އިންޑިއާގެ ސުޕްރީމް ކޯޓުން އެގައުމުގެ މަޝްހޫރު ގާނޫނީ ވަކީލަކު، އިންޑިއާގެ އެއްރުޕީސްއިން ޖޫރިމަނާކޮށްފިއެވެ.
އުމުރުން 63 އަހަރުގެ ޕްރަޝާންތު ބުޝާންއަކީ ހައްގުތަކުގެ މައްސަލަތަކުގައި މީހުންނަށް ކޯޓުތަކުގައި ވަކާލާތުކޮށްދޭ ވަކީލެކެވެ.
އަދި އާންމު މަސްލަހަތާ ގުޅުންހުރި އެތައް މައްސަލަތަކެއްވެސް އޭނާ އިންޑިއާގެ އެކި ކޯޓުތަކަށް ވައްދާފައި ވެއެވެ.
ޕްރަޝާންތު ބުޝާން އެއްރުޕީސްއިން ޖުރިމަނާކުރީ، ޖުޑިޝަރީގެ ގަދަރަށް އުނިކަންލިބޭފަދަ ދެ ޓްވީޓެއް ކުރައްވައިގެން އެކަމުގެ އަދަބެއްގެގޮތުންނެވެ.
މިއަހަރުގެ ޖޫންމަހުގެ ތެރޭގައި ޕްރަޝާންތު ބުޝާން ކޮށްފައިވާ ދެ ޓްވީޓްގެ ތެރެއިން އެއް ޓްވީޓްގައިވަނީ އިންޑިއާގެ އުންތަމަފަނޑިޔާރު ހާރލީ-ޑޭވިޑްސަން ސައިކަލެއްގައި އިންނަވާ ފޮޓޯއެކެވެ.
ސުޕްރީމް ކޯޓުން އެއްރުޕީސްއިން ޖޫރިމަނާކުރުމުން ގާނޫނީވަކީލު ޕްރަޝާންތު ބުޝާން ވިދާޅުވެފައިވަނީ، ކޯޓުގެ ހުކުމާ އެއްގޮތަށް އޭނާ އެއްރުފިޔާ ކޯޓަށް ދައްކަވާނޭ ކަމަށެވެ.
ޕްރަޝާންތު ބުޝާންވަނީ، އެއްރުޕީސް ހިފައިގެން ހުންނެވި ފޮޓޯއެއް ޓްވީޓް ކުރައްވާފައެވެ. ކޯޓަށް ދައްކަން އެއްރުޕީސް އޭނާއަށް ދެއްވީ އޭނާގެ ގާނޫނީ ވަކީލު ރަޖީވް ދަވަން ކަމަށްވެސް ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ޖޫރިމަނާކުރި ފައިސާ މިމަހުގެ މެދުތެރޭގެ ނިޔަލަށް ދެއްކުމަށެވެ. އެ މުއްދަތުގައި ފައިސާ ނުދައްކަފިނަމަ ތިންމަސް ދުވަހަށް ޖަލަށް ލުމުގެއިތުރުން، ބާރ ކައުންސިލުންވެސް ސަސްޕެންޑް ކުރެވޭނޭ ކަމަށް ބުނެފައި ވެއެވެ.
ސުޕްރީމް ކޯޓުގެ މިހުކުމާ ގުޅިގެން ދުނިޔޭގެ އެންމެބޮޑު ޑިމޮކްރަސީކަމަށް ދައުވާކުރާ އިންޑިއާގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް މިންވަރާމެދު ވަރަށް ބޮޑަށް ސުވާލު އުފެދިފައިވާ ކަމަށް އިންޑިއާއާއި، ދުނިޔޭގެ މީޑިއާއިންވެސް ރިޕޯޓްކޮށްފައި ވެއެވެ.
މަޝްހޫރު ގާނޫނީ ވަކީލު ޕްރަޝާންތު ބުޝާންއަކީ އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހިންދޫ ވަތަނީ ޚިޔާލުގެ ބީޖޭޕީ ސަރުކާރާ ވަރަށް ދެކޮޅު ޚިޔާލުގެ ބޭފުޅެކެވެ. އިންޑިއާގެ އެކި ކޯޓުތަކަށް އޭނާ ހުށަހެޅި ގިނަ މައްސަލަތަކަކީވެސް ސަރުކާރާ ދެކޮޅު، އާންމު މަސްލަހަތާ ގުޅުންހުރި މައްސަލަތަކެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުން އެގައުމުގެ ގާނޫނީ ވަކީލަކު އެއްރުޕީސްއިން ޖުރިމަނާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ