ރިލްވާނުގެ މައްސަލާގައި ހޯދޭނެ އިތުރު އެއްޗެއް ނެތް: އުމަރު

ވަގަށް ނަގައި މަރާލި، އަހުމަދު ރިލްވާން އަބްދުﷲ ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލައިގައި އަލަށް ތަހުގީގެއް ފަށައިގެން ހޯދޭނެ އިތުރު އެއްޗެއް ނެތް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ރިލްވާންގެ މައްސަލައާ ގުޅޭގޮތުން އަވަސް އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އުމަރު ވިދާޅުވީ ރިލްވާނުގެ މައްސަލަ އަކީ ހުރިހާ ހެއްކެއް ހޯދާ ތަހުގީގުކުރެވިފައި އޮތް މައްސަލައެއް ކަމަށެވެ. އަދި ޑރ. އަފްރާޝީމްގެ މައްސަލަ ވެސް ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ތަހުގީގުކުރެވޭނެ އެންމެ ފުނަށް މައްސަލަ ބަލައިފައި ކަމަށެވެ.
"އެހެން ކަމުން މި މައްސަލައިގައި މި ސަރުކާރު އުފައްދާފައިވާ މަރު ކޮމިޝަނުން އަލަށް ކުރެވޭނެ ތަހުގީގެއް ނޯންނާނެ. މި ސަރުކާރަށް ވެސް އެކަން އެނގޭނެ" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަރު ކޮމިޝަނުން ގިނަ މައްސަލަތަކެއް ތަހުގީގު ކުރުމަކީ އެ ކޮމިޝަނުން ކުރާ ރަނގަޅު މަސައްކަތެއް ކަމަށެވެ. ނަމަވެސް ރިލްވާނެ މައްސަލައާއި ޑރ. އަފްރާޝީމްގެ މައްސައިގައި ފުރޮޅާނެ އިތުރު ގަލެއް ނޯންނާނެ ކަމަށެވެ.
ރައީސް ޔާމިން ރިލްވާންގެ މައްސަލައިގައި އުމަރަށް ފޮނުއްވި މެޖެސްތަކެއް މިހާރު ސޯޝަލްމީޑިއާގައި ދައުރުވަމުން އެބަދެ އެވެ. އެ މެސެޖުތަކަކީ ރަނގަޅު މެސެޖުތަކެއް ކަމަށްވެސް ވިދާޅުވި އެވެ.
"ރައީސް ޔާމިންގެ ވެރިކަމުގައި ގެއްލުނު ރިލްވާންގެ މައްސަލަ ނުބަލަން އެއްވެސް އިރެއްގައި ރައީސް ޔާމީން ނާންގަވާ. އެމަނިކުފާނު ވިދާޅުވި "ޑޯންޓް ބީ އޯވާވެލްމިން" ބަސްފުޅުގެ މާނައަކީ "ތި ވަރު އަރުވާނުލިޔަސް ފުދޭނެ" ކަމަށް." އުމަރު ވިދާޅުވި އެވެ.
އުމަރު އިތުރަށް ވިދާޅުވީ އޮވާވެލްމުގެ މާނައަކީ ހުއްޓާލުން ނޫން ކަމަށާއި އެގޮތަށް އެ މާނަ ކުރަނީ އެ މީހަކަށް އިނގިރޭސި ބަސް ނޭނގޭތީ ކަމަށެވެ.
ރިލްވާން އަބްދުﷲ ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލާގައި ސުވާލުކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިމަހުގެ ތިންވަނަ ދުވަހު މަރު ކޮމިޝަނަށް ހާޒިރުކޮށްފައިވެ އެވެ. ނަމަވެސް އެމަނިކުފާނު ވަނީ ކޮމިޝަންގެ ތަހުގީގުގައި ހަނު ހުންނަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ