23 ދުވަހަށްފަހު ޕޮޒިޓިވްވީ އަދަދު 100 އިން ދަށަށް

ރާއްޖެއިން ދުވާލެއްގެ މައްޗަށް ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 100 އިން ދަށް ނުވާތާ 23 ދުވަހަށްފަހު ފާއިތުވީ 24 ގަޑީރުގެ ތެރޭގައި މިއަދަދަށްވުރެ ދަށްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ، ބުރާސްފަތި ދުވަހު ހަވީރު 6:00 އިން ފެށިގެން ހުކުރު ދުވަހު ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓު ކުރެވުނީ 5،526 ސާމްޕަލް ކަމަށާއި، އޭގެތެރެއިން ޕޮޒިޓިވްވީ 92 ސާމްޕަލް ކަމަށެވެ.
މިއީ އޮގަސްޓު މަހުގެ 22 ވަނަ ދުވަހަށްފަހު 100 އިން ދަށަށް ޕޮޒިޓިވްވީ އަދަދު ވެއްޓުނު ފުރަތަމަ ފަހަރެވެ.
ފާއިތުވީ 24 ގަޑީރުގެ ތެރޭގައި ޓެސްޓުކުރި ސާމްޕަލްތަކުގެ ތެރެއިން 2،387 ސާމްޕަލް އަކީ ގްރޭޓަރ މާލެ ސަރަހައްދުން ޓެސްޓު ކުރެވުނު ސާމްޕަލްތައް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 38 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 51 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްތަކަށެވެ. 3 މީހުން ނިސްބަތްވަނީ ރިސޯޓްތަކަށެވެ.
އަލަށް ޕޮޒިޓިވްވި 92 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 83،162 އަށް އަރާފައެވެ.
އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 141 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު، ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 81،090 އަށް އަރާފައެވެ.
އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 1،832 ގައެވެ. މީގެތެރެއިން 21 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ