މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި

ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމި އިދާރާ، މެޓް އޮފީހުން ވައިޓް އެލަރޓް ނެރެފައި ވަނީ ކ އަތޮޅުން ފެށިގެން ގދ އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. ވައިޓް އެލާޓް ނެރެފައި ވަނީ މިއަދުގެ 09:45 އިން ފެށިގެން 15:45 އާއި ހަމައަށެވެ.
މެޓް އޮފީހުން ބުނީ، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ.
ދެކުނުގެ އަތޮޅުތަކުގައި ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް އެ އޮފީހުން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.
މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވާން މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ