ހިޔާ ފްލެޓަށް ކަރަންޓު ދޭނީ ދޫކުރި ސްލިޕާއެކު ޓަވަރަށް ހާޒިރުވުމުން: ސްޓެލްކޯ

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް-2 ގައި އިމާރާތް ކޮށްފައިވާ ޓަވަރުތަކަށް ކަރަންޓު ދޫކުރާނީ ދުވާލަކު ދެ ޓަވަރަށް ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯ އިން މިއަދު ބުނީ، ހިޔާ ފްލެޓުތަކަށް މިއަދު ކަރަންޓު ދޭން ފަށާފައިވާ އިރު، ކަރަންޓު ދޭން ހަމަޖެހިފައިވަނީ ދުވާލަކު ދެ ޓަވަރަށް ކަމަށެވެ. އެގޮތުން މިއަދު 15 އަދި 16 ވަނަ ޓަވަރަށް ކަރަންޓު ދެވިގެންދާނެ ކަމަށާއި އެ މަސައްކަތް ކުރާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން ހަވީރު 5:00 އަށް ކަމަށް ބުންޏެވެ.
އެ ކުންފުނިން ބުނީ، އެ ދުވަހަކު ކަރަންޓު ދޫކުރާ ޓަވަރުން ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް ސްޓެލްކޯއިން އެސްއެމްއެސް އެއް ފޮނުވާނެ ކަމަށެވެ. އަދި އެ މެސެޖު ލިބުމުން ކަރަންޓު ލުމަށްޓަކައި އެކުންފުންޏާ އެކު ސޮއިކޮށްފައިވާ ފަރާތްތަކަށް ދޫކޮށްފައިވާ ސްލިޕާއެކު، އެޓަވަރަކަށް ދިއުމުން އެ ފްލެޓަކަށް ކަރަންޓު ދެވިގެންދާނެ ކަމަށް ބުންޏެވެ.
އަދި މަސައްކަތުގެ ބާވަތުން، އެ ދުވަހަކު ކަރަންޓު ދިނުމަށް ހަމަޖެހިފައިވާ ދެ ޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސްއެމްއެސް ލިބި ހާޒިރު ނުވެވިއްޖެ ކަމަށްވާނަމަ، އެފަރާތަކަށް ދެން އެ ފުރުސަތު ދެވިގެންދާނީ ބާކީ ހުރި ޓަވަރުތަކަށް ކަރަންޓުދީ ނިމުމުން ކަމަށްވެސް ސްޓެލްކޯ އިން ބުންޏެވެ.
އެހެންކަމުން ކޮންމެ ދުވަހަކުވެސް ކަރަންޓު ދެވޭ ޓަވަރުތަކުން ފްލެޓް ލިބިފައިވާ ފަރާތްތަށް އެ ދުވަހަކު ހާޒިރުވުމަށް އެކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ