ލާދީނީ މީހުންގެ އަމަލުތައްވެސް ހުއްޓުވަން ޖެހޭ: ޒައިދު

ހިމާޔަތްކުރެވިފައިވާ ދޫނި ހިފާ، ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅުމަށް ކަމާއިބެހޭ ފަރާތްތަކުން ނިކުންނެވި ފަދައިން ރާއްޖޭގައި ދީނަށް ފުރައްސާރަ ކުރާ ލާދީނީ މީހުންގެ އަމަލުތައްވެސް ހުއްޓުވަން ޖެހޭ ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚު ޒައިދު މިފަދައިން ވިދާޅުވެފައިމިވަނީ މި ދުވަސްވަރަކީ ދުނިޔޭގެ އެކިކަންކޮޅުތަކުން ވަރަށް ގިނަ ބާވަތްތަކުގެ ދޫނި ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ދުވަސްވަރަކަށްވާއިރު އެދޫނިތައް ހިފައި އަނިޔާކުރަމުންދާ ދުވަސްވަރެއްގައެވެ.
ޒައިދު ކުރެވި ޓްވިޓްގައި ވިދާޅުވީ މާތްﷲ ތަޢާލާ ދޫނި ސޫފާސޫފި ލެއްވެވީ އިންސާނުންނަށްޓަކައި ކަމަށާއި މިހާރު އައިސްއުޅޭ ދޫނިތަކުގެ ޙިމާޔަތުގައި ކަމާބެހޭފަރާތްތަކުން ފަންކްޝަން ކުރަމުންދާ ރަނގަޅު ގޮތަށް، ލާދީނީ މީހުންނާއި، ސޯޝަލްމީޑިއާގައި ދީނަށް ފުރައްސާރަކުރާ މީހުންނާއި އެމީހުންގެ ނުބައި ޢަމަލުތައްވެސް ހުއްޓުވެންޖެހޭ ކަމަށެވެ.
ރާއްޖެއަށް މިދުވަސްވަރު އަންނަ ދޫނިތަކުގެ ހިމާޔަތުގައި ކަމާއިބެހޭ އެންމެހައި ފަރާތްތައް ހާރާކާތްތެރިވާ ގޮތަށް ރާއްޖެގައި ފާޅުކަން ބޮޑު ގޮތެއްގައި އިސްލާމް ދީނަށް ފުރައްސާރަކޮށް ދީނާއި ދެކޮޅަށް ހިންގާ ލާދީނީ މީހުންގެ އަމަލުތައް ބެލުމުގައިވެސް ކަމާިއބެހޭ ފަރާތްތަކުން ފަންކްޝަން ރަނގަޅުވެ ހަލުވި ފިޔަވަޅު ތަކެއް އެޅުން މުހިންމު ކަމަށް ޝައިޚު ޒައިދު ވިދާޅުވިއެވެ.
ރާއްޖެއަށް ޒިޔާރަތް ކުރާ ދޫނިތައް ހިފާ ހައްޔަރުކޮށް ގެއްލުންދޭ މީހުންނާއިމެދު ފިޔަވަޅު އަޅާނެކަމަށް ކަމާއި ގުޅުންހުރި އިދާރާތަކުން ވަނީ ބުނެފައެވެ.
އަދި މިކަމުގައި އީޕީއޭއާއި، ރައްޔިތުންގެ މަޖިލީހުގެ ކަމާއި ގުޅުންހުރި ކޮމެޓީތަކާއި، ކައުންސިލްތަކާއި، މިނޫންވެސް އެކި ވުޒާރާތަކުން ގުޅިގެން ގެންދަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ