ކޯވިޑް-19 : އިތުރު 113 މީހުން ޕޮޒިޓިވްވެއްޖެ

ރާއްޖެއިން ކޯވިޑް-19އަށް އިތުރު 113 މީހުން ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭގެ ފާއިތުވި 24 ގަޑިއިރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ މާލޭ ސަރަޙައްދުންނެވެ.
އެޗް.ޕީ.އޭއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ އިރުއޮއްސި 6:00އިން ފެށިގެން މިއަދު އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން 113 މީހަކު ވަނީ ކޯވިޑް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 56 މީހުން ހިމެނެއެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުން 46 މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 11 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 25304އަށް އަރާފައެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 152 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 22،166 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 3،062 މީހުންނެވެ. އަދި 85 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ. ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި އައި.ސީ.ޔޫގައި ފަރުވާދެމުންދާ 3 މީހުން ހިމެނެއެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ 16 ވަނަ ފަންގިފިލާގައި 5 މީހަކަށް ވޯޑުގައި ފަރުވާ ދެމުންދާއިރު، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 71 މީހަކަށް ވޯޑުގައި ދަނީ ފަރުވާދެމުންނެވެ. އަތޮޅުތަކުގެ މެޑިކަލް ފެސިލިޓީތަކުގެ ތެރެއިން ށ. ފުނަދޫ ފެސިލިޓީގައި 2 މީހަކަށް އަދި ބ. އޭދަފުށީ ފެސިލިޓީގައި 4 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.
އެޗް.ޕީ.އޭއިން ވިދާޅުވީ، މިވަގުތު ރާއްޖޭގެ 71 ރަށަކުން ކޯވިޑް-19ގެ 999 އެކްޓިވް ކޭސް ފެނިފައިވާކަމަށެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 2،950 ސާމްޕަލެއް ވަނީ ނަގާފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 67 މީހަކު ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 59 ދިވެހިންނާއި 8 ބިދޭސީންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ