'އިންޑިޔާ އައުޓް' ގެ އަޑީގައި ތިބީ ހަރުކަށި ފިކުރުގެ މީހުން: ނަޝީދު

"އިންޑިޔާ އައުޓް" ގެ ނަމުގައި ސޯޝަލް މީޑިއާގައި ފަށާފައިވާ ކެމްޕެއިނުގެ އަޑީގައި ތިބީ ހަރުކަށި ފިކުރުގެ މީޙުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް އިއްޔެ ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޕީޕީއެމް އާއި ކުރީގެ ރައީސް މުހައްމަދު ވަހީދު ގެންދަވަނީ ހަރުކަށި މީހުންގެ ނާޖާއިޒް ފައިދާ ނަންގަވަމުން ކަމަށެވެ. އަދި އެއީ ޕީޕީއެމުން ކުރާ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށާއި ރާއްޖޭގެ މިނިވަންކަން އެންމެ ފަސޭހައިން ގެއްލޭނެ ކަމަކީ ވެސް އެކަމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ތުހުމަތު ކުރައްވާ ގޮތުގައި އިދިކޮޅުން މަސައްކަތް ކުރަނީ "އައިސިސް ރާއްޖެ ހިފުމުގެ ޕްލޭން" އަކަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހަށް ނަޝީދު އެ މެސެޖް ދޫކޮށްލެއްވީ ސަރުކާރާ ދެކޮޅަށް އަޑުއުފުލަން މާލޭގައި އިއްޔެ ބޭއްވި ސައިކަލް ބުރު ކުރިއަށް ދިޔަ ވަގުތު އެވެ. އެހެންނަމަވެސް އިއްޔެގެ ހަރަކާތަކީ އިދިކޮޅު ކޯލިޝަނުން ރޭވި ހަރަކާތެއް ނޫންކަމަށް އިދިކޮޅުން ބުނެ އެވެ.
"އިންޑިޔާ އައުޓް" ގެ ނަމުގައި ފަށާފައިވާ ކެމްޕެއިނަކީ ދިވެހި ބިމަށް އިންޑިޔާއިން ވެރިވެގަންނަން މަސައްކަތް ކުރާ ކަމަށް ބުނެ އެކަމާއި ދެކޮޅަށް އަޑު އުފުލާ ކެމްޕެއިނެކެވެ. އިންޑިޔާއާއި ރާއްޖެއާއި ދެމެދު ބަދަހިވެފައިވާ ގާތް ގުޅުމުގެ އަޑީގައި ނޭނގޭ ސިއްރުތަކެއް ހުރިކަމަށް އިދިކޮޅުން ތުހުމަތު ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ