރީގެ އަަސަރު ކުރާނެ ކަމަށް ބެލެވޭ ކަމަށްވެސް ބުންޏެވެ.
މެޓްގެ ފޯކާސްޓްތައް ބުނާ ގޮތުން ވައިޖެހެނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ.
މުސޫމާބެހޭ އިދާރާގެ ރިކޯޑްތަކުން ދައްކާ ގޮތުގައި މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަގައި މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ އދ. އަތޮޅަށެވެ. އެގޮތުން އެ އަތޮޅަށް 25.5 މިލިލީޓަރުގެ ވާރޭ ވެހިފައިވެ އެވެ. ދެން އެންމެ ގިނައިން ވާރޭވެހުނީ މ. އަތޮޅަށެވެ. އެއީ 23.9 މިލިލީޓަރަށެވެ. ވ. އަތޮޅަށް 15.3 މިލިލީޓަރަށް ވާރޭ ވެހުނެވެ.
މެޓުން ބުނީ ރާއްޖެ ސަރަހައްދަށް ވިއްސާރަ ކުރަނީ ރާއްޖެ ސަރަހައްދުގައި އުފެދިފަވާ ޓްރަފްއެއްގެ ސަބަބުން އުފެދިފައިވާ ވިއްސާރަ ވިލާތަކެއްގެ ސަބަބުން ކަަމަށެވެ.
މިހާރު ރާއްޖޭގައި ހިނގަމުން ދަނީ ރޭވަ ނަކަތެވެ. އެއީ އިރުވައި މޫސުމުގެ ފަހު ނަކަތެވެ. އާއްމު ގޮތެއްގައި އިރުވައި މޫސުން ނިމެން އަންނަ އިރު ބޯކޮށް ވިއްސާރަ ކުރެ އެވެ. ދެން ފަށާނީ ހުޅަނގު މޫސުމުގެ ފުރަތަމަ ނަކަތް އައްސިދަ އެވެ. އެ ނަކަތް ފަށާނީ އަންނަ މަހުގެ އަށްވަނަ ދުވަހު އެވެ. އެ ނަކަތް އޮންނާނީ އޭޕްރިލް 21 ވަނަ ދުވަހާއި ހަމައަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ