ރައްޔިތުންނަށް ހިދުމަތްކޮށް ރައްޔިތުންގެ ބޭނުންތަށް ފުއްދައިދޭން ތިބޭ ބަޔަކީ ސަރުކާރު ކަމަށާއި ރައްޔިތުން އުފާވެގެން ނޫނީ ސަރުކާރު ވެސް އުފާ ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ހޯރަފުށީ ދާއިރާއަށް ކޯލިޝަނުން އެމްޑީއޭގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓެއްގެ ކެމްޕޭން ލޯންޗްކުރުމަށް ރޭ ހޯރަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ މި ސަރުކާރުން އަބަދު ވެސް މަސައްކަތް ކުރާނީ ރައްޔިތުން އުފާކޮށްދީ އެ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް ކަމަށެވެ.
ސިޔާމް ވިދާޅުވީ "ސިޔާމަށް ނުވަތަ ސަރުކާރު ހިއްސާވާ ޕާޓީއެއް"ގެ އިސް ބޭފުޅެއް ކަމުގައި ވިޔަސް އެ ބޭފުޅަކަށް ރަނގަޅު ސިއްހީ ފަރުވާ އާއި އެހެނިހެން ހިދުމަތްތަށް ލިބޭނަމަ އެ ކަމެއް ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އޮންނަންވާނެ ކަމަށެވެ.
"އަޅުގަނޑަށް ރަނގަޅު ސިއްހީ ފަރުވާ ލިބޭނަމަ އެކަން ކޮންމެ ދިވެހި ރައްޔިތަކަށްވެސް އެފަރުވާ އެގޮތަށް ލިބެން ޖެހޭނެ. އަޅުގަނޑުގެ ދަރިންނަށް ރަނގަޅު ތައުލީމު ލިބޭނަމަ ކޮންމެ ދިވެހި ދަރިޔަކަށް ވެސް އެ ތައުލީމު ލިބެން ޖެހޭނެ. އަދި އަޅުގަނޑު އުފަލާއެކީ އުޅޭނަމަ ކޮންމެ ރައްޔިތަކުވެސް އުފަލުގަ އުޅެން ޖެހޭ،" ސިޔާމް ވިދާޅުވި އެވެ.
ސިޔާމް އިތުރަށް ވިދާޅުވީ އިސްލާމީވަންތަ ކަމުގެ އެންމެ ރިވެތި އުސޫލަކީ އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ އަޅާލުން ކަމަށާއި މި ސަރުކާރުގެ ބޭނުމަކީ ރައްޔިތުންނަށް އަޅާލުމާއި ދީލަތިވުން ކަމަށެވެ. އަދި ރައްޔިތުން ބޭނުންވަނީ ކޮންކަންތައްތަކެއްތޯ ބަލައި އެ ބޭނުންތަށް ރައްޔިތުންނަށް ފުއްދައިދީ ރައްޔިތުން އުފާވެރި ކުރުވުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ބޭނުންކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.
"ރައްޔިތުން އުފާވެގެން ނޫނީ ސަރުކާރަށް ވެސް އުފާވެރި ކަމެއް ނުލިބޭނެ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ