ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފިއެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި އެފަދައިން ގޮވާލައްވާފައި ވަނީ އަވައްޓެރި ސްރީލަންކާގައި ކޮވިޑުގެ ހާލަތު ގޯސްވެ، އެ ގައުމު ލޮކްޑައުން ކުރުމާ ގުޅިގެންނެވެ.
ސްރީލަންކާއިން އިއްޔެ 10 ދުވަހުގެ މުއްދަތަކަށް ލޮކްޑައުން އިއުލާން ކުރީ ސިއްހީ ނިޒާމަށް ނުކަތާ ހާލަތަށް ދިއުމުންނެވެ. އެގައުމުން ކޮންމެ ދުވަހަކުވެސް ގިނަ އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވް ވަމުން ދާއިރު، އިއްޔެވެސް އެގައުމުން 3،800 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި 159 މީހުން ވަނީ އެ ބަލީގައި މަރުވެފައެވެ.
ރާއްޖޭގެ ކޮވިޑުގެ ހާލަތަށް ބަލައިލާއިރު، އިއްޔެ ޕޮޒިޓިވްވެފައި ވަނީ 95 މީހުންނެވެ. އަދި އޭގެ ތެރެއިން މަލެއިން ޕޮޒިޓިވްވެފައި ވަނީ 4 މީހުންނެވެ. ރާއްޖޭގެ ކޮވިޑުގެ ހާލަތު އެއްހަމައެއްގައި ހިފަހައްޓާލެވިފައި ހުންނަތާ މަހެއްހާ ދުވަސް ވެއްޖެއެވެ. އަދި މާލެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު 50 އިން މައްޗަށް ނަރާތާވެސް ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.
އޭގެ އިތުރުން، ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިނުގެ ފުރަތަމަ ޑޯޒު ދީފައި ވާއިރު، 298،328 މީހުން ވަނީ ވެކްސިނުގެ ދެ ޑޯޒު ފުރިހަމަ ކޮށްފައެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ސަރުކާރުގެ އަމާޒަކީ އަންނަ މަސް ނިމުމުގެ ކުރިން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 90 ޕަސަންޓު މީހުން ވެކްސިން ޖެހުމެވެ.
ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް މައުމޫން ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ